ވެރިކަމުގައި ހުންނެވިއިރު، މީހުން ޖަލަށް ލެވުނުލެއް މަދީތޯ، ސުވާލު ކުރައްވައި، އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން، އެކަމަނާގެ ބޮޑުބޭބޭފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޔުމްނާ ކުރެއްވި، ޓުވީޓެއްގައި މިގޮތަށް، ރައީސް ޔާމީނަށް ރައްދު ދެއްވީ، ޕީޕީއެމްގެ ފަރާތުން ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނުގައި ޕީޕީއެމުން ވާދަކުރާ ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން ހިމެނޭގޮތަށް ޖެހިވަޑައިގަންނަވާނީ ޖަލަށް ދާން ކަމަށް ވިދާޅުވެ ރައީސް ޔާމީން އިންޒާރު ދެއްވުމާ ގުޅިގެންނެވެ.
އިއްޔެ ހަވީރު ވިލުމާލޭގައި ބޭއްވި މި ޖަލްސާގައި ރައީސް ޔާމީން ވަނީ، ޔުމްނާގެ ބައްޕާފުޅު ރައީސް މައުމޫނަށްވެސް ތުހުމަތުތަކެއް ކުރައްވައިފައެވެ.
ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމުގައި ހައްޔަރުކުރި ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން އަމުރު ނެރުމުގެ ފަހަތުގައި ހުންނެވި މޭސްތިރިއަކީ ރައީސް މައުމޫނު ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ކުރީގެ ރައީސް މައުމޫނާއި، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި އޭރުގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމް އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ރަައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫން އާއި ދަނބިދަރިކަލުން މުހައްމަދު ނަދީމް އާއި އޭރުގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު އާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ޖަލުގައި ބަންދު ކުރެއްވިއެވެ.
ޔުމްނާގެ ޓުވީޓުގައި، އެންމެނަށް އިންޒާރު ދިނުމަކީ ކެމްޕެއިން ކުރުން ނޫން ކަމަށާއި، ވެރިކަން ލިބިވަޑައިގެންފިނަމަ ޖަލު ބޮޑުކޮށް ކުރިހާ ރައްޔިތުން ޖަލަށް ލާނީތޯ، ވެސް ސުވާލު ކުރއްވާފައިވެއެވެ.