އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެޕާޓީން ބޭރުކުރެވޭނެ މީހަކު މި ދުނިޔޭގައި ނެތް ކަމަށާއި ނަމަވެސް ބޭނުންފުޅުވާ ހުރިހާ ގޮތެއް ނުހެއްދެވޭނެ ކަމަށް ހީކުރައްވާނަމަ އެއީ ރަނގަޅު ވާހަކައެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
"ސަންގު ޓީވީ" އިން ރޭ ގެނެސްދިން އެމްޑީޕީ ޗެއާޕާސަން ބަހުސްގައި ފައްޔާޒް އެހެން ވިދާޅުވެފައިވާ އިރު، ފަހަކަށް އައިސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އެންމެ ވަރުގަދައަށް ދައްކަވާ ވާހަކައަކީ އެމަނިކުފާނު އެމްޑީޕީން ބޭރުކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް ދައްކަވާ ވާހަކައެވެ.
އެކަމާ ގުޅޭގޮތުން ފައްޔާޒް ވިދާޅުވީ އެމްޑީޕީން ރައީސް ނަޝީދު ބޭރުކުރެވޭނެ މީހެއް ނެތް ކަމަށާއި އެގޮތަށް ވިސްނައި، އެވާހަކަ ދެއްކުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި އެ ވާހަކަތަކުން ޕާޓީއަށް އޭގެ ނުބައި އަސަރު ކުރާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
"އެހެންވީމާ އިންތިހާބަކުން މޮޅުވުމަށްޓަކައި މުޅި ޕާޓީ ފުނޑުފުނޑުކޮށްލުމަކީ އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން. ރައީސް ނަޝީދު މި ޕާޓީން ބޭރުކުރެވޭނެ އެއްވެސް ޝަހުސިއްޔަތެއް މިއަދު ދުނިޔެއަކު ނެތް. ވަރަށް ސާފުކޮށް މި ދަންނަވަނީ. ދެން ރައީސް ނަޝީދު އަރިހުގައި އައްސަވާ, އަޅުގަނޑަށް ރައީސް ނަޝީދު މި ޕާޓީން ބޭރުކުރެވިދާނެތޯ. ފަހަރުގައި ވިދާޅުވެދާނެ އަޅުގަނޑު ޗެއާޕާސަނަކަށް އައިސްގެން ތިމަންމަނިކުފާނު ބޭނުންހާ ގޮތެއް މިތަނަކު ނުހެދޭނެއޭ. އެހެންކަމަށްވަންޏާ އެއީ ރަނގަޅު ވާހަކައެއް،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒަކީ މިނިވަން މީހެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ޗެއާޕާސަންކަމަށް ވަޑައިގެން ކަންކަން ކުރިއަށްގެންދަވާނީ ޕާޓީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް، ރައީސް ނަޝީދުގެ މަޝްރާގެ މަތިން ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ރަނގަޅަށް ރައީސް ނަޝީދާ އެއްކޮށް މަސައްކަތްކުރެވޭނެ, މިހާތަނަށް މަސައްކަތްވެސް ކޮށްފައި އޮންނާނީ. ކުރިއަށްއޮތް ތަނުގައި ވެސް އިރާދަކުރެއްވިއްޔާ ވަރަށް ރީތިކޮށް މަސައްކަތްކުރެވޭނެ،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒްގެ ވާހަކަތަކަށް ރައްދުދެއްވަމުން، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި އިދިކޮޅުން ނުކުންނަވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ފައްޔާޒަކީ މިނިވަން ބޭފުޅެއް ނޫން ކަމަށާއި ވަޒީރަކަށް ވުމުން މަސައްކަތްކުރައްވަން ޖެހިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ އަންގަވާ ގޮތަކަށް ކަމަށެވެ. އޭގެ އިތުރުން ރައީސް ނަޝީދު ޕާޓީން ބޭރުކުރަން ކުރާ މަސައްކަތްތައް ވެސް އިންތި ފާހަގަކުރެއްވިއެވެ.
"ރައީސް ނަޝީދު ބާކީކުރުމުގެ މަސައްކަތެއް އެ ކުރައްވަނީ. ރައީސް ނަޝީދުގެ ސިޔާސީ ހުނަރުވެރިކަމާއި ކުޅަދާނަކަމުން އެބޭފުޅާއަށް އެކަން ކާމިޔާބެއް ނުވާނެ. ނަމަވެސް އެކަމުގެ މަސައްކަތް ފައްޓަވާފައިވާތާ ކިތަންމެ ޒަމާނެއް. އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިއްތިފާގުން ފާސްކުރީ އެމަނިކުފާނުގެ ހަށިކޮޅަށް ދިން ހަމަލާގެ މައްސަލައިގެ މައުލޫމާތު އެމްޑީޕީގެ އާންމު މެންބަރުންނަށް ދިނުމަށް. ނަމަވެސް ގުޅައިގެން އަންގައިގެން ކޯރަމް ހަމަނުކުރި. މިއީ ރައީސް ނަޝީދަށް އިހުތިރާމު ކުޑަކުރުމާއި އެމަނިކުފާނަށް އިހާނެތިކޮށް ހިތާ މިންވަރު،" އޭނާ ވިދާޅުވިއެވެ.
މާދަމާ ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންކަމަށް މިނިސްޓަރު ފައްޔާޒް ވާދަކުރައްވަނީ ރައީސް ސޯލިހުގެ ފެކްޝަނުންނެވެ. އަދި ފައްޔާޒްއާ ދެކޮޅަށް ނުކުންނަވާ އިންތި ވާދަކުރައްވަނީ ރައީސް ނަޝީދުގެ ފެކްޝަނުންނެވެ.