ވަޅިއަކުން ހަމަލާދީ، ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދު މަރައިލި މައްސަލައިގައި، ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ 25 އަހަރަށް ޖަލަށް ލާން ކުރި ހުކުމްގެ އިސްތިއުނާފީ އަޑުއެހުމެއް މިއަދު ސުޕްރީމް ކޯޓުގައި ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
ޖޫން 2010 ގައި ކުރީގެ ފިރިމީހާ މަރައިލި މައްސަލައިގައި އޭރުގެ ޖިނާއީ ކޯޓުން އޭނާގެ މައްޗަށް ހުކުމް ކުރީ 2011 ވަނަ އަހަރުގަ އެވެ. އެ ހުކުމް 2015 ވަނަ އަހަރު ހައި ކޯޓުން ވެސް ވަނީ ދަމަހައްޓައިފައެވެ.
ހައިކޯޓުން ދެމެހެއްޓި މައްސަލަ ނަޒާހާގެ ފަރާތުން ސުޕްރީމްކޯޓުގެ އިސްތިއުނާފަށް ހުށަހެޅީ 2021 ޖުލައި ފަހެއްގައެވެ. ނަމަވެސް މައްސަލަ ހުށަހެޅި މުއްދަތާ ގުޅިގެން އެ ކޯޓުގެ ރެޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް ނިންމެވި އެވެ.
ނަމަވެސް ރަޖިސްޓްރާގެ އެ ނިންމެވުން ރިވިއުކުރަން ނަޒާހާގެ ފަރާތުން ކޯޓުގައި އެދުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެ މައްސަލަ ބެއްލެވުމަށްފަހު، އެއީ ސުޕްރީމް ކޯޓަށް ބަލައިގަނެ ކުރިއަށް ގެންދަން ޖެހޭ މައްސަލައެއްކަމަށް ނިންމެވީއެވެ.
މި މައްސަލައިގައި ނަޒާހާގެ ފަރާތުން އޭނާގެ ދިފާއީ ވަކީލު މަރިޔަމް ނިހާޔަތު ވަނީ ސުޕްރީމް ކޯޓަށް ބައެއް ދިފާއީ ނުކުތާތައް ހުށަހަޅުއްވައިފައެވެ. މީގެ ކުރިން އޮތް އަޑުއެހުމެއްގައިވެސް ބައެއް ދިފާއީ ނުކުތާތައް ނަޒާހާގެ ފަރަތުން ހުށަހެޅިއެވެ.
އެ ނުކުތާތަކަށް ދައުލަތުގެ ފަރާތުން މިއަދު ވަނީ ޖަވާބު ދޭން ފަށައިފައެވެ.
ޝާހިދު މަރައިލުމުގެ ގަސްތެއް ނަޒާހާގެ ކިބައިގައި ނެތްކަމަށާއި، އެކަން ހިންގުމުގައި ދުރާލައި، ރޭވުމެއް، ނުވަތަ މަރާލުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި ނެތްކަމަށް ނަޒާހާގެ ފަރާތުން ބުނި ނަމަވެސް ހެކި ގަރީނާ ހުރީ އެ ބުނުމާ ދެކޮޅަށް ކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
"ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްފަހުން (22 ޖޫން 2010 ވަނަ ދުވަހު) ނަޒާހާ ފުލުހުންގެ ހިދުމަތަށް ދީފައިވާ ވީޑިއޯ އިންޓަވިއު ރެކޯޑިންގައި ޝާހިދަށް ހަމަލާދިން ވަޅިއާ ބެހޭގޮތުން ސުވާލު ކުރުމުން، އެއީ އެހާދިސާ ހިނގުމުގެ ދެމަސްދުވަސްކުރިން ޝާހިދު ގަނެދިނިން ވަޅިއެއް ކަމަށް ވަނީ ބުނެފައި،"
ނަމަވެސް އެއަށްފަހުގައި އެ ވަޅިއަކީ ހަގީގަތުގައިވެސް ޝާހިދުގެ ގަޔަށް ޖަހަން ހޯދާފައި އޮތް ވަޅިއެއްކަމަށް ނަޒާހާ ބުނެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ
"ބަދިގެއަށް ގަންނަންވެގެން އޭނާ (ޝާހިދު) ގަތް ވަޅިއެއް ކަމަށްވެސް ނަޒާހާ ބުނެފައިވާ ކަމަށާއި، އޭގެ އިތުރުން، އޭނާއަށް ގަނެދިނީ ދެވަޅި ކަމަށާއި، އެތަނުން އެއްވަޅި ފޮރުވައިފައި ބާއްވާނަމޭ ޝާހިދުކައިރީގައި އޭނާ ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޝާހިދު ތަޅައިފޮޅައި ހަދާތީ، އެއްދުވަހަކުން ވަޅި ޖަހާނެކަމަށް ޝާހިދުގާތު ބުނެފައިވާނެ، ކަމަށާއި، ޖަހާނީ ހަމަ ވަޅިއެއްކަން އޭނާއަށް އެނގޭނެ ކަމަށް، ނަޒާހާ ބުނި ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
"އަދި ބުނެފައިވޭ ޖަހަންޏާ ޖަހާނީ ގެއްލުމެއް، ލިބޭ އެއްޗަކުންނޭ، ކުރިން ބުނެފައިވާނެކަމަށް، އަދިވެސް ބުނެފައިވޭ އަޅުގަނޑު ގަސްތުގައި ކުރިކަމެއް ކަމަށް، އެހެންވީމާ ސާބިތު ކުރަންބޭނުން ކަމަށް، އަދި ހާދިސާ ހިނގުމުގެ 11 ދުވަސްކުރިން 11 ޖޫން 2010 ވަނދުވަހު ނަޒާހާގެ ފަރާތުން ހަސަން ޝާހިދަށް ފޮނުވާފައިވާ ޓެކްސްޓް މެސެޖެއްގައި ބުނެފައިވޭ މަރުވާންވެސް އުޅޭ އެއްޗެއްނޫން،" މިގޮތަށް ވީޑިއޯ ރެކޯޑިންގައި ނަޒާހާ ބުނެފައިވޭ "
އެހެންކަމުން ހަސަން ޝާހިދު މަރައިލުމުގެ ވިސްނުމެއް ދުރާލައި، ނެތްކަަމަށް ނަޒާހާ ބުނި ނަމަވެސް އޭނާގެ އަމިއްލަ ވާހަކަތަކުން ޝާހިދު މަރައިލުމަށް އޭނާ ވިސްނާފައިވާ ކަމަށާއި، އެކަމުގެ ގަސްތު އޮތްކަން އެނގޭ ކަމަށްވެސް ޕަބްލިކު ޕްރޮސެކިއުޓާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު