ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެއްޓުމުން ފިލައިގެން އުޅެފައި, އަނެއްކާ އެމްޑީޕީއަށް ވެރިކަން ލިބުމުން ފެނުނު ބަޔަކު އެ ޕާޓީގައި އެބައުޅޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
"ރާއްޖެ ޓީވީ" އިން ރޭ ގެނެސްދިން އެމްޑީޕީ ޗެއާޕާސަން ބަހުސްގައި ފައްޔާޒް ވިދާޅުވީ ސަރުކާރު ވެއްޓުމުން ފިލައިގެން އުޅެފައި, އަނެއްކާ އެމްޑީޕީއަށް ވެރިކަން ލިބުމުން "ކުނަމެއްސޭ، އޭއްޗެކޭ، މީއްޗެކޭ" ކިޔާފައި ވާހަކަދައްކާ ކަމަށެވެ.
ފައްޔާޒް އެހެން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ދެއްކެވި ވާހަކައަކަށް ރައްދުދެއްވަމުންނެވެ. މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި ބޮންޑޭ ވިދާޅުވެފައިވަނީ ޗެއާޕާސަންކަމުގެ އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)އާ ދެކޮޅަށް ނުކުންނަވާ ފައްޔާޒްގެ ޓީމުގައި ހިމެނެނީ ހަކުރުގަނޑެއް ފަހައި ކުނަމެހިތަކެއް ދުވާހެން ދުވާ މެންބަރުންތަކެއް ކަމަށެވެ.
ރޭގެ ބަހުސްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ އޭނާއަކީ ފިތުނަ އުފައްދާ މީހެއް ނޫން ކަމަށާއި މަސައްކަތްކުރައްވަނީ އިންސާފުވެރިކަމާއެކު ޕާޓީ ހިންގޭނެ ގޮތެއް ހެދުމަށް ކަމަށެވެ. އަދި އާ މެންބަރުންނަށް ވެސް އެމްޑީޕީން ޖާގަ ލިބޭނެ ގޮތް ހަދަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"ކޮންމެހެން މި ޕާޓީގައި ހަރުލައްވައިގެން ތިބި ބަޔަކު ނޫން ބަޔަކަށް މި ޕާޓީގައި ޖާގައެއް ނެތް ކަމަށް އޮންނަ އޮތުން ފިލުވާލަން ޖެހޭ. މި ޕާޓީއަށް އަލަށް އަންނަ ބަޔަކީ, ނުވަތަ އެންމެ ފުރަތަމަ ދުވަހު އައި މީހާ ނޫން މީހުންނަކީ ބޯވައިންނާއި ކުނަމެއްސާއި މީއްޗެކޭ ކިޔައިގެން އަޅުގަނޑުމެންގެ އާންމު މެންބަރުންނަށް އެ ކުރާ ފުރައްސާރަ އަޅުގަނޑުގެ ޗެއާޕާސަންކަމުގައެއް ނޯންނާނެ. ހަމަހަމަކަމާއެކު އަޅުގަނޑުމެން ޕާޓީ ހިންގާނީ, ހުރިހާ މެންބަރުން މިއަށް ލައިގެން،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީއަށް އެކަނި ސާފުކޮށް 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނީ އިތުރު މެންބަރުން ވެސް ގެނެސްގެން ކަމަށާއި ޕާޓީއާ ފަހުން ގުޅޭ މެންބަރުންނަށް ފުރުސަތު ނެތުމަކީ ބޭއިންސާފެއް ކަމަށެވެ.
"މި ޕާޓީގައި ތިބޭ ބަޔަކު މާ ކުރީގައި ތިބީމޭ, ބަޣާވާތަށްފަހު ފިލައި ތިބެފައި އަނެއްކާ ވެރިކަން ލިބުނީމަ އައިސްފައި, ކުނަމެއްސޭ އޭއްޗެކޭ މީއްޗެކޭ ކިޔާފަ ވާހަކަދައްކާ އިރުގައި މި ޕާޓީގައި މަސައްކަތްކުރަމުންދިޔަ, މި ޕާޓީއާ ފަހުން ވެސް ބައިވެރިވެގެންދިޔަ މީހުންނަށް ކޮންފަދަ ބޭއިންސާފެއްތޯ އެއީ. އެހެންވީމާ އަޅުގަނޑުގެ ޗެއާޕާސަންކަމުގައި އަޅުގަނޑު އެކަމަށް ޖާގައެއް ނުދޭނަން،" ފައްޔާޒް ވިދާޅުވިއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންކަމަށް މިނިސްޓަރު ފައްޔާޒް ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ. އަދި އިންތި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު