ޚަބަރު

ސީއެސްސީގެ ރައީސްގެ ކިބައިން އުނިކުރި ބާރުތައް ދޭ އިސްލާހު ތަސްދީގު ކުރައްވައިފި

އިބްރާހިމް ޒަކީ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސްގެ މަސްއޫލިއްޔަތުތަކުން އުނިކުރި ބައި، އެ ބާރުތަކާއެކު އަލުން ދޭން ހިމަނައި ސީއެސްސީގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލު މަޖިލީހުން ފާސްކުރީ ހުސްވި އޭޕްރީލްމަހުގެ 25 ގައެވެ.

ސަރުކާރުން މި ބިލު މަޖިލީހަށް ހުށަހެޅީ، ސިވިލްސާވިސްގެ ގާނޫނުގައި، ކޮމިޝަންގެ ރައީސްގެ މަސްސޫލިއްޔަތުތައް ބަޔާން ކުރުމާއެކު، ކޮމިޝަންގެ ރައީސް މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާ ކުރާނީ ކޮމިޝަންގެ ނައިބު ރައީސްކަމަށް ބަޔާން ކޮށްފައި ވަނިކޮށް، އެ ގާނޫނަށް ހަ ވަނަ އިސްލާހު ގެނައުމުގެ ގާނޫނުން އެ ގާނޫނުގެ 17 މާއްދާ އެއްކޮށް އިސްލާހުކުރުމާ ގުޅިގެން، ކޮމިޝަންގެ ރައީސްގެ މަސްއޫލިއްޔަތުތަކާބެހޭ ގޮތުން ހިމަނާފައިވާ ބައިތައް އުނިކޮށްފައިވާތީ، އެ ބައި އަލުން ގާނޫނަށް އިތުރުކުރުމަށެވެ.

އެގޮތުން، ޤާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން، ނަތީޖާ ނެރެދެވޭ ގޮތުގައި ހަރުދަނާ އުސޫލުން، ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ލަފައާއި އިރުޝާދުދިނުމާއި، ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމާއި، ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒުކުރުން ކޮމިޝަނުގެ ރައީސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، މި ބިލުން ވަނީ ހިމަނައިފައެވެ.