އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބު، އިންސާފުވެރިކަމާއެކު ބާއްވައިފިނަމަ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށް އިންތިގެ ކެމްޕެއިން ޓީމުގައި ހިމެނިވަޑައިގަންނަވާ، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ ވޯޓުލުމާއި ވޯޓުލާ މަރުކަޒުގައި ކަންކަން ހަމަޖެހިފައިވާ އުސޫލުތައް އެ ޕާޓީން އިއްޔެ އާއްމުކޮށްފައިވާ އިރު، އިންތިގެ ސަޕޯޓަރުންނާއި މަންދޫބުން ސަމާލުކަންދޭންވީ ކަންތައްތައް މީޑިއާއަށް ހާމަކޮށްދެއްވަމުން ހަސަން ލަތީފު މިއަދު ވިދާޅުވީ، މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރާ ކަމަށެވެ.

ހާއްސަކޮށް އެމްޑީޕީގެ އެތެރޭގެ އިންތިހާބު އެގޮތަށް އިންތިޒާމުވެގެން ދިއުމަކީ މުހިއްމުކަމެއް ކަމަށެވެ. އަދި އިންސާފުވެރި އިންތިހާބެއް އާއްމު މެންބަރުންނަށް ލިބިފައި އޮތުމަކީ އެމްޑީޕީގެ އެންމެ މުހިއްމު އެއް އަސާސް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ މި އިންތިހާބުގެ ކެމްޕެއިންގައި އިންތިއާއެކު ވަރަށް ގިނަ ރަށްތަކަށް ދަތުރުކޮށްފައިވާ ކަމަށެވެ. އެމްޑީޕީގެ މެންބަރުން އިންތިއާއެކު ތިބިކަން އެ ދަތުރުތަކުން ވަރަށް ބޮޑަށް ސާފުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މެމްބަރުން ތިބީ އިންތިއަށް ވޯޓުދީގެން އެމްޑީޕީގެ އަސާސްތައް ހިފެއްޓުމަށް ކަމަށާއި އެހެންކަމުން މި އިންތިހާބުގައި އިންސާފުވެރިކަމާއެކު ވޯޓުލުން ކުރިއަށް ގެންގޮސްފިނަމަ ބޮޑުތަނުން އިންތި ކާމިޔާބު ހޯއްދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ، އެމްޑީޕީގައި މިހާތަނަށް ކަންތައްތައް ހިނގަމުންދާގޮތަށް ބަލާ އިރު، ޗެއާޕާސަން ކަމުގެ އިންތިހާބުގައި މިނިވަންކަމާއެކު ވޯޓުލުމުގެ ހައްގު ހަނި ކުރެވިފައިވާ ކަމަށެވެ. އެގޮތުން ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރާއި ސަރުކާރުން ހިންގާ ކުންފުނިތަކުގެ ވަޒީފާގައި ތިބި މުވައްޒަފުންނަށް ބިރު ދެއްކުމުގެ އަމަލުތަކެއް ހިންގަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެތައް ބައިވަރު ވަޒީފާތަކެއް ކުއްލިއަކަށް އިއުލާންކޮށް ވަޒީފާ ދިނުމުގެ ފޯސްއެއް ކުރިއަށްގެންދާ ކަމަށާއި އެކަމުގެ ސަބަބުން މިނިވަން އިންތިހާބެއް ލިބުމަށް ހުރަސްއެޅިފައިވާ ކަމަށެވެ. ނަމަވެސް އިންސާފުވެރިކަމާއެކު އިންތިހާބު ކުރިއަށްގެންދަން ކުރަންޖެހޭ މަސަކަތްތައް ކުރިއަށްގެންދާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

އިންސާފުވެރިކަމާއެކު އިންތިހާބު ބާއްވަން އެންމެ ބޮޑު މަސައްކަތްތަކެއް ކުރަންޖެހެނީ ވޯޓުލާ ދުވަހު ކަމަށާއި ވޯޓުލުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީން މިހާރު އިއުލާން ކޮށްފައިވާ ގޮތަށް ކަންތައްތައް ކުރިއަށްދޭތޯ ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންތައްތައް އިންތިގެ ކެމްޕެއިން ޓީމުގައި ހިމެނޭ މަންދޫބުންނާއި އޮބްޒާވަރުންނަށް ކިޔައިދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.