ޚަބަރު

ޖަމިއްޔާތަކުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

މުހައްމަދު އިޝާން

ޖަމިއްޔާތަކުގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ޖަމިއްޔާތަކުގެ ބިލަކީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ. އެ ބިލަކީ ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދޭ ޖަމިއްޔާތައް ހަދައި ހިންގުމުގެ ހައްގުގެ ބޭނުންކުރާނެ ގޮތުގެ ހަމަތައް ބަޔާންކުރުމާއި ޖަމިއްޔާތަކާއި ޖަމާއަތްތައް އުފެއްދުމާއި ރަޖިސްޓަރީކުރުމާއި ހިންގުމުގެ އިޖުރާއަތްތަކާއި ޖަމިއްޔާތަކާއި ޖަމާއަތްތަކަށް ލިބިގެންވާ ހައްގުތަކާއި ސިފަތަކާއި ޖަމިއްޔާގެ ރަޖިސްޓްރާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި އިހުތިޔާރުތައް ބަޔާންކުރުމުގެ ބޭނުމުގައި ފާސްކުރި ބިލެކެވެ.

އެބިލުގެ މަގުސަދުތަކުގެ ތެރޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމިއްޔާތަކުގެ ހަރަކާތްތައް ޒިންމާދާރު ގޮތެއްގައި ހިންގޭނެ ނިޒާމެއް ގާއިމުކޮށް، ޖަމިއްޔާތަކުން މުޖުތަމައުގެ ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ މަގެއް ގާނޫނުގެ ތެރެއިން ފަހިކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން ޖަމިއްޔާތަކަށް އާމްދަނީ ހޯދުމަށް މަސައްކަތް ކުރެވޭނެ ދާއިރާތަކާއި ފައިސާ ހޯދުމާއި ޖަމިއްޔާތަކުން ދަރަންޏަށް ޒިންމާވުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ އިތުރުން ރަޖިސްޓަރީވެފައިވާ ޖަމިއްޔާއެއް އުވާލެވޭނެ އުސޫލުތައް ބަޔާންކުރުން ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ބިލުގެ 57 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އަހަރަކު ސަރުކާރުން ޖަމިއްޔާތަކަށް ހިލޭ އެހީ ފޯރުކޮށްދިނުމަށްޓަކައި، މިނިސްޓްރީގެ ބަޖެޓުގެ ތިން ޕަސެންޓަށްވާ ފައިސާ ހިމަނަންވާނެ ކަމަށެވެ. ކޮންމެ އަހަރަކުވެސް ފާއިތުވެދިޔަ އަހަރު މިނިސްޓްރީގެ ބަޖެޓުގައި އެކަމަށް ފައިސާ ހިމަނާފައިވާ އަދަދަށް ވުރެ ކުޑަ ނޫން އަދަދެއް، ބަޖެޓުގައި ހިމަނަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެ ކުންފުނިތަކުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީސް (ސީއެސްއާރު)ގެ ގޮތުގައި ކޮންމެ އަހަރަކު ކަނޑައަޅާ އަދަދެއްގެ 25 ޕަސެންޓަށް ވުރެ ކުޑަ ނޫން އަދަދެއް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން ޖަމިއްޔާތަކަށް ފޯރުކޮށްދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އެ ފައިސާ ހިލޭ އެހީގެ ގޮތުގައި ޖަމިއްޔާތަކަށް ދޭން ވާނީ، ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމެޓީގެ ލަފާގެ މަތިން މިނިސްޓްރީން ކަނޑައަޅައި އާއްމުކުރާ އުސޫލެއްގެ ދަށުން ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތަށް ކަނޑައެޅި ނަމަވެސް، އަމިއްލަ ކުންފުނިތަކުން ޖަމިއްޔާ ޖަމާއަތްތަކަށް ފައިސާގެ ހިލޭ އެހީ ފޯރުކޮށްދެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އެފަދަ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށްވެސް ޓެކްސްގެ ލުއިތަކެއް ދިނުމަށް ބިލުގައި ވަނީ ހިމަނައިފައެވެ.

އެގޮތުން މަދަނީ ޖަމިއްޔާތަކުން މުޖުމަތައުގެ އާއްމު މަންފާއަށް ކުރާ ކަންތައްތަކަށް ހިތްވަރު ދިނުމަށާއި ގައުމުގެ ތަރައްގީގައި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުވާނެ ގޮތެއް ފަހިކުރުމަށާއި ޖަމިއްޔާ ހަދައި ހިންގުމަށް ހިތްވަރު ދިނުމުގެ ގޮތުން، އެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާތަކަށާއި އެފަދަ ޖަމިއްޔާތަކަށް އެހީތެރިވެދޭ ވިޔަފާރިތަކަށް، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގައިވާ އުސޫލުތަކުގެ ދަށުން ޓެކުހުން ލުއި ލިބޭނޭ ގޮތްތައް ފިނޭންސް މިނިސްޓްރީގެ މަޝްވަރާގެ މަތިން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އިންތިޒާމުކުރަންވާނެ ކަމަށް ބިލުުގައި ބުނެފައިވެއެވެ.