ފޮރިން ސާވިސްގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ރައީސް އޮފީހުން ކަނޑައަޅާ ގޮތަށް، އޮތް އޮތުން ބަދަލުކޮށް، ފޮރިން ސާވިސްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މިހާރު ގާނޫނުގައި އޮންނަނީ، ފޮރިން ސާވިސް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް، ފިނޭންސް އާއި ޕޭ ކޮމިޝަންގެ ލަފާގެ މަތިން ކަނޑައަޅާނީ ރައީސް އޮފީހުން ކަމަށެވެ.
ނަމަވެސް އެ މާއްދާއަށް ބަދަލު ގެނެސް، ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން، ފޮރިން ސާވިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް، ނެޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތަށް ކަނޑައަޅާނީ، ފިނޭންސް މިނިސްޓްރީން ކަމަށް މިއަދު ތަސްދީގުކުރި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
ފޮރިން ސާވިސްގެ މުވައްޒަފުންގެ ތެރެއިން ރިޓަޔަ ކުރާ، މުވައްޒަފުންނަށް އިނާޔަތް ދޭން ވާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތަށް ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ފޮރިން ސާވިސްގެ މުވައްޒަފުން ރިޓަޔާކުރެވޭ އުމުރަކީ 65 އަހަރު ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ އިރު، އުމުރުން 55 އަހަރުން މަތީގެ މުވައްޒަފުންނަށް ވެސް ރިޓަޔާކުރުމުގެ އިހުތިޔާރު ގާނޫނުން ވަނީ ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު