ރިޕޯޓް

ފަހުވަގުތާއި ހަމަޔަށްވެސް މަސައްކަތްކުރީ ދެދޯނި ޖެހުނަ ނުދޭން! މަރުވީ މޭކަށިތައް ބިނދިގެން!

ރިފާ ހަލީލު

"ބޭބޭ އޭ ތިޔޮއް ފިތެނީ އޭ ދުރަށްދާށޭ ބުނިން. އެކަމަކު ބޭބެ ބެލީ ދޯނި ސަލާމަތްކުރެވޭތޯ. ބޭބެއަށް ނޭނގުނީކަންނޭނގެ އެވަރުގެ ކަމެއް ވެދާނެކަންވެސް. ގާތްގަނޑަކަށް ދެ ދޯނި ދޭތެރެއިން އެ ބޭބެ ގައިގައި ޖެހިފަ ދާނީ ވަރަށް މަދު ސިކުންތު ކޮޅެއް. އޭގެ ފަހުން ބޭބެ ހިނގާލާފަ ދޯނީގެ އެތެރެއަށް ވަންނަން ދިޔައީ."

މިއީ އިއްޔެ މ. ކޮޅުފުށީ ކައިރީގައި ހިނގި ހިތާމަވެރި ހާދިސާ ހިނގި ވަގުތު މަންޒަރު ވަރަށް ގާތުން ފެނުނު މުހައްމަދު ރަޒީން އެ ހާދިސާ ހިނގި ގޮތް "ވަން" ހިއްސާ ކުރަން ފަށަމުން ދެއްކި ވާހަކަ އެވެ.

ރަޒީން މިއަދު ބުނީ ހޯމަ ދުވަހު ހަވީރު "ލިޓަސް 2" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏާއި "ލިޓަސް 6" ނަމަކަށް ކިޔާ ދޯނި މާލެއިން ފުރައިގެން ދަތުރު ކުރަމުންދިޔައީ އައްޑު އަތޮޅަށް ކަމަށެވެ. ނަމަވެސް މޫސުން ގޯސްވެ ދަތުރު ނުކުރެވޭނެތީ ކޮޅުފުށި ކައިރީގައި އޮތް މ. ތުވަރުއުތުރުހުރާ ކިޔާ ފަޅުރަށެއްގެ ފަޅު ބޭރުން ވައިމައްޗާ ދިމާލަށް ދެ ދޯނި ގާތް ކުރިކަމަށެވެ. އަދި އިއްޔެ ހެނދުނު އަލުން ދަތުރުކުރުމަށް ނަގިލި އެއްލައި ދެ ދޯނި އެއްސުމުގެ މަސައްކަތް ކުރި ކަމަށެވެ.

ރަޒީން ބުނީ މި ހާދިސާ ހިނގި އިރު އޭނާ ހުރީ "ލިޓަސް 6" ދޯނީގެ ކުރީކޮޅުގައި ވަލެއް ހިފައިގެން ކަމަށެވެ.

"ދެ ދޯނި އައްސާ ނިންމާފަ ނަގިލިވެސް ލާފަ އޭރު އޮތީ. ދެން މި ބޭބެ (މަރުވި އަބްދުﷲ) މިހުރީ "ލިޓަސް 2" ދޯނީގަ. އެ ދޯނި އަޅުގަނޑުމެންގެ ދޯންޏަށްވުރެ ކުޑަ ވާނެ. ތިރިވެސް ވާނެ. ގާތްގަނޑަކަށް އަހަރުމެން ދޯނި ތިން ފޫޓަށް އުސްވާނެ އެ ދޯންޏަށް ވުރެ. އިއްޔެ ހަވީރު ހަތަރު ގަޑި ކޮންމެވެސް އެއްޗެއް ވާނީ އޭރު. މި ބޭބެ ހުރި ދޯނީގަ ހުރި ހުރިހާ ޓަޔަރެއް ވައްޓާލާ ދެ ދޯނި ދޭތެރެއަށް ލައްވާ ފެންޑަރުވެސް ވައްޓާލާފަ. އޭނަ ދޯނީގެ އެތެރެއަށް ވަންނަން މިއައީ ދޯނީގެ ފަހަތުކޮޅަށްވުރެ މެދަކުން ކޮންޓެއިނާތައް ކައިރިން. ހިނގާތަނާ ކޮންޓެއިނާތަކާ ދެމެދު ހުންނާނީ 14 ވަރަކަށް އިންޗި." އޭނާ ކިޔައިދިނެވެ.

ރަޒީން ބުނީ އޭރު އޮއިވަރާއެކު "ލިޓަސް 6" ދޯނި "ލިޓަސް 2" ދޯނީގެ ކޮންޓެއިނާތަކާ ދިމާލުން ޖެހެންދިޔަ ކަމަށާއި އެވަގުތު އަބްދުﷲ ދެ ދޯނި ޖެހުނަ ނުދޭން މަސަައްކަތް ކުރި ކަމަށެވެ. އެވަގުތު އަބްދުﷲ ފިތޭނެ ކަމަށް ބުނެ ހަޅޭލެވި ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް އަބްދުﷲ ނުދޭ ކަމަށް ބުންޏެވެ.

"އެގަޑީގަ މަ ގޮވާލާފަ ބުނިން ބޭބެއޭ ދުރަށް ދާށޭ ނޫނީ ތިރިވެލާށެ. ތިއޮއް ފިތެނީއޭ. ބުނީމަވެސް އެ ބޭބެ މާ ބޮޑަކަށް ސަމާލުކަމެއް ނުދޭ. ހީކުރީ ކަންނޭނގެ އެހާ ބޮޑު ކަމެއް ނުވާނެޔޭ. ދެން އެ ބޭބެ ހުރީ ކޮންޓެއިނާތަކާ ދިމާލަށްވީމަ ދޯނި އައިސް ފިތުނީ. އެކަމަކު ވަރަށް މަދު ސިކުންތުކޮޅެއްވާނީވެސް. އޭރުވެސް ބޭބެ ހުރީ ދޯނި ދުރުކުރަން އެއް ދޯނި އަނެއް ދޯންޏާ ޖެހުނަ ނުދޭން ހިފަހައްޓައިގެން." ހާދިސާ ހިނގައި ދިޔަ ގޮތް ހިއްސާކުރަމުން އޭނާ ބުންޏެވެ.

ރަޒީން ބުނީ ދޯނި ދުރުވުމުން އަބްދުﷲ ހިނގާފައި "ލިޓަސް 2" ދޯނީގެ ގެ ގަނޑާ ދިމާލަށް ވަންނަން ދިޔަ ކަމަށެވެ. އަދި މާ ދުރަށް ނުދެވެނީސް އެތަނުގައި ހުންނަ އަތްދޮންނަ ތައްޓެއްގައި ދެއަތުން ހިފައި ހަށި ފުރާ ނޭވާއެއް ލި ކަމަށެވެ. އަދި "މަ މިއޮތް މަރުވަނީއޭ" ކިޔައި ގޮވަމުން ގެގަނޑާވީ ފަޅިއަށް ދޯނި ތެރެއަށް ވެއްޓުނު ކަމަށެވެ.

"އަޅުގަނޑު ހުރިން އަނެއް ދޯނީގެ ކޮޅުގަ އޭރު. އެ ބޭބެ އެތާ ހުރެފަ ދިޔައިރު އަހަރެން ހުރިން ބަލަހައްޓައިގެން އެ ބޭބެއަށް. ދެން ތަންކޮޅަކަށް ހިނގާފަ ގޮސްފަ އެތާ ހުރި އަތްދޮންނަ ތަށިގަ ދެއަތުން ހިފާފަ ހަށި ފުރާ ނޭވާއެއް ލީ. ދެން ބުނީ މަ މި މިއޮތް މަރުވަނީއޭ ކިޔާފަ އެބޭބެ ބޮލާވީކޮޅު ގެގަނޑާވީ ފަޅިއަށް ވެއްޓުނީ. އެ ވެއްޓެން ދިޔަ ބޮނޑީގަ ފެނުނު އެބޭބެ ކަޅި އަރާފަ ހުއްޓާ. ދެން އަހަރެން ހުރި ދޯނި އުސްވީމަ އެއަކުން އަނެއް ދޯންޏަށް ފުންމައެއް ނުލެވުނު. އަހަރެން ހަޅޭލަވާފަ ބުނިން އެ ބޭބެއަށް ކަމެއް ވެޔޭ އެންމެން ނިކުމެ ދޭ ބަލާށޭ. ދެން އަހަރެންވެސް ވާ އެއްލާލާފަ ދިޔައީ އެ ދޯންޏަށް އަރަން." އޭނާ ކިޔައިދިނެވެ.

ރަޒީން ބުނީ އެ ސަރަހައްދަށް އެ ވަގުތު ރޭންޖު ރަނގަޅަށް ނުލިބޭ ކަމަށެވެ. އަދި "ލިޓަސް 2" ދޯނި ވަގުތުން އެންމެ ކައިރީގައި އޮތް ކޮޅުފުއްޓަށް ދަތުރު ފެށި ކަމަށްވެސް ބުންޏެވެ. ގާތްގަނޑަކަށް ދެ މޭލަށް ދުއްވުމުން ރޭންޖު ލިބުނު ކަމަށާއި އެ ވަގުތު ރައްޓެއްސަކަށް ގުޅައިގެން އެކަން ހިއްސާ ކުރި ކަމަށެވެ.

ކޮޅުފުށިން ދެވޭނެ ފަރުވާއެއް ނެތް ކަމަށް ރައްޓެހި މީހާ ބުނުމުން މުއްޔަށް ދަތުރު ފެށި ކަމަށާއި ނަމަވެސް އެއަށްވުރެ ކުރިން ސިފައިންނާއި ފުލުހުން އައިސް އެ މީހާ ލޯންޗަށް ނަގައިގެން ގެންދިޔަ ކަމަށް އޭނާ ބުންޏެވެ.

މުލީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ނާފިޒު "ވަން" އަށް މިއަދު ވިދާޅުވީ އަބްދުﷲގެ މޭގެ ގިނަ ކަށިތަކެއް ބިނދި، ފުއްޕާމެއަށާއި އެތެރެހަށީގެ ގުނަވަންތަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

ނާފިޒު ވިދާޅުވީ މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނީ އިއްޔެ ހަވީރު 5:15ހާއިރު ކަމަށެވެ. ނަމަވެސް އެއަށްވުރެ ކުރިން ފުލުހުންނާއި އެމްއެންޑީއެފަށް މައުލޫމާތު ދީފައިވާކަން އެނގިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނާފިޒު ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ލިބުމާއެކު މެޑިކަލް ޓީމާއި ކޯސްޓުގާޑުގެ އެހީތެރިކަމާއެކު ދޯނި އޮތް ސަރަހައްދަށް ދިޔަ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓީމުގަ ހިމެނޭ ޑޮކްޓަރުންނާއި ނަރުހުން ދިޔައީ ބޭނުންވާނެ ހުރިހާ ސާމާނެއްވެސް ހިފައިގެން. އެފަދަ ހާލަތަކަށް ތައްޔާރުވެގެން. އެކަމަކު ދޯންޏަށް ގޮސް ޑޮކްޓަރު ބަލާފަ ބުނީ އެ މީހާ (އަބްދުﷲ) މަރުވެފަ ވާކަމަށް. ބޭރުފުށުން އެއްވެސް އަނިޔާއެއް ނެތް. މޭ ކައިރީގަ އިން ކުޑަ ތަންކޮޅެއް މަށައިގެން ގޮސްފަ. އެކަމަކު އިތުރު އެއްވެސް އަނިޔާއެއް ފާހަގައެއް ނުވޭ. ދެން އިތުރަށް ބެލުމަށް އަޅުގަނޑުމެންގެ ހޮސްޕިޓަލަށް އެމީހާ ގެނައީ." އޭނާ ވިދާޅުވި އެވެ.

ނާފިޒު ވިދާޅުވީ ލިބިފައި ހުރި އަނިޔާ ބެލުމަށް ފުލުހުންގެ އެދުމުގެ މަތިން އެކްސްރޭ ނެގި ކަމަށާއި މޭ ކަށިތައް ބިނދިފަ ހުރިކަން އެނގުނީ އެ އެކްސްރޭ އިން ކަމަށެވެ. އަދި އީސީޖީއެއްވެސް ހެދި ކަމަށް އޭނާ ބުންޏެވެ.

ސީޓީ ސްކޭނާއި އެހެނިހެން ތަހުލީލުތައް ކުރުމަށް އާއިލާއިން ބޭނުން ނުވާ ކަމަށާއި އެހެންކަމުން އެފަދަ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އައިލާއިން ބޭނުންވީ ހަށިގަނޑު މާލެ ގެންދަން ކަމަށާއި އެހެން ކަމުން މިއަދު ހެނދު 6:00ގައި އޭނާގެ ހަށިގަނޑު މާލެ ގެންގޮސްފައިވާ ކަމަށް ނާފިޒު ވިދާޅުވި އެވެ.

ހިތާދޫ ކައުންސިލް ރައީސް އަބްދުލް އަޒީޒް "ވަން" އަށް މިއަދު ވިދާޅުވީ އަބްދުﷲގެ ފަސް ކުދީންނާއި އަނބިމީހާ މިވަގުތު ހުރީ މާލޭގައި ކަމަށެވެ. އެހެންކަމުން އޭނާގެ ހަށިގަނޑު މާލެ ގެނެސް މިއަދު މެންދުރު ނަމަދުގެ ފަހުން ވަޅުލުމަށް ނިންމާފައިވާ ކަމަށެވެ.

ދެ ދޯނި ޖެހި ހިނގި މިހިތާމަވެރި ހާދިސާގައި މަރުވީ ބ. ހިތާދޫ، ސުހާނީ، އަބްދުﷲ އަހުމަދު އެވެ. އޭނާ އަކީ ކަނޑުމަތީގެ ގިނަ ތަޖުރިބާތަކެއް ހުރި މީހެއް ކަމަށް އެކުގައި މަސައްކަތްކުރާ މީހުން ވަނީ ބުނެފަ އެވެ. އަދި މަސައްކަތަށް ފަރުވާތެރި، ދީންވެރި، މީހުންނަށްވެސް ރަނގަޅު މަޑުމައިތިރި މިޒާޖެއްގެ މީހެއް ކަމަށްވެސް އެ މީހުން ބުންޏެވެ. އަދި އެއީ ދޯނިތެރޭގައި މައްސަލައެއް ޖެހުނު ނަމަވެސް ދުވަހަކުވެސް ކަމަކާ ހިތްހަމަ ނުޖެހި ޒުވާބުކޮށް އަރައިރުންވާ މީހެއް ނޫން ކަމަށްވެސް އެ މީހުން ބުންޏެވެ.