ޕީޕީއެމްގެ ވެރިކަމުގައި ހައްޔަރުކުރި ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން އަމުރު ނެރުމުގެ ފަހަތުގައި ހުންނެވި މޭސްތިރިއަކީ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް އޭރު ރައީސްކަމުގައި ހުންނެވި އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ފަރާތުން ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނުގައި ވާދަކުރާ ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި މިއަދު ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، ސުޕްރީމް ކޯޓުން އެ އަމުރު ނެރުނު ރެއަކީ ރާއްޖެ ދުށް އެންމެ ބޮޑު ހަނދުކޭތަ ހިފި ރޭ ކަމަށެވެ.
އެ އަމުރު ނެރުމުން ކުއްލި ހާލަތު އިއުލާންކުރައްވައި އެންމެ ފުރަތަމަ ހައްޔަރުކުރީ ރައީސް މައުމޫނެވެ. މިއަދު ޔާމީން ވިދާޅުވީ މައުމޫން ހައްޔަރުކުރަން ޖެހުނީ މަޖުބޫރުވެގެން ކަމަށާއި އެކަމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު މިއަދުވެސް އަޅުގަނޑުގެ ރައްޔިތުންގެ އަރިހު މައާފާއެކު ދަންނަވާލަން ބޭނުންވޭ، ރައީސް މައުމޫން ހައްޔަރު ކުރީ ރައީސް މައުމޫން ކުށެއް ނުކުރައްވާ ހުންނަވައިގެނެއް ނޫން. އަޅުގަނޑުގެ ހައްގަކަށް އަރައިގަނެގެނެއް ނޫން. ރައްޔިތުންގެ ހައްގަކަށް އަރައިގަނެ ސުޕްރީމް ކޯޓުގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތެރޭގައި އެންމެ އިސް މޭސްތިރިއަކަށް ހުންނެވި ހުންނެވުމާ އެކީގައި ދައުލަތަށް މަޖުބޫރުވީ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، މައުމޫން ހައްޔަރުކުރަން ލަފާދެއްވީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ކަމަށާއި މައުމޫން ހައްޔަރުކުރަން އެއްވެސް އިރަކު ބޭނުންފުޅު ނުވާ ކަމަށެވެ.
ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ތިއްބަވަނީ އެ އިރެއްގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ޑިފެންސް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރާއި ޗީފް އޮފް ޑިފެންސް ފޯސް އަދި އެޓާނީ ޖެނެރަލެވެ. އެ ކޮމިޓީއަކީ ގައުމީ ސަލާމަތާ ބެހޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް އެންމެ ފަހުގެ މަޝްވަރާ ދެއްވާ ކޮމިޓީއެވެ.
"އަޅުގަނޑެއް ނޫން ރައީސް މައުމޫން ޖަލަށްލާން ނިންމީކީއެއް. އެއީ ކޮމެޓީގެ ނިންމުމެއް. އެ މައްސަލަ އިސްވެ ހުށަހެޅީވެސް އަޅުގަނޑެއް ނޫން. އެހެންވީމަ މިއަދު ރައްޔިތުންނަށް މި ހަގީގަތްވެސް މި ދަންނަވާލީ. ނަމަވެސް ދަންނަވާލަން އޮތީ ގާތް މީހަކު ނަމަވެސް މުޅި ދައުލަތުގެ ހައްގަށް އަރައިގަންނަ ހިސާބަށް ދިޔައީމަ އެ ވަގުތަކު ދައުލަތް ހިންގުމާ ހަވާލުވެ ހުންނަ މީހަކަށް ޖެހޭނެ މުޅި ރައްޔިތުންގެ ހައްގުގައި އަޅަން ޖެހޭ ފިޔަވަޅެއް އަޅަން. އެގޮތުން އެޅި ފިޔަވަޅެއް އެޅީ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، މައުމޫން ހައްޔަރުކުރީ ކުށެއް ނުކުރަނީސް ނޫން ކަމަށާއި އަދި ސިޔާސީ ބޭނުމެއްގައި ވޭސް ނޫން ކަމަށެވެ.
ކުއްލި ހާލަތު އިއުލާންކޮށް މައުމޫން ހައްޔަރުކުރުމަށްފަހު އަށް މަސް ވަންދެން ބަންދުގައި ބެހެއްޓިއެވެ.
ސުޕްރީމް ކޯޓުން ނެރުނު އެ އަމުރުގައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތާ ގުޅިގެން ހައްޔަރުކޮށްފައިވާ ބައެއް މީހުން ވެސް ދޫކުރުމަށެވެ.
އެ އަމުރު ތަންފީޒު ބަދަލުކުރުމުގެ ބަދަލުގައި އޭރުގެ އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ ލަފާގެ މަތިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މެދުވެރިކޮށް އެ އަމުރު ވަނީ ބާތިލުކޮށްފައެވެ. އަދި ފަހުން އެ އަމުރު ނެރުނު ފަނޑިޔާރުން ވެސް ހައްޔަރުކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު