ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް ( ޤާނޫނު ނަންބަރު: 06/2013) ދެވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފިއެވެ.
މި ބިލު ރައީސް ތަސްދީގު ކުރެއްވީ އިއްޔެ އެވެ. މި ބިލަކީ 25 އެޕްރީލް 2022 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 35 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މި އިސްލާހުގެ ދަށުން ވިޔަފާރިތައް ބެހިގެންވާ ތިން ގިންތީގެ ތެރެއިން ގިންތިއެއްގައި ވިޔަފާރިއެއް ހިމެނުމަށް ބަލާ މިންގަނޑުތަކަށް ވަނީ ބަދަލުގެނެސް ފައެވެ. ގިންތިތަކަށް ބަދަލު ގެނައުމާ އެކު، ކުރިން ކުދި ވިޔަފާރިތަކުގެ ގޮތުގައި ގިންތިކުރި ބައެއް ވިޔަފާރިތައް މިހާރު ބެލެވޭނީ އެންމެ ކުދި ވިޔަފާރިތަކުގެ ގޮތުގަ އެވެ. އަދި ކުރިން މެދު ފަންތީގެ ވިޔަފާރިތަކުގެ ގޮތުގައި ގިންތިކުރި ބައެއް ވިޔަފާރިތައް މިހާރު ކުދި ވިޔަފާރީގެ ގޮތުގައި ބެލެވޭނެ އެވެ. އެއާ އެކު، ބައެއް ވިޔަފާރިތަކުން ދޭން ޖެހޭ މިނިމަމް ވޭޖުގެ އަދަދުވެސް ކުޑަވާނެ އެވެ.
- ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް ގެނެވިފައިވާ ބަދަލުގެ ދަށުން ވިޔަފާރިތައް ގިންތި ކުރާނީ:
- އެންމެ ކުދި ވިޔަފާރި
- މުވައްޒަފުންގެ އަދަދު: 0-5 މުވައްޒަފުން
- ޖުމްލަ އާމްދަނީ: ގިނަވެގެން 1 މިލިއަން ރުފިޔާ
- ސާފު ފައިދާ: ގިނަވެގެން 250،000ރ.
- ކުދި ވިޔަފާރި
- މުވައްޒަފުންގެ އަދަދު: 30-6 މުވައްޒަފުން
- ޖުމްލަ އާމްދަނީ: 1-10 މިލިއަން ރުފިޔާއާ ދެމެދު
- ސާފު ފައިދާ: 250،000ރ. އާއި 2.5 މިލިއަން ރުފިޔާއާ ދެމެދު
- މެދު ފަންތީގެ ވިޔަފާރި
- މުވައްޒަފުންގެ އަދަދު: 31-100 މުވައްޒަފުން
- ޖުމްލަ އާމްދަނީ: 10-30 މިލިއަން ރުފިޔާއާ ދެމެދު
- ސާފު ފައިދާ: 2.5-5 މިލިއަން ރުފިޔާއާ ދެމެދު
މި ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއްޔެ ޝާއިއު ކޮށްފައެވެ. މި ގާނޫނަށް އަމަލުކުރަށް ފެށުމަށް ހަމަޖެހިފައި ވަނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. އަދި މި އި އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް، 30 ޖުލައި 2022 ގެ ކުރިން، އަލުން ގިންތިކޮށް ދަފްތަރުކޮށް، އާންމުކުރަންވާނެކަމުގައި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު