ލ. އަތޮޅުގައި ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް)ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދާ އަލް މުދިޝް ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2022ގެ ކުޅުން ރޭ ފަށައިފިއެވެ.
ޖުމުލަ 10 ޓީމާއެކު ރޭ މުބާރާތް ފެށީ ލ. ފޮނަދޫ ފުޓްސަލް ދަނޑުގައެވެ. މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފްރީ ސްޓައިލް ޗެމްޕިއަން ސައިފް އަލީ ޒާހިރުގެ ޗަރުކޭސްތައް ފެނިގެން ގޮސްފައިވާ އިރު، ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ލ. އަތޮޅު ޕޮލިސް ކޮމާންޑަރު، އިންސްޕެކްޓާ އޮފް ޕޮލިސް ފާތިމަތު ޝިބާނާ ހަސަނާއި ލ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަދި ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒެވެ. އޭގެ އިތުރުން ފެށުމުގެ ރަސްމިއްޔާތުގައި އެކިއެކި ސްޕޮންސަރުންގެ ފަރާތުން ބޭފުޅުން ބައިވެރިވެފައިވެއެވެ.
މުބާރާތުގައި ރޭ ދެމެޗު ކުޅެފައިވެއެވެ. އެގޮތުން މުބާރާތް ހުޅުވުމުގެ ގޮތުން ރޭ ފުރަތަމަ ކުޅެފައި ވަނީ ގްރޫޕް އޭގެ ދެ މެޗެވެ. ރޭގެ ފުރަތަމަ މެޗުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން 4-2 އިން މާހިންނަ އެސްސީ ބަލިކޮށްފައިވާ އިރު، ދެވަނަ މެޗުގައި ތުނޑީ އޯލްޑް ބޯއީސްއިން ވަނީ ފަސޭހަކަމާއެކު 5-1 އިން ލ. ގަން ޕޮލިސް ބަލިކޮށްފައެވެ.
ސެންޓްރަލް އޭރިއާއިން މާހިންނަ ކޮޅަށް ގޯލުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު އަސްފާނާއި އާދިލް އަބްދުﷲގެ އިތުރުން އަލީ ހުސައިން އަދި އަބްދުﷲ ހުސައިނެވެ. މާހިންނައިގެ ދެ ގޯލުވެސް ޖެހީ އިބްރާހީމް ސަލީމް (ރާޖާ) އެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި ތުނޑީ އޯލްޑް ބޯއީސްގެ ގޯލުތައް ޖެހީ މުޖުތާޒު އަލީ އާއި އަހުމަދު ސުޖާއު އާއި އައްބާސް އިބްރާހީމް އަދި މުހައްމަދު ޖަމީލެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުޖުތާޒު ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. ގަމު ޕޮލިހަށް މެޗުގައި ހަމައެކަނި ގޯލު ޖަހައިދިނީ އިބްރާހީމް ސަމީރެވެ.
އަލް މުދިޝް ލީޑް ވެޓެރަންސް ފުޓްސަލް ކަޕް 2022 ގައި ޖުމްލަ 10 ޓީމަކުން ވާދަކުރެއެވެ. ޓީމުތައް ބަހާލާފައި ވަނީ ދެ ގްރޫޕަކަށެވެ. ކޮންމެ ގްރޫޕެއްގައި ފަސް ޓީމު ހިމެނޭ އިރު، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރާނެއެވެ. ކޮންމެ ގްރޫޕަކުންވެސް ސެމީ ފައިނަލަށް ދެޓީމު ދާ އިރު، މުބާރާތުގެ މެޗުތައް އޮންނާނީ ރޭގަނޑެވެ. އަދި މުބާރާތުގެ ފައިނަލް ތާވަލުކޮށްފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ރެއަށެވެ.
މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ލ. ފޮނަދޫ ފުޓްސަލް ދަނޑުގައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.
ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2022ގެ ޓައިޓަލް ސްޕޮންސަރަށް "އަމް މުދިޝް" ހަމަޖައްސާފައިވާ އިރު، މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް، ބޭންކް އޮފް މޯލްޑިވްސް އަދި ފޮނަދޫ ކައުންސިލެވެ. އޯގަނައިޒިން ޕާޓްނަރަކީ ލ. އެޓޯލް ޕޮލިހެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރަކީ ޝަބްނަމީ ހޯލްޑިންގްސްއެވެ.
ލޮޖިސްޓިކްސް ޕާޓްނަރަކީ ދިވްޒޯން ލާމެވެ. ކޮފީ ޕާޓްނަރަކީ ލ. ފޮނަދޫގެ ދި ޖޭމް ކިޗަން ރެސްޓޯރަންޓެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. އޮފިޝަލް ކިޓް ޕާޓްނަރަކީ މަޅި އެމްވީއެވެ. ލައިވް ޕާޓްނާއަކީ "ބިގޭ ޓީވީ"އެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް