ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވިކްޓްރީ ސްޕޯޓްސް ކްލަބުން ބިސް ބުރު ސްޕޯޓްސް ކްލަބު ކައިރިންވެސް މޮޅުވެއްޖެއެވެ.
ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ވިކްޓްރީން ބިސް ބުރު ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު މި ސީޒަނުގެ ލީގުގައި ބަލިނުވެ ރެކޯޑު ދަމަހައްޓަމުން އަންނަ ވިކްޓްރީން ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. އެއީ ހަތަރު މެޗުން 10 ޕޮއިންޓާއެކުގައެވެ. މި ސީޒަނުގެ ލީގުގައި މިހާތަނަށް ވިކްޓްރީއަށް ޕޮއިންޓް ގެއްލުނު ހަމައެކަނި މެޗަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމެޗުވީ އެއްވަރެވެ. އެހެން ހުރިހާ މެޗަކުންވެސް ވިކްޓްރީ މޮޅުވެފައިވާ އިރު، ބިސް ބުރުން މިހާތަނަށް އޮތީ ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައިފައެވެ. އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.
މިއަދު ކުޅުނު މެޗުގެ 27 ވަނަ މިނިޓުގައި ވިކްޓްރީން ވަނީ ލީޑު ނަގައިފައެވެ. އަހުމަދު ރިޒުވާން (ރިޒޭ) އެ ގޯލް ޖަހައިދިނީ ނައިޖީރިއާ ފޯވާޑް އަލް ހާޖީ ގެރޯ ބޮލުން ޖައްސާލި ބޯޅައަކަށް އޭރިއާތެރެއަށް އަރައެވެ. އޭގެފަހުންވެސް ފުރަތަމަ ހާފުގައި ވިކްޓްރީން ނުރައްކާ ކުރި ނަމަވެސް އެޓީމަށް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. އެޓީމުގެ ދެވަނަ ގޯލް ފެނުނީ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ.
ރަޝްވާން ބެކް އުގްލީ އެ ގޯލް ޖަހައިދިނީ އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެންނެވެ. އެ ގޯލަށް މާގިނައިރެއް ނުވަނީސް، މެޗުގެ 56 ވަނަ މިނެޓުގައި ވިކްޓްރީން ތިންވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލް ޖަހައިދިނީ ގެރޯއެވެ. ހަސަން ނަޒީމް ގާސިމް (ޗޯޓު) އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ގޯލް ކުރިމައްޗަށް ނަގައިދިން ބޯޅަ ގެރޯ ނިންމާލީ ހަމަޖެހިލައިފައެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ކޮމެންޓް