އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ ކެމްޕޭނުގައި ޗެއާޕާސަން ކެންޑިޑޭޓް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ވޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ފައްޔާޒާ ދެކޮޅަށް ޝަކުވާ ބަލާ ކޮމިޓީން ނިންމާފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

ޗެއާޕާސަންގެ އިންތިހާބާ ގުޅިގެން އެކުލަވާލި ޝަކުވާ ބަލާ ކޮމިޓީން ފައްޔާޒާ ދެކޮޅަށް މައްސަލަ ނިންމީ، އެ މަގާމަށް ދެން ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ފަރާތުން ހުށަހެޅި މައްސަލައެއް ބެލުމަށްފަހުއެވެ.

އެ މައްސަލައަކީ، ގދ. ގައްދޫ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގެ މެނޭޖަރު ކަމުގެ މަގާމުގައި ހުންނެވި ގދ. ގައްދޫ، އޭޝިޔާ، އިލްހާމް ރަޝީދު އެކުންފުނީގެ މުވައްޒަފު ގދ. ގައްދޫ، ފުނަމާގެ، އާމިރު އަބްދުﷲ އަށް ފޯނުން ގުޅައި، އިންތިއަށް މަރުހަބާ ދެންނެވުމަށް ނުދިއުމަށާއި އިންތިހާބުގެ ކަންކަމުގައި އިންތިއަށް ތާއީދު ނުކުރުމަށް އަންގައި، އިލްހާމް ރަޝީދު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އާމިރު އަބްދުﷲ އަށް ބިރު ދެއްކި ކަމަށް ބުނެ އިންތިގެ ކެމްޕެއިން ޓީމު، "ތިލަފަތުގެ ރަމްޒު"ގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލަ ބެލުމަށްފަހު ޝަކުވާ ބަލާ ކޮމިޓީން ނިންމީ ޗެއާޕާސަންގެ އިންތިހާބަށް ފައްޔާޒް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. ނަމަވެސް ޝަކުވާ ބަލާ ކޮމިޓީގެ އެ ނިންމުން ފައްޔާޒުގެ ފަރާތުން ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.

އިސްތިއުނާފީ ފަނޑިޔާރުންގެ މަޖިލީހުން އެ މައްސަލަ ބެލި ތިން މެމްބަރުންގެ އިއްތިފާގުން ނިންމީ، އިންތި ހުށަހެޅުއްވި މައްސަލަތައް ބެލި އެމްޑީޕީގެ ޝަކުވާ ބަލާ ކޮމިޓީއަކީ ގަވައިދާ ހިލާފު ކޮމިޓީއެއް ކަމަށާއި، އެހެންކަމުން އެ ކޮމިޓީގެ ނިންމުންތައް ވެސް ބާތިލުވާނެ ކަމަށެވެ.

އިސްތިއުނާފީ ފަނޑިޔާރުންގެ މަޖިލީހުގައި ތިއްބަވާ މެމްބަރުންނަކީ، ނައުޝާދު އަބްދުލްއަޒީޒާއި އަހުމަދު ނިޝާދު އަދި އާދަމް މާހިރެވެ. ފައްޔާޒު ހުށަހެޅުއްވި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ނައުޝާދު އަބްދުލްއަޒީޒުއެވެ.

ތިން މެމްބަރުންގެ އިއްތިފާގުން ނިންމި ނިންމުމުގައި ބުނެފައިވަނީ، ޝަކުވާ ބަލާ ކޮމިޓީއަކީ އިޖުރާއަތްތަކާ އެއްގޮތަށް އެކުލަވާލާފައިވާ ކޮމިޓީއެއް ވެސް ނޫން ކަމަށާއި، އެ ކޮމިޓީ އެކުލަވާލާފައިވަނީ ޕާޓީގެ އިންތިހާބާ ބެހޭ ގަވައިދުގެ 46 މާއްދާގެ (ހ)އާ ހިލާފަށް ކަމަށެވެ.

"އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދާ އެއްގޮތަށް އެކުލެވޭ ޝަކުވާ ބަލާ ކޮމިޓީއަކުން ގަވާއިދާ އެއްގޮތަށް މައްސަލަތައް ބެލުމަށް އިންތިހާބާ ބެހޭ ކޮމިޓީއަށް އަންގައި މި މައްސަލަ ބެލި މަޖިލީހުންގެ މެމްބަރުންގެ އިއްތިފާގުން ނިންމައިފީމެވެ..،" ނިންމުމުގައި ބުންޏެވެ.

އެމްޑީޕީ ޗެއާޕާސަން ހޮވުމުގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބާއްވާ އިރު، އެ ޕާޓީގެ އަންހެނުން ރޫހުގެ ރައީސާ ހޮވުމުގެ އިންތިހާބު ވެސް އެ ދުވަހު ބާއްވާނެއެވެ.

އެމްޑީޕީ ޗެއާޕާސަން ހޮވުމުގެ ފޯރިގަދަ އިންތިހާބުގައި މިނިސްޓަރު ފައްޔާޒް ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ. އަދި ފައްޔާޒާ ދެކޮޅަށް ނުކުންނަވާ އިންތި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ.

އެމްޑީޕީން އަންނަ އޮގަސްޓް މަހުގެ ހަތަރުވަނަ ދުވަހަށް އެ ޕާޓީގެ ކޮންގްރެސް ތާވަލުކޮށްފައިވާ އިރު، ގާނޫނުއަސާސީއަށް ގެންނަވަން ރައީސް ނަޝީދު ހުށަހަޅުއްވާ ބަދަލުތަކާ މެދު ގޮތެއް ނިންމަން އަހާނީ އެ ކޮންގްރެސްގައެވެ. އެ ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވާނީ އަލަށް އިންތިހާބުކުރާ ޗެއާޕާސަނެވެ.