ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ދަރަނި އަދާކުރުމުގެ ގޮތުން ފީފާ އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، ދަރަނި ދައްކަން މިހާރު ފައިސާ ހަމަޖެހިއްޖެ ކަމަށް ކްލަބުން ބުނެފިއެވެ.
ވިކްޓްރީ މިހާރު އޮތީ ފުޓުބޯޅައިން ސަސްޕެންޑުކޮށްފައެވެ. އެފްއޭއެމުން 2019 ވަނަ އަހަރު ވިކްޓްރީ ސަސްޕެންޑް ކުރީ 2019/2020 ލީގު މެޗުތަކަށް ހާޒިރުނުވާ މައްސަލައާއި ކުޅުންތެރިންނާއި ކޯޗުންނަށް ދޭންޖެހޭ މުސާރަ ނުލިބިގެން އެ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލައާއި ކްލަބް ލައިސަންސްއާ ގުޅޭ ގޮތުން ހަމަކުރަން ޖެހޭ ލިޔެކިޔުންތައް ހަމަކޮށްފައިނުވާތީ އެފްއޭއެމުން ތަކުރާރުކޮށް ދިން އިންޒާރާ އެއްގޮތަށް އަމަލުނުކުރާތީއެވެ.
އެ މައްސަލަ ވިކްޓްރީއަށް ކުރިމަތިވީ އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކުރުމަށް އެ ކްލަބުން އިސްވެ މަސައްކަތް ކުރުމުން ކަމަށް ކްލަބުން ވަނީ ތުހުމަތުވެސްކޮށްފައެވެ.
އެ މައްސަލަތަކުން އަރައިގަނެ ޓީމު އަލުން ކޮޅަށް ޖެހުމަށް މިދިޔަ މަހު ތެރޭ ވިކްޓްރީން އާ ބޯޑެއް އެކުލަވާލައި، ދަރަނި އަދާކުރުމުގެ މަސައްކަތް ފަށާފައިވެއެވެ. އެ މަސައްކަތުގެ ތެރެއިން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ބަޔާނަކުން ވިކްޓްރީން ވަނީ އާންމުންނާ ހިއްސާ ކޮށްފައެވެ.
"މި ވަގުތު ކްލަބްގެ ދަރަނީގެ ގޮތުގައި އަންދާޒާ ކުރެވޭ އަދަދު ދެއްކުމަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފަ އެވެ. ފައިސާ ދެއްކުމަށް އެންމެހާ އިދާރީ އިންތިޒާމްތައް ބާރަށްކުރިއަށް އެބަގެންދެވެ އެވެ.،" ވިކްޓަރީން ނެރުނު ބަޔާނުގައިވެއެވެ.
ވިކްޓްރީން ބުނެފައި ވަނީ އެ ކްލަބުން މުސާރަ ނުދެވި ތިބި ދިވެހި 22 ކުޅުންތެރިންނާއި ބިދޭސީ ހަތަރު ކުޅުންތެރިޔަކު އެބަތިބި ކަމަށެވެ. ވިކްޓަރީން ބުނީ ބިދޭސީ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ޖޫރިމަނާއާއެކު ދައްކަން ޖެހޭ ޖުމްލަ އަދަދެއް ދެނެގަތުމުގެ މަސައްކަތް ފީފާ އާއި އެފްއޭއެމާ ގުޅިގެން މުއާމަލާތް ކުރަމުން އަންނަ ކަމަށެވެ.
ދަރަނި އަދާކޮށް ވިކްޓްރީން ވަނީ ދެވަނަ ޑިވިޝަންގައި ވާދަކުރަން ތައްޔާރުވެފައެވެ. ވިކްޓަރީން ދެވަނަ ޑިވިޝަނަށް ޓީމެއް އެކުލަވައިލުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކްލަބްގެ ނައިބު ރައީސް އިސްމާއިލް ލަތީފް (ޖީކޭ)އާއެވެ. ސްކޮޑެއް އެކުލަވާއި، ކޯޗިން ޓީމެއް ވެސް ހަމަޖައްސައި، ވިކްޓަރީން އަމާޒު ހިފާފައިވަނީ މި މަހުގެ ނިޔަލަށް ޕްރެކްޓިސްތައް ފެށޭވަރު ކުރުމަށެވެ. މާނައަކީ އެހާތަނަށް ކްލަބްގެ ހަރަކާތްތައް ހަލުވި ދުވެލީގައި ހިނގައިގަނެވޭ ވަރު ކުރުމަށެވެ.
ވިކްޓްރީއަކީ ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ ކާމިޔާބު އެއް ކުލަބެވެ. 1971 ވަނަ އަހަރު އުފެއްދި އެ ކްލަބުން ވަނީ ރާއްޖޭގެ ފުޓުބޯޅައިގައި ހުރިހާ ތައްޓެއްވެސް ނަގައިފައެވެ. ގައުމީ ފުޓުބޯޅަ މުބާރާތް 21 ފަހަރު ހޯދި ވިކްޓްރީން ވަނީ އެ މުބާރާތް ދެ ފަހަރަށް މިލްކުވެސް ކޮށްފައެވެ. އޭގެ އިތުރުން 2000 ވަނަ އަހަރުން ފެށިގެން ތައާރަފް ވެގެން އައި ދިވެހި ލީގުވެސް ވިކްޓްރީން ވަނީ ދެ ފަހަރަށް ކާމިޔާބުކޮށްފައެވެ.
ވިކްޓްރީއަކީ އޭއެފްސީ ކަޕުގައިވެސް ގިނަ ފަހަރުތަކެއްގެ މަތިން ރާއްޖެ ތަމްސީލުކުރި ކްލަބެކެވެ. މީގެ ކުރިން އެންމެފަހުން އެ ކްލަބަށް އޭއެފްސީ ކަޕުން ފުރުސަތު ލިބުނީ 2012 ވަނަ އަހަރުއެވެ.
ވިކްޓަރީ ސްޕޯޓްސް ކަލްބު
ވިކްޓަރީ ސްޕޯޓްސް ކަލްބު
ވިކްޓަރީ ސްޕޯޓްސް ކަލްބު
ވިކްޓަރީ ސްޕޯޓްސް ކަލްބު