ޚަބަރު

އާޒިމާގެ ލޮލުން ކަރުނަ، ވިދާޅުވީ ތިން އަހަރުވީ އިރުވެސް ކުށަކީ ކޮބައިކަން ބުނެދެވިފައިނުވާ ކަމަށް!

މުހައްމަދު އިޝާން

ތިން އަހަރު ވެގެންދިޔައިރުވެސް އޭނާކުރި ކުށަކީ ކޮބައިކަން ދައުލަތަށް ބުނެދެވިފައިނުވާ ކަމަށް ވިދާޅުވެ ކުރީގެ އެޓާނީ ޖެނެރަލް އަދި ރައީސް އޮފީހުގެ މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރު މިއަދު ސުޕްރީމް ކޯޓްގެ ޝަރީއަތުގައި އަސަރާއެކު ވާހަކަދައްކަވައިފިއެވެ.

އާޒިމާގެ މައްޗަށް ކޮށްފައިވަނީ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާއެވެ.

އެޕްރީލް މަހުގެ 21 ވަނަ ދުވަހު ހައި ކޯޓުން ހުކުމްކޮށްފައިވަނީ ކުރިމިނަލް ކޯޓުން އާޒިމާގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުން މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމީ ރަނގަޅަށް ކަމަށެވެ. ހައި ކޯޓުގެ އެ ނިންމުން އާޒިމާ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާކުރައްވައިފައެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި އަސަރާ އެކު އާޒިމާ ވިދާޅުވީ، ކުށެއްގެ ތުހުމަތުކުރެވޭ ފަރާތަށް ގާނޫނު އަސާސީން ހައްގުތަކެއް ލިބިދޭ ކަމަށެވެ. އެހެންކަމުން އިންސާފުން ނޫނީ އޭނާގެ ޝަރީއަތް ގެންދިޔުމުގެ ފުރުސަތު ސުޕްރީމް ކޯޓުގެ ދީގެން ނުވާނެ ކަމަށާއި މައްސަލަ ދިގު ދެމިލައިގެންދާތީ އެކަމުގެ ކަންބޮނޑުވުން އާޒިމާ ވަނީ ފާޅުކޮށްފައެވެ.

"މި މައްސަލައިގައި މިހާރު ދަށު ކޯޓުގައި މައްސަލަ ހިނގާއިރު، މިއީ ހަ ވަނަ ފަނޑިޔާރު. ތިން އަހަރާ ބައި ވީ، އަދި ކިރިޔާ އަޅުގަނޑަށް ލިއުމުން ރެޑިއުސް ކޮށްފަ ނިންމުމެއް މި ލިބުނީ މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމާ ގުޅޭގޮތުން. މިހާ ހިސާބަށް މައްސަލަ ދިޔައިރު އަޅުގަނޑަށް ކޯޓަކުން ދައުލަތުން އަންގާފައެއް ނެތް ކޮބައިތޯ އަޅުގަނޑުގެ ކުށަކީ. މައްސަލަ ކުރިއަށްދާން މި ފުރުސަތު ލިބެނީ ތިން އަހަރާއި ބައި ވީ ފަހުން. ޖޮބެއް ނެތް. އަޅުގަނޑުމެން މި ދަންނަވަނީ އެއަކަށް ފުރުސަތެއް ނުދެވޭނެއޭ" ރޮވިފައި އާޒިމާ ވިދާޅުވިއެވެ.

ޝަރީއަތުގައި ވާހަކަ ދައްކަވަމުން އާޒިމާގެ ދިފާއީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ، އާޒިމާގެ ފަރާތުން ޖަވާބު ތައްޔާރުކުރެއްވީ ދައުލަތުން ހުށަހެޅި އިސްތިއުނާފުގައި ގާނޫނީ ހުޝޫމާތެއް އޮތްކަން ފާހަގަކުރައްވައި ކަމަށެވެ. އެ ނުކުތާއަކީ އާޒިމާގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްއަށް ހުށަހެޅި އިރު ނިހާޔަތު އެ އޮފީހުގައި މަސައްކަތްކުރަމުން ދިޔަކަން ފާހަގަކުރައްވައި ހުށަހެޅި ނުކުތާއެވެ. އެކަމާ ގުޅިގެން ނިހާޔަތު ވިދާޅުވީ، އެ އޮފީހުގައި އެއިރު މަސައްކަތް ކުރެއްވިޔަސް އާޒިމާގެ ފައިލްއާ ގުޅޭގޮތުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާނެ ކަމަށެވެ.

މީގެ ކުރިން ކުރިމިނަލް ކޯޓުން ނިންމާފައިވަނީ ނިހާޔަތަށް އާޒިމާގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ ކަމަށެވެ. އެ ނިންމުން ދައުލަތުގެ ފަރާތުން ވަނީ ހައި ކޯޓާއި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ދެ ވަނަ ފަހަރަށް ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި އާޒިމާ ވިދާޅުވީ، އެކްސްކްރޯ އެގްރީމަންޓާ އެއްގޮތަށް ފައިސާ ޖަމާވެއްޖެ ކަމަށް އޭނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައުލޫމާތު ދެއްވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރައީސް އޮފީހަށް ފޯރުކޮށްދިން މައުލޫމާތުގެ މައްޗަށް ރިއާޔަތްކުރައްވައި ކަމަށެވެ. އެހެންކަމުން ދައުލަތުގެ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިންކަމުގެ ދައުވާ ނުކުރެވޭނެ ކަމަށެވެ.

އާޒިމާ ވިދާޅުވީ، އެ ދައުވާ ދައުލަތުން ކުރާނަމަ، އޭސީސީއަށް އޭނާ ދޮގު މައުލޫމާތު ދެއްވީ ތެދު މައުލޫމާތު އެނގި ހުރެ އޮޅުވާލުމުގެ ނިޔަތުގައިކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. ނުވަތަ ބީއެމްއެލްގެ ލިޔެކިޔުންތަކުގައި ހުރި މައުލޫމާތާ ހިލާފަށް ދިންކަމަށް ވިޔަސް އެކަންވެސް ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް ދައުލަތުން އެކަމާ ގުޅޭގޮތުން ދަށު ކޯޓުތަކުގެ މަރުހަލާގައި ވެސް ވާހަކަ ދައްކާފައިނުވާ ކަމަށެވެ.

އަދި ވިދާޅުވީ އޭސީސީއަށް ދޮގު މައުލޫމާތެއް ދިންކަމަށް ބުނެ ކުރާ ދައުވާއާ ގުޅިގެން މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ ނުކުރެވޭނެ ކަމަށެވެ. އެއީ ސުޕްރީމް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ މައްސަލަ ބެލުމަށްފަހު ހުކުމްކުރީ މަނީ ލޯންޑަރިންގެ ދައުވާކުރާނަމަ ދެކަމެއް ފުރިހަމަވާން ޖެހޭނެ ކަމަށެވެ.

އެ ދެކަމަކީ ކުށްކޮށްގެން ހޯދި ފައިސާއެއްކަން ސާބިތު ކޮށްދިނުމާއި އެކުށް ކޮށްގެން ހޯދި ފައިސާގެ އަސްލު އޮޅުވާލައި އޭގެއިން މާލީ ނުވަތަ އެހެންވެސް ފައިދާއެއް ހޯދުން ކަމަށެވެ. އާޒިމާ ވިދާޅުވީ، އެ ދެކަމުންކުރެ އެއްވެސް ކަމެއް އޭނާގެ ކިބައިން ފުރިހަމަނުވާ ކަމަށާއި ދައުލަތުން ވެސް އެކަމާ ގުޅޭގޮތުން ވާހަކަ ނުދައްކަވާ ކަމަށެވެ.

އެއަށްފަހު އާޒިމާގެ ފަރާތުން ވާހަކަ ދައްކަވަމުން ނިހާޔަތު އެދިވަޑައިގަތީ މަދަނީ މިންގަނޑުން ދެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ހައި ކޯޓުގެ އަޣުލަބިއްޔަތުން ނިންމާފައިވާ ނިންމުން ބާތިލުކޮށް ދިނުމަށެވެ.

މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ، އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާން އެވެ.