އެމްޑީޕީގެ ސަރުކާރެއް ވެރިކަމުގައި އޮތީ އެ ޕާޓީ ހިންގާލެވިފައިވާތީކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އޭނާގެ ވާދަވެރިޔާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއަށް ރައްދު ދެއްވައިފިއެވެ.
ރާއްޖޭޓީވީން މިރޭ ކުރިއަށް ގެންދިޔަ ޗެއާޕާސަން ބަހުސްގައި ވާހަކަ ދައްކަވަމުން އިމްތިޔާޒު ވިދާޅުވީ، އެމްޑީޕީ ނުހިނގާ ކަމަށް ދެންނެވެން ނެތް ކަމަށާއި އެޕާޓީ ވެރިކަމުގައި އޮތީ ޕާޓީ ހިންގާލެވިފައިވާތީ ކަމަށެވެ.
"މިޕާޓީ ހިނގާފަ އޮތީމަ އަޅުގަނޑަށް ރައްޔިތުން މަޖިލިސް ތަމްސީލުކުރާ މެމްބަރެއްގެ ގޮތުގައިވެސް މިވަގުވެސް މި އިދެވެނީ. މިޕާޓީ ހިނގާފަ އޮތީމަށް ވަޒީރަށް ވެސް ހަމަ ޓައި އަޅުވާފައި ވަޒީރުކަމުގައި ވެސް މި ހުންނެވެނީ. ވަޒީރު ކުރިން ނިސްބަތްވެވަޑައިގަންނަވާ ޕާޓީގައި ހުންނެވިނަމަ ހަމަގައިމު ވަޒީރުކަމެއް އަދު ނޫނީ ރައްޔިތުން މަޖިލީހުގެ މެމްބަރުކަމެއްވެސް ލިބިވަޑައިގަނަފެއްނުވޭ،" އިމްތިޔާޒު ވިދާޅުވިއެވެ.
އެމްޑީޕީ ހިންގާލުމަކީ އެމްއެމްޕީއާރްސީ ކޮރަޕްޝަން، ވެންޓިލޭޓަރު ކޮރަޕްޝަން އަދި ގޯތިގެދޮރު ރައްޔިތުންނަށް ނުލިބުމާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައްޔާޒާ ގުޅުންހުރި ބޮޑެތި ކުންފުނިތަކަށާއި ފައްޔާޒުގެ އާއިލާއަށް ބަދަލުދިނުންތޯ އިންތި ވަނީ ސުވާލުކުރައްވައިފައެވެ.
މީގެ އިތުރުން އިންތި ވިދާޅުވީ ޖަވާބުދާރީކުރުވަނިވި ދައުލަތެއް ބިނާކުރުމަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި ވައްކަމާއި ހިޔާނާތުގެ އަމަލުތައް ހިންގާނަމަ އެކަމުގެ ވާހަކަ ދެކެވެން ވާނެ ކަމަށެވެ.
އިންތި ވަނީ އޭނާގެ މެނިފެސްޓޯގައިވާ ޕާޓީގެ ދަފްތަރު ސާފުކުރުމާ ބެހޭގޮތުން ވާހަކަދައްކަވައިފައެވެ. އަދި އެމްޑީޕީގެ އާންމު މެންބަރުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން ޖެހޭކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އެމްޑީޕީގެ ވަސީލަތްތައް ހަރުދަނާކުރަން ޖެހޭ. އަބަދުވެސް އޮންނާނެ ކަންކަން ރަނގަޅުކުރުމަށް އޮންނަ ޖާގަ. އޭގެ ބޭނުންވެސް ހިފަން ޖެހޭނެ. އެމްޑީޕީގެ ދަފްތަރު ސާފުކުރުން އެއީ ކުރަން ޖެހޭނެ ކަމެއް. އަޅުގަނޑު ދަފްތަރު ސާފުކުރުމާ ބެހޭ ހުށަހެޅުން ވާނެ މިފަހަރުގެ މެނިފެސްޓޯގައި ވެސް ހުށަހަޅާފައި،" އޭނާ ވިދާޅުވިއެވެ.
ބަހުސްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރެއް އޮތަސް ޕާޓީ އެއްވެސް ވަރަކަށް ނުހިނގާ ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު އެމްޑީޕީން ބާއްވާ އެ ޕާޓީގެ ބޮޑު ޖަލްސާ ނުބާއްވާތާ ތިން އަހަރުވެފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"އެއީ އަޅުގަނޑުމެންގެ ހިތުގައިވެސް ހުރި ޝުއޫރުތަކެއް، އެހެންވީމާ އަޅުގަނޑަށް ގަބޫލުކުރެވުނީ މިޕާޓީގެ ޖޯޝާއި ފޯރި އަލުން ގެނެވޭނީ ޕާޓީގެ މެމްބަރުންގެ ފޯރި ގަދަވެގެންނޭ، ޕާޓީގެ މެމްބަރުން ފޯރި ގަދަކުރެވޭނީ މައި އޮފީހުން ޕާޓީގެ ލީޑާޝިފުން އެ މީހުންގެ އަތުގައި ހިފައިގެން އެކަންކުރީމަ،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައުމުގެ ކުރިން ޕާޓީގެ ލީޑާޝިޕުގެ ބޭފުޅުންގެ އަތުގައި ހިފައިގެން ހަރަކާތްތައް ކުރިއަށް ގެންދިޔައީ އާންމު މެމްބަރުން ކަމަށާއި މިހާރު އެމްޑީޕީ ވެރިކަމުގައި އޮތީ އާންމު މެމްބަރުން ގައިން ލެ އާއި ދާ އޮހޮރުވައިގެން ކުރި މަސައްކަތުން ކަމަށެވެ. އެހެންކަމުން އާންމު މެމްބަރުންގެ ފޯރިގަދަކޮށް، ހީނަރުވެފައިވާ ގުޅުން ރަނގަޅުކުރުމަށް ޕާޓީގެ ލީޑާޝިޕުން އާންމު މެމްބަރުންގެ އަތުގައި ހިފައިގެން ނުކުންނަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ، ރަށްރަށުގެ ތިބި އާންމު މެމްބަރުންނާއި ޕާޓީގެ ލީޑާޝިޕާ ގުޅުވައިދޭ ނާރެހަކީ ހަރުގެތައް ކަމަށާއި ނަމަވެސް ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭނަށް ކުރެއްވި ދަތުރުފުޅުގައި 187 ރަށަށް ވަޑައިގެންނެވި އިރު، ރަނގަޅަށް ހަރުގެ ހުރީ 10 ރަށެއްގައި ކަމަށެވެ. އެކަން އިންތިގެ ޓީމަށް ވެސް ފެނިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީ ހިންގާލުމުގެ މާނައަކީ ޕާޓީގެ ލީޑާޝިޕާއި އާންމު މެމްބަރުންނާ ދެމެދު އޮތް ހީނަރުވެފައިވާ ގުޅުން ފޯރިގަދަކޮށް އެމްޑީޕީގެ ހަރަކާތްތައް ރަށްރަށުގައި ކުރިއަށް ގެންދިޔުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު