ގއ. މާމެންދޫ ގެއެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެއެވެ.

މާމެންދޫ ކައުންސިލުގެ ރައީސް އަހުމަދު އަޒީޒު "ވަން" އަށް މިއަދު ވިދާޅުވީ ރޭ ދަންވަރު އެ ރަށު ލޯންގް ލައިފް ގޭގައި އަލިފާން ރޯވި އިރު، އެގޭގައި ދެމަފިރިއަކާއި ކުޑަކުއްޖަކު އުޅުނު ކަމަށެވެ.

އެ މީހުންނަށް އެއްވެސް އަނިޔާއެއް ނުލިބުނު ނަމަވެސް، އާންމުންގެ އެހީތެރިކަމާ އެކު އަލިފާންގަނޑު ނިއްވާލި އިރު، ގޭގައި ހިފާ ގެންގުޅޭ ސާމާނާއި ހުރިހާ އެއްޗެއް އަނދައި ހުލިވެފައިވާ ކަމަށް ވިދާޅުވިއެވެ.

"ރޭ 1:30 ހާއިރު އަލިފާން ރޯވީ. ދެން ނަސީބަކުން އެ ގޭގައި ތިބި ދެމަފިރިންނާއި ކުޑަ ކުއްޖާއަށް އެއްވެސް އަނިޔާއެއް ނުލިބޭ. އެކަމަކު ލައިގެން ހުރި އަންނައުނު ފިޔަވާ އެހެން އެކައްޗެއްވެސް ނުލިބުނު. މުޅި ގެ އަނދައި އަޅިޔަށްވެފަ އެ ހުރީ. އެ ގޭގަ އުޅޭ އަނެއް ދެމަފިރިން، މި ގޭގެ ވެރިން އެމީހުންވީ ބައިޕާސް އެއް ހަދަން މާލޭގައި. މިއަދު އަންނަން އޮތީ. އެކަމަކު ގެ ހުރި ހާލަތުން އެމީހާގެ ހާލަތު ގޯސްވެދާނެތީ ރަށަށް ނުގެންނަން އާއިލާއިން ނިންމީ،" އޭނާ ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ އެ ގޭގެ ވެރިފަރާތަކީ ކޫއްޑޫގައި މަސައްކަތްކުރާ މީހެއް ކަމަށާއި ނަމަވެސް މިވަގުތު ހުރީ ނޯ ޕޭގައި ކަމުން އަތުގައި އެއްވެސް ފައިސާއަށް ނެތް ކަމަށެވެ. އަދި ދިރިއުޅުން އަލުން ފަށަން ޖެހިފައިވާ އިރު، އާއިލާއަށް މާލީ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

އަލިފާން ރޯވި ސަބަބެއް އަދި އެނގިފައިނުވާ އިރު، އަހުމަދު ވިދާޅުވީ މިއީ ބަޔަކު ގަސްދުގައި ކޮށްފާނެ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ލިބުނު ގެއްލުން އަދި ބުނަން ނޭނގޭ ކަމަށްވެސް އާއިލާއާ ހަވާލާދީ އޭނާ ވިދާޅުވިއެވެ.

ހާދިސާ ހިނގި ގޭގައި ދިރިއުޅޭ މީހުން، ކައުންސިލާއި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓާ ގުޅިގެން އެހެން ގެއަކަށް ބަދަލުކޮށް ބޭނުންވާ ޒަރޫރީ އެހީތައް މިހާރު ދަނީ ދެމުންނެވެ.