ސްރީލަންކާގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފިޔަވަޅުތައް އަވަސް ކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސަރުކާރަށް ގޮވާލައިފި އެވެ.

ސްރީލަންކާގެ އިގުތިސޯދީ ހާލަތު ދަށްވެ، ބޭރު ފައިސާ ހުސްވުމުގެ ސަބަބުން އެގައުމުން މިހާރު ވަނީ އެއީ ބަނގުރޫޓުވެފައިވާ ގައުމެއްކަން އިއުލާންކޮށްފައެވެ.

ލަންކާގެ ފޮރިން ރިޒާވްގައި އެގައުމަށް ބޭނުންވާ ޒަރޫރީ މުދާ އެތެރެކުރެވޭނެ މިންވަރަށްވެސް ފައިސާއެއް ނެތެވެ. ލަންކާގެ އިގުތިސޯދު އެހާލަތަށް ދިޔައީ ކޮރަޕްޝަނުގެ ސަބަބުންކަމަށް ބުނެ އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ސަރުކާރުގެ އިސްތިއުފާއަށްށް ގޮވާލައި ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދަމުންނެވެ. އަދި މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ގެތަކުގައި އަލިފާން ޖަހައި ގެއްލުންދެމުންނެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަވަށްޓެރި ސްރީލަންކާ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމާއެކު، އެ ގައުމުގެ ހާލަތު ބަދަލުވެ، ހިނގަމުންދާ ހަމަނުޖެހުންތަކާއި މެދު އެ ކޯލިޝަންގެ ކަންބޮޑުވާ ކަމަށެވެ. އަދި ލަންކާއަށް ކުރިމަތިވަމުންދާ ނުތަނަވަސް ކަމުން އަރައިގަތުމުގައި ޑިމޮކްރަސީގެ ރިވެތި އުސޫލުގެ ބޭނުން ހިފައި، ގައުމާއި ރައްޔިތުންނަށް ހަމަޖެހުން ލިބި ގައުމުގެ ހާލަތު އާންމު ހާލަތަކަށް ބަދަލުވެގެން ދިއުމަކީ އެ ކޯލިޝަނާއި ދިވެހި އެންމެހައި ރައްޔިތުންގެ އުންމީދު ކަމަށްވެސް ބުންޏެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ ތެރެއިން އެގައުމުގައި ދިރިއުޅޭ އެންމެހައި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށާއި، ބޭނުންވާ އަސާސީ އަދި ޒަރޫރީ ހިދުމަތްތައް ފަސޭހަކަމާއިއެކު ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދިވެހި ސަރުކާރަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނި ގޮވައިލައިފަ އެވެ.

"ލަންކާގައި ދިރިއުޅޭ އެންމެހާ ދިވެހިންގެ ހާލު ގާތުން ބަލައި، ބޭނުންވާ އެހީތެރިކަން ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމުގެ އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، މީގެ އިތުރުންވެސް މިހާލަތުގައި އެނބުރި ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހި ރައްޔިތުންނަށް އެފަދަ އިންތިޒާމުތައް ފަސޭހަކަމާއެކު ހަމަޖައްސައިދިނުމަށް ވެސް ގޮވާލަން." އިދިކޮޅުން ބުންޏެވެ.

އޭގެ އިތުރުން ބަދަލުވަމުންދާ ހާލަތާއި ގުޅިގެން ކުރިމަތިވެދާނެ އެންމެހާ ނުރައްކާތަކުން ސަލާމަތްވެ ތިބުމަށް ލަންކާގައި ދިރިއުޅޭ އަދި ދަތުރު ކުރާ އެންމެހާ ދިވެހިންނަށް އެ ކޯލިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.