ޚަބަރު

ހަމީދާއި ޝަމާލް އަދި ފަނޑިޔާރު ރަޝީދު ދާން ޖެހޭނީ ގެއަށް ނޫނީ ޖަލަށް ކަމަށް ވިދާޅުވެ، ޔާމީންގެ އިންޒާރެއް

މުހައްމަދު އިޝާން

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން ވަޑައިގަންނަވަން ޖެހޭނީ ގެއަށް ނޫނީ ޖަލަށް ކަމަށް ވިދާޅުވެ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިންޒާރުދެއްވައިފިއެވެ.

އެމަނިކުފާނު އެގޮތަށް ވިދާޅުވެ އިންޒާރު ދެއްވީ، ޕީޕީއެމްގެ ފަރާތުން ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނުގައި ވާދަކުރާ ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވާފައިވާ ގަރާރާ އެއްގޮތަށް ފުލުހުންނާއި ސިފައިން މަސައްކަތް ކުރަމުންދާ ކަމަށާއި އެ ގަރާރަކީ ގާނޫނާ ހިލާފު ގަރާރަކަށްވުމުން ތަންފީޒުކުރަން ނުޖެހޭނެ ކަމަށެވެ.

އެމްޑީޕީ ވެރިކަމަށް އަންނަންވެގެން ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ވާހަކަ ދެއްކިޔަސް ވެރިކަމަށް އައުމުން އެ މިނިވަންކަން އޮންނަން އެ ޕާޓީން ގަބޫލުނުކުރާކަމަށް ޔާމީން ވިދާޅުވިއެވެ. އެގޮތުން އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އެމަނިކުފާނު އިސްވެ ހުންނަވައި ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ކެމްޕޭނުގައި ބައިވެރިވާ މީހުން ހައްޔަރުކުރާ ކަމަށެވެ.

"އިންޑިއާ އައުޓް" ހަރަކާތްތަކުގައި ބައިވެރިވުމަށް ނުކުންނަ ރައްޔިތުން "ތަޅާ ސުންނާފަތި" ކުރަނީ ފުލުހުންގެ ވަޒީފާއަށް އަލަށް ވަންނަ ކުދިން ކަމަށާއި، ސަބަބަކީ އެ މުއައްސަސާގައި ގިނަ ދުވަސްވީ މީހުން އަނިޔާވެރިވާން ބޭނުންނުވާތީ ކަމަށެވެ. އެއަށްފަހު ޔާމީން ވަނީ ފުލުހުން ލައްވާ ކުރުވާ ގާނޫނާހިލާފު ކަންކަމުގެ ޒިންމާ ސީޕީ ހަމީދު ނަންގަވަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

"ހާލަތު ބަދަލުވާނެ. މާތްﷲ ގެ ނިންމެވުމަކަށް ގޮންޖެހޭނެ އެއްވެސް ބަޔަކު ނޫޅޭނެ. ތިޔަ ސީޕީ ހަމީދު ވެސް ޖެހޭނީ ގެއަށް ދާން. ނޫނީއްޔާ ދިގު މުއްދަތުގައި ޖެހޭނީ ޖަލުގައި ހޭދަކުރަން،" ޔާމީން ވިދާޅުވިއެވެ.

މި ވެރިކަމުގައި އެއްވެސް "އުރަތްޕެއް އަދި ބާރެއް" ނެތް ކަމަށާއި، އެހެންކަމުން ވެރިކަމުގައި ތިބެވޭނީ އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް މުޒާހަރާކުރާ މީހުން ހައްޔަރުކުރުމުންކަން ސަރުކާރަށް އެނގޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

އެއަށްފަހު ސިފައިންނަށް އަމާޒުކުރައްވައި ޔާމީން ވިދާޅުވީ، ސިފައިންގެ އެންމެ ވަރުގަދަ ހުވައަކީ ގައުމު ދިފާއުކުރުން ކަމަށް ވިޔަސް ސިފައިން އެ ހުވައާ ހިލާފުވެފައިވާ ކަމަށެވެ.

ސިފައިން ހުވައާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ރައްޔިތުން ބަލަމުންދާ ކަމަށް ވިދާޅުވެ، ސިފައިންގެ ޖެނެރަލުން ވަޒީފާގެ ދަހިވެތިކަމުގައި ހުވައާ ހިލާފުވަނީތޯ ވެސް ޔާމީން ވަނީ ސުވާލު ކުރައްވައިފައެވެ.

"ޖެނެރަލް ޝަމާލާއި ޖެނެރަލް ޝަމާލްއާއެކު މަސައްކަތްކުރައްވާ އެހެން ޖެނެރަލުންނަށް އެބަ ދަންނަވާލަން ބޭނުންވޭ، ހަމަ ވަޒީފާގެ ދަހިވެތިކަމުގައިތޯ ތި ތިއްބަވަނީ؟ އެބޭފުޅުން ކުރައްވާ ކަންތައް ދިވެހި ރައްޔިތުން ނުބަލާ ކަމަށްތޯ ހީފުޅު ކުރައްވަނީ؟،" ޔާމީން ވިދާޅުވިއެވެ.

ޝަމާލަކީ ޔަމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއްކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، ގާތް މީހަކު ކަމަށްވިޔަސް ގާނޫނާހިލާފު ކަމެއްކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

"ހާލަތު ބަދަލުވެއްޖެއްޔާ ކީއްވެގެންތޯ ޝަމާލްއާ ދޭތެރޭ ފިޔަވަޅު ނޭޅެންވީ؟ އެޅެން ޖެހޭނެ ފިޔަވަޅު،" ޔާމީން ވިދާޅުވިއެވެ.

ކޯޓުތަކުގެ ނިންމުންތަކަށް ފާޑުކިޔެން ޖެހޭނެކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކުރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން ހުކުމްކުރެއްވީ، އެ ހުކުމް ކުރެއްވުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ލިބޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.

"އަލީ ރަޝީދަށް ވެސް ވިސްނެން ވާނެ އަލީ ރަޝީދަށް ސުޕްރީމް ކޯޓުގެ ބެންޗުގައި ނީނދެވޭނެކަން. ވަކި ކަމެއް، ވަކި ބަޔަކު އެދުނު ގޮތަށް ކޮށްދިނީމަ ހެދުނު ޖަމްޕެއް ތިއީ،" ޔާމީން ވިދާޅުވިއެވެ.

ފަނޑިޔާރު ރަޝީދު ސުޕްރީމް ކޯޓަށް އައްޔަންކުރީ ތަޖުރިބާތަކެއް ނޫނީ އެހެން ގޮތަކުން އޭނާ މޮޅުވެގެން ނޫން ކަމަށާއި، ސަރުކާރާ ގުޅުންހުރި ބޭފުޅުން ބޭނުންވާ ގޮތަށް ހުކުމްކުރަން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

"ރައީސް ނަޝީދު މަގާމުން ވަކިވި އިރު، އޭގެ އަނެއް ދުވަހު މަގާމުގައި ހުންނެވިނަމަ، މުޅި ދިވެހިރާއްޖޭގެ ފަނޑިޔާރު ގޭގެ ތިބި ހުރިހާ ފަނޑިޔާރުން ބަދަލުކުރަން އޮތީ ނިންމާފައި. މިއީ ހަގީގަތް، ހުރިހާ ފަނޑިޔާރުން، އެމީހުން ބުނާ ގޮތަކަށް އަމަލުކުރާނެ ފަނޑިޔާރުން ލާން އޮތީ ނިންމާފައި،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ހައްޔަރުކުރަން ޖެހުނު ސަބަބު ވެސް ޔާމީން ވަނީ ހާމަކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ މައުމޫން ހައްޔަރުކުރަން ޖެހުނީ މަޖުބޫރުވެގެން ކަމަށާއި މައުމޫން ހައްޔަރުކުރަން ނިންމީ ގައުމީ ސަލާމަތީ ކޮމިޓީގެ ލަފާގެ މަތިން ކަމަށެވެ. އެއީ އަމިއްލަފުޅަށް އެ ކޮމިޓީއަށް ހުށަހެޅި ހުށަހެޅުމެއް ނޫން ކަމަށާއި، 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ މައުމޫންގެ މޭސްތިރިކަމުގެ ދަށުން ނެރުނު އަމުރެއްކަމަށްވުމުން މައުމޫން ހައްޔަރުކުރަން ޖެހޭކަމަށް އެ ކޮމިޓީން ނިންމެވީ ކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ މިހާރު ސަރުކާރު ތެރޭގައި ދެކެވޭ ވާހަކައަކީ މިއީ އެމްޑީޕީ ސަރުކާރެެއް ނޫން ކަމާއި މިއީ ކޯލިޝަން ސަރުކާރެއް ކަމަށް އެމްޑީޕީގެ ބޭފުޅުން ބުނަމުންދާ ވާހަކަ ކަމަށެވެ. އެމްޑީޕީގެ އިސް ސަފުގެ ބޭފުޅުން އެގޮތަށް ގަބޫލުކުރައްވާނަމަ އެންމެ ރަނގަޅުވާނީ ވެރިކަންކުރުން ކޯލިޝަނާ ހަވާލުކޮށް އެމްޑީޕީން ފެއަށް ޖެހިލުން ކަމަށާއި އަދި ސަރުކާރުގެ ނާގާބިލުކަން ކޯލިޝަން ޕާޓީތަކާ އެމްޑީޕީން ގުޅުވަނީ ހުރިހާ ބާރުވެރިކަމެއް ހޯދައިގެން ތިބެވެސް ރައްޔިތުންނަށް ކަމެއް ނުކޮށްދެވުމުން ކަމަށް ޔާމީން ވިދާޅުވިއެވެ.