ށ. ފުނަދޫ ފުޓުބޯޅަ ދަނޑު ހެދުމަށް އެ އަތޮޅު ފޯކައިދޫން ވެލި ގެންދާތީ އެކަމާ ދެކޮޅަށް މުޒާހަރާކޮށްފިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ފޯކައިދޫ ކައުންސިލްގެ ރައީސް އަހުމަދު އާސިފް މިއަދު ވިދާޅުވީ، ފުނަދޫ ފުޓުބޯޅަ ހެދުމަށް އެރަށުން ވެލި ގެންދިއުމާ ދެކޮޅަށް މުޒާހަރާކުރަމުން އަންނަނީ އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ދިހަ ވަރަކަށް މީހުން ކަމަށެވެ.

އާސިފް ވިދާޅުވީ، ޔޫތު މިނިސްޓްރީން އެދިގެން، އެރަށުން 25 ލޮރީގެ ވެލި ނެގުމުގެ ހުއްދަ އެމްޓީސީސީއަށް ދީފައިވާ ކަމަށެވެ.

މުޒާހަރާގެ ބައިވެރިން މުޒާހަރާ ކުރިއަށްގެންދިޔައީ އެމްޓީސީސީގެ ސައިޓުގައި ކަމަށާއި އެކަން ހުއްޓުވަން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށް އާސިފް ވިދާޅުވިއެވެ.

އާސިފް އިތުރަށް ވިދާޅުވީ، އެ މުޒާހަރާގައި ބޮޑު ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށެވެ.

ފުނަދޫ ފުޓުބޯޅަ ދަނޑަކީ ދައުލަތުގެ ބަޖެޓުން 6.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ ދަނޑުގެ އަމަލީ މަސައްކަތް ނިންމުމަށް ލަފާކޮށްފައިވަނީ މިއަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށެވެ.