ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން ބުނެފިއެވެ.

އިހަވަންދޫ ބަނދަރު މަޝްރޫއުގެ އަޕްޑޭޓް ދެމުން އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ 88 ޕަސެންޓް މިހާރު ނިންމާލާފައިވާ ކަމަށެވެ. އަދި ބޭރުތޮށީގެ ވޭރިއޭޝަން މަސައްކަތްތަކުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށާއި އެ ޕްރޮޖެކްޓަށް ބޭނުންވާ ބޮޑު ހިލައިގެ އެންމެ ފަހު ޝިޕްމެންޓްވެސް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާއި މި މަޝްރޫއު ހަވާލުކޮށްފައިވަނީ 59.07 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4,582 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.