ފާއިތުވެދިޔަ 16 އަހަރު ޕާޓީ ހިންގުމަށް ފުރުސަތު ލިބި، އެކަންކަން ކުރެވިފައިނުވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)އަށް އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި އޭނާއާ ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ސުވާލުތަކެއް ކުރިމަތިކުރައްވައިފިއެވެ.

"ރާއްޖެ ޓީވީ" އިން މިރޭ ގެނެސްދިން އެމްޑީޕީ ޗެއާޕާސަން ބަހުސްގައި، އެ އިންތިހާބުގައި ވާދަކުރައްވާ ފައްޔާޒާއި އިންތި ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ހޫނު ރައްދުތަކެއް ދެއްވައިފައެވެ.

ބަހުސްގައި އިންތި ވަނީ އޭނާގެ މެނިފެސްޓޯގައިވާ ޕާޓީގެ ދަފްތަރު ސާފުކުރުމާ ބެހޭގޮތުން ވާހަކަދައްކަވައިފައެވެ. އަދި އެމްޑީޕީގެ އާންމު މެންބަރުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން ޖެހޭކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އެމްޑީޕީގެ ވަސީލަތްތައް ހަރުދަނާކުރަން ޖެހޭ. އަބަދުވެސް އޮންނާނެ ކަންކަން ރަނގަޅުކުރުމަށް އޮންނަ ޖާގަ. އޭގެ ބޭނުންވެސް ހިފަން ޖެހޭނެ. އެމްޑީޕީގެ ދަފްތަރު ސާފުކުރުން އެއީ ކުރަން ޖެހޭނެ ކަމެއް. އަޅުގަނޑު ދަފްތަރު ސާފުކުރުމާ ބެހޭ ހުށަހެޅުން ވާނެ މިފަހަރުގެ މެނިފެސްޓޯގައި ވެސް ހުށަހަޅާފައި،" އޭނާ ވިދާޅުވިއެވެ.

އިންތިގެ އެ ވާހަކަތަކަށް ރައްދުދެއްވަމުން ފައްޔާޒް ވިދާޅުވީ އެމްޑީޕީއަށް ލިބޭ 15 މިލިއަނެއްހާ ރުފިޔާ އިން 60 ޕަސަންޓް ޖަގަހަތައް ހިންގުމަށް ހާއްސަކުރަން ޖެހޭ ކަމަށާއި މީގެ ކުރިން ވެސް އެކަމަށް 50 ޕަސަންޓް ދިނުމަށް ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރި ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެކަން ކުރެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

"އިންތި އާއި އެބޭފުޅުންގެ ޓީމަކީ 16 އަހަރުވަންދެން މި ޕާޓީގެ ހިންގުމުގައި ތިއްބެވި ބޭފުޅުން. ކީއްވެތޯ ދަފްތަރު ސާފު ނުކުރެއްވީ. ޕާޓީގެ އަސާސީ ގަވާއިދުގައި އެބަ އޮވޭ, އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެއްޔާ އޮޓަމެޓިކުން ޕާޓީގެ މެންބަރުކަމުން ބާތިލުވާ ވާހަކަ. ކީއްވެތޯއޭ ދަފްތަރުގައި ބަހައްޓައިގެން މިއުޅެނީ މިއޮތްހާ ދުވަހު. އެހެންވީމާ މިއޮތްހާ ދުވަހު ނުކުރެއްވި ކަމެއް, ވަކި އިތުރު ފުރުސަތެއް ކީއްކުރަންހޭ އާންމު މެންބަރުން ދޭންވީ. އާ މީހަކަށް އެ ފުރުސަތު ދެއްވާށޭ, ދެއްވައިގެން އަޅުގަނޑުމެން އެކަން ކުރާނަމޭ. އަޅުގަނޑުގެ އެ ގާބިލުކަން އެބަހުއްޓޭ އެކަން ކުރުމުގެ, ވިސްނުން ވެސް އެބަހުއްޓޭ, އެ މިނިވަންކަން ވެސް އެބަހުއްޓޭ އެކަންކަން ކުރުމުގެ،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ސްޕޯކްސްޕާސަންގެ މަގާމުގައި ހުންނަވައިގެން ވެސް އިންތިއަށް މަސްއޫލިއްޔަތުތައް އަދާކުރެވިފައި ނުވާ ކަމަށާއި އަސާސީ ގަވާއިދުގައި ސްޕޯކްސްޕާސަންއާ ހަވާލުކުރެވިފައިވާ ކަންކަން އިންތިއަށް އަދާކުރެވިފައި ނުވާ ކަމަށެވެ.

"އަސާސީ ގަވާއިދުގެ 94 ވަނަ މާއްދާގައި އެބައޮވޭ ސްޕޯކްސްޕާސަން ކުރަން ޖެހޭނެ ކަންތައްތަކެއްގެ ވާހަކަ. މީޑިއާ ޔުނިޓެއް ގާއިމުކޮށް ޕާޓީގެ ފަލްސަފާ ނޫސްމަޖައްލާ, ޓީވީގެ ޒަރިއްޔާ އިން ތާއަބަދުމެ އާންމު މެންބަރުންނާ ހިސާބަށް ގެންގޮސްދިނުމަށް ކިހާވަރެއްގެ ކަމެއް މިކަމަށް ކުރެވުނުތޯ. އަޅުގަނޑަކަށް ނުފެނޭ އެކަންކަން ކުރެވިފައި އޮތް ތަނެއް. އަޅުގަނޑު އަނެއްކާވެސް ވަރަށް އިހުތިރާމާއެކު ދަންނަވާނީ ޗެއާޕާސަންގެ މަގާމަކީ ހިންގުންތެރި މީހަކަށް ކުރެވޭނެ ކަމެކޭ. ހަރުދަނާކޮށް މިނިވަންކަމާއެކު ކަންކަން ކުރެވޭނެ މީހަކަށޭ އެކަން ކުރެވޭނީ. އެކަމަށް މިފަހަރު އެންމެ ގާބިލީ އަޅުގަނޑޭ މިފަހަރު،" އޭނާ ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންކަމަށް މިނިސްޓަރު ފައްޔާޒް ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ. އަދި އިންތި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ.