ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލި މީހަކު އަލުން ހައްޔަރުކުރުމަށް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ހޯދަމުން އަންނަނީ ކ. މާލެ / ގ. ތަބުރުގެ، މުޙައްމަދު ބިޝާރު އިސްމާޢީލް (41އ) އެވެ. މީނާ އަކީ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން 19 ޖެނުއަރީ 2020 ވަނަ ދުވަހު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ސައުތު ޕޮލިސް ރީޖަން (ގއ، ގދ، ޏ، ސ) ގައި ހިމެނޭ ރަށެއްގެ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުކޮށްފައިވާ މީހެކެވެ.

އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓަށް ބަދަލުކުރުމާ ގުޅިގެން 26 މެއި 2021 ވަނަ ދުވަހު ކްރިމިނަލް ކޯޓުންވެސް ވަނީ މުހައްމަދު ބިޝާރު އިސްމާއީލް ޝަރީއަތުން ގޮތެއް ނިންމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ނަމަވެސް ދައުވާ ލިބޭ ފަރާތުން ބަންދު މުރާޖާކޮށްދިނުމަށް ކޯޓުގައި އެދުމުން، ޝަރުތުތަކާއެކު އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މުހައްމަދު ބިޝާރު އިސްމާއީލް ދޫކޮށްލުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން 2021 ޑިސެމްބަރު 23 ވަނަ ދުވަހު ހައިކޯޓުން ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކުރިން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލު ނުވެ ދެމި އޮތްކަމަށް ހުކުމްކޮށްފައެވެ.

ހައިކޯޓުގެ އެހުކުމާ ގުޅިގެން މުހައްމަދު ބިޝާރު އިސްމާއީލް ހައްޔަރުކުރުމަށްޓަކައި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދިޔަނަމަވެސް، މިހާތަނަށް ކުރެވެނު މަސައްކަތުން އޭނާ ހޯދިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މުހައްމަދު ބިޝާރު އިސްމާއީލް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓަޑީގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން ހޯދަމުން އަންނަ މުޙައްމަދު ބިޝާރު އިސްމާއީލް އަކީ 2013 ވަނަ އަހަރު ރާއްޖެއަށް ކެނަބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރި މީހެކެވެ. އަދި މަސްތުވާތަކެތި ވިޔަފާރިކޮށްގެން އެ މައްސަލައިގައި ހިމެނޭ ދެމީހުން ހޯދާފައިވާ ކަމަށް ބުނެ ދައުލަތަށް 1.1 މިލިއަން ރުފިޔާ ނަގާފައިވަނިކޮށް، މައްސަލަ ތަހުގީގު ކުރުމުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަކުރުމުގައި ފުލުހުން އިހުމާލުވެފައިވުމުން، 2018 ވަނަ އަހަރުގެ މާޗް ގައި ހައި ކޯޓުން ވަނީ އޭނާގެ މައްޗަށް ކުރި ކުރި ހުކުމް ބާތިލުކޮށްފައެވެ. އަދި ދައުލަތައް ނެގި 1.1 މިލިއަން ރުފިޔާވެސް އެދެމީހުންނަށް ދައުލަތުން އަނބުރާ ވަނީ ދައްކާފައެވެ.