ދަރީންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭނީ އަމަލީ ހެޔޮ ނަމޫނާއިން ކަމަށާއި ލޯތްބާއި އޯގާތެރިކަމާއި ކުލުނުގެ ވެއްޓެއްގައި އެކުދިން ތަރުބިއްޔަތުކޮށްގެން ކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ ދަރީންނަށް އުނގަންނައިދޭން ޖެހޭ ކަންތައްތަކުގެ ތެރޭގައި ގަޟާގަދަރަށް އީމާންވުން ހިމެނޭ ކަމަށާއި އޭގެ އިތުރަށް މައިންބަފައިން ދަރީންނަށް ދަސްކޮށްދޭންޖެހޭ އަހުލާގީ ފިޔަވަޅުތަކުގެ ތެރޭގައި އެކުދީން ތެދުބަސް ބުނުމަށް އަދާކުރުވައި، އެކަމަށް ތަމްރީނު ދިނުން ހިމެނޭ ކަމަށެވެ. އަދި ތެދުބަސް ބުނަން އާދަވާ ދަރިން ދަސްވެރިވާނީ ސިއްދީގުންގެ މަތިވެރި ސަނަދު ލިބިގެން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
"ދަރީންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭނީ އަމަލީ ހެޔޮ ނަމޫނާއިންނެވެ. ލޯތްބާއި އޯގާތެރިކަމާއި ކުލުނުގެ ވެއްޓެއްގައި ދަރީން ތަރުބިއްޔަތުކޮށްގެންނެވެ. ހަރުކަށިކަމާއި ހިތްހަރުކަމާ ދުރުވެގެންނެވެ...،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ބައެއް މައިންބަފައިން މިއަދު ދައްކާ ވާހަކައަކީ އެމީހުންގެ ދަރީން ކުއްލިއަކަށް ނަމާދާ ދުރުހެލިވާ ވާހަކަ ކަމަށާއި ފޯނާއި ކޮމްޕިއުޓަރު ފަދަ ޒަމާނީ ވަސީލަތްތަކުގެ ތެރެއަށް ގެނބި, މާތްﷲ ހަރާމްކުރެއްވި ކަންތައްތަކަށް އަރައިގަންނަމުންދާ ވާހަކަ ކަމަށެވެ.
"ކުއްލިއަކަށް މާބޮޑަށް މިނިވަންވެ, މައިންބަފައިންނަށް ނުވެސް އެނގި, ހަޔާތުގެ ބައިވެރިޔަކު ހޯދުމުގެ މަސައްކަތް ފަށާ ވާހަކައެވެ. މިފަދަ ބަލިތަކާއި ރޯގާތައް އެކުދީންނަށް މި ޖެހެނީ, އެފަދަ ކަންކަމުން އެކުދީން ހިމާޔަތްކުރުމަށް އަޅަން ޖެހޭ ހަރުދަނާ ފިޔަވަޅުތައް ނާޅާތީއެވެ. މިކަމަށް އަޅަންޖެހޭ ފުރަތަމަ ފިޔަވަޅަކީ އީމާންކަމުގެ ތަރިބިއްޔަތުދިނުމުގެ ފިޔަވަޅެވެ. މި ތަރުބިއްޔަތު ދޭންވާނީ އޯގާތެރިކަމާއި ލޯތްބާ އެކުގައެވެ. ޅަދަރީން ލައްވައި ގަދަކަމުން ނަމާދުކުރުވައި, ރޯދަ ހިއްޕުވާ ނަމަ އެކުދިން އެކަންކަން ކުރާނީ ކުރާ ހިތަކުން ނޫނެވެ. އޭރުން އެކުދީން ބޮޑުވަމުން އެ އަންނަނީ ބިރުވެރި މާހައުލެއްގައެވެ. ނަތީޖާއަކަށްވާނީ, ދީނަށް ނަފްރަތު ކުރުމެވެ...،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނީ އިސްލާމްދީން ގޮވައިލަނީ އޯގާތެރިކަމާއި, ލޯތްބާއި, ކުލުނާއެކު ދަރީންނަށް ދީނީ ތަރުބިއްޔަތު ދިނުމަށް ކަމަށާއި ކީރިތި ރަސޫލާ އަންގަވާފައިވަނީ ހަތް އަހަރުގައި އެކުދީންނަށް ނަމާދުކުރުމަށް އަމުރުކުރުމަށާއި ރިވެތި ނަމޫނާ ދައްކައިގެން އެކުދިން ތަރުބިއްޔަރުކުރުމަށް ކަމަށެވެ.
ހުތުބާ
ހުތުބާ
ހުތުބާ
ހުތުބާ