ބޭރު ބަޔަކާ ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުކުރާ، ގދ. މަޑަވެލި، ގާޑްނިން، އަފްޒާމް އަބްދުއްސައްތާރުގެ މައްސަލަ ދައުލަތުން ހައިކޯޓަށް ހުށަހަޅައިފިއެވެ.
މީގެ ކުރިންވެސް ދައުލަތުން މި މައްސަަލަ ހައިކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އެ ފަހަރު ހައިކޯޓުން މައްސަލަ ބޭރު ކޮށްލިއެވެ. މިފަހަރު މައްސަލަ ހައިކޯޓަށް ހުށަހެޅީ، އެ މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން އަމުރު ކުރުމާ ގުޅިގެންނެވެ.
މިއީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ރާއްޖެ އައި ޕާކިސްތާނުގެ ރައްޔިތުންތަކެއް ކަމަށްވާ މުނީރު އަޒީޒާއި މުހައްމަދު ޔާސީނާއި ބުސްރާ އަނީސްއާ ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އަފްޒާމް ހައްޔަރުކޮށްފައި ވަނިކޮށް ކުރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމަށް ކުރި އަމުރަކާ ގުޅިގެން ހިނގައިދިޔަ މައްސަލައެކެވެ.
މި މައްސަލައާ ގުޅިގެން އެކި ފަހަރުމަތިން އަފްޒާމްގެ ބަންދުގެ މުއްދަތު ކުރިމިނަލް ކޯޓުން އިތުރު ކުރިއެވެ. ނަމަވެސް އެންމެ ފަހުން އިތުރުކޮށްދިން ބަންދުގެ މުއްދަތު ހަމަވާތީ، އޭނާ އިތުރަށް ބަންދުގައި ބަހައްޓައިދިނުމަށް އެދި ހުސްވި މާޗް މަހުގެ 21 ގައި ފުލުހުންގެ ފަރާތުން ކުރިމިނަލް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އިތުރަށް އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އެ ކޯޓުން އޭނާ ދޫކޮށްލަން އަމުރު ކުރިއެވެ.
އެކަމާ ގުޅިގެން ކުރިމިނަލް ކޯޓުގެ އަމުރު ޕީޖީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުގައި އަފްޒާމްގެ ދިފާއީ ވަކީލު ވިދާޅުވީ، އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ އިސްތިއުނާފު ކުރަން އޮންނަ މުއްދަތު ހަމަވި ފަހުން ކަމަށާއި އެހެންކަމުން އެއީ ކުރިއަށްގެންދެވޭނެ މައްސަލައެއް ނޫން ކަމަށެވެ.
ހައިކޯޓުގެ ތިން ފަންޑިޔާރުންގެ ބެންޗުން މި މައްސަލަ ބެއްލުވުމަށްފަހު އެ ބެންޗުގައި ހިމެނިވަޑައިގަންނަވާ، ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ރައުޔަށް ފަނޑިޔާރު މުހައްމަދު ފައިސަލް ތާއީދުކުރައްވައިގެން ހުސްވި އޭޕްރީލް މަހުގެ ދިހަވަނަ ދުވަހު ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ، އަފްޒާމް ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރު ނެރުނީ މިދިޔަ މަހުގެ 21 ވީ ހޯމަ ދުވަހުގެ ހަވީރު 4:20 ގައި ކަމަށެވެ. އަދި އެއީ ރަސްމީ މަސައްކަތު ދުވަހެއް ކަމަށާއި ނަމަވެސް ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރަން ހުށަހެޅީ އެ އަމުރު ނެރުނުތާ 48 ގަޑިއިރު ފާއިތުވި ފަހުން މިދިޔަ މަހުގެ 24 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:10 ގައި ކަމަށެވެ.
"މިދެމަދަށް ރަސްމީ ބަންދު ދުވަހެއް އައިސްފައެއް ނުވޭ. ދައުލަތުން މި ކޯޓަށް އިސްތިއުނާފު ފޯމު ހުށަހަޅާފައިވަނީ އީމެއިލް މެދުވެރިކޮށް. އިސްތިއުނާފަށް ހުށަހެޅުމުގައި، ކޯޓު އަމުރު ލިބުން ލަސްވުން ނުވަތަ އެނޫންވެސް މައްސަލައެއް ލަހުން ހުށަހެޅުމުން ހުއްދަވާ ފަދަ މަގުބޫލު ސަބަބެއް އޮތްކަމަށް ދައުލަތުން ހުށަހަޅާފައި ނުވޭ،" ހައިކޯޓުގެ ނިންމުމުގައިވެއެވެ.
އެހެންކަމުން، މި މައްސަލައަކީ އިޖުރާއީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ނުފެންނަ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމަވާފައިވަނީ، އެ މައްސަލަ ހުށަހެޅީ އިސްތިއުނާފު މުއްދަތު ހަމަވި ފަހުން ކަމަށް ވާތީ، މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
މި މައްސަލައިގައި ރައުޔު ތަފާތުވީ ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔެވެ. ފަނޑިޔާރު ހާތިފް ހިލްމީ ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ (ރ)ގައި އިސްތިއުނާފުގެ މުއްދަތު ފެށޭނީ އަމުރު ނެރޭ ވަގުތު ނުވަތަ ގަޑި ކަމަށް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި އެ މާއްދާގައި ލިޔެފައިވަނީ އެ އަމުރެއް ނެރޭ، ނުވަތަ އެ ނިންމުމެއް ނިންމާ ތާރީހުން ފެށިގެން ކަމަށާއި، މިއީ ދުވަހަށް ކޮށްފައިވާ އިޝާރާތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
ޕީޖީގެ ފަރާތުން ހައި ކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި ފާހަގަކުރީ، ހައި ކޯޓުން އިސްތިއުނާފީ ދުވަސްތައް ގުނާފައިވަނީ ޖިނާއީ އިޖުރާއަތުގައި ބަޔާންކޮށްފައިވާ ޝަރީއަތްކުރުމުގެ ހަމަތަކާއި މާނަ ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ.
ދައުލަތުން ބުނީ، ހައިކޯޓުން ހުކުމްކޮށްފައިވަނީ ދެ ގާނޫނެއްގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށްކަމަށް ވުމުން، އެ ކޯޓުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކުރި އަމުރުވެސް ބާތިލުވާނެ ކަމަށެވެ.
ދައުވާ ލިބޭ ފަރާތުގެ ދިފާއީ ވަކީލު ހަމްޒާ ލަތީފު ވިދާޅުވީ ހައި ކޯޓުން އަމުރުކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށާއި ދައުލަތުން މިހާރު މަސައްކަތް ކުރަނީ ހެދިފައިވާ ގޯހެއް އިސްލާހުކުރުމުގެ ބޭނުމުގައި އޮޅުވާލަން ކަމަށެވެ. ހަމްޒާގެ ފަރާތުން އެދިފައިވަނީ ހައި ކޯޓުގެ އަމުރަށް ބަދަލެއް ގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުމަށެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައެޅީ، ހައިކޯޓުގެ ހުކުމަކީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ހުމަކަށް ވާތީ އެއީ ބާތިލު ހުކުމެއް ކަމަށެވެ. އަދި އެ މައްސަލައަކީ މި މައްސަލައަކީ ހައިކޯޓުން ބަލައި މައުލޫއީ ގޮތުން ހައިކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭ މައްސަލައެއް ކަމަށްވެސް ކަނޑައަޅާފައި ވެއެވެ. އަދި ދަށު ކޯޓުން ނިންމާ މައްސަލަތައް މަތީ ކޯޓުތަކުގައި އިސްތިއުނާފުކުރަން ގާނޫނުގައި އޮންނަ 48 ގަޑިއިރު ގުނާނެ ގޮތާމެދުވެސް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅިއެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެގައިވަނީ، ދަށު ކޯޓުން ނިންމާ މައްސަލަތައް މަތީ ކޯޓުތަކުގައި އިސްތިއުނާފުކުރަން ގާނޫނުގައި އޮންނަ 48 ގަޑިއިރުގެ މުއްދަތު ގުނާނީ، ދަށުކޯޓުން އެ މައްސަލައެއް ނިންމި ވަގުތުން ފެށިގެން ކަމަށެވެ.
ސުޕްރީމް ކޯޓުގެ މި ހުކުމާ ގުޅިގެން، ހައިކޯޓުގައި ދެވަނައަށް އިސްތިއުނާފު ކުރި މި މައްސަލައިގައި ދައުލަތުން މިއަދު އެދިފައި ވަނީ، 15 ދުވަހުގެ މުއްދަތަކަށް އަފްޒާމް ބަންދުކޮށްދިނުމަށެވެ.
މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން މި މައްސަލަ ބައްލަވާ، ހައިކޯޓުގެ ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި، ހައިކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދު ވިދާޅުވީ، މައްސަލައާ ގުޅިގެން އިތުރުކަމެއް އޮޅުން ފިލުވަން ނެތްނަމަ ދެން އޮންނާނީ މައްސަަލައިގެ ހުކުމް އިއްވުން ކަމަށެވެ.
ޚަބަރު
ޚަބަރު