އެމްޓީސީސީގެ ޑްރެޖަރުގެ ވަޒީފާތަކާއި ބަސް ޑްރައިވަރުންގެ ވަޒީފާތަކަށް މުވައްޒަފުން ހޯދައި ތަމްރީނުކުރުމަށް ކުރިއަށްގެންދާ "ޖޮއިންޓީމްއެމްޓީސީސީ ކެމްޕެއިން 2022" ގެ ހަރަކާތްތައް މިއަދާއި މާދަމާ އައްޑޫ ސިޓީގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.
މި ކެމްޕެއިންގެ ދަށުން، ޑްރެޖާ ބޭނުންކުރުމަށް ޓަކައި، ޖުމުލަ 65 މީހަކާއި 22 ބަސް ޑްރައިވަރުން ތަމްރީނުކޮށް ރެކްރޫޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ޑްރެޖް މާސްޓާ، ޑްރެޖް އޮޕަރޭޓަރު، ޑްރެޖް މެކޭނިކް، ޑްރެޖް ކްރޫ، ޓަގް އޮޕަރޭޓަރު، ޓަގް ކްރޫ، ވެލްޑަރު އަދި ޑްރެޖް ސުޕަވައިޒަރުން ފަދަ ދާއިރާތަކަށް މީހުން ތަމްރީން ކުރެވިގެން ދާނެއެވެ.
ޑްރެޖަރުގެ ވަޒީފާތަކާއި އަދި ބަސް ޑްރައިވަރުން ވަޒީފާތަކަށް ބޭނުންވާ ދިވެހިން ހޯދުމަށް ބާއްވާ 'ރެކްރޫޓްމަންޓް އޯޕަން ޑޭ' މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން 22 ގެ ނިޔަލަށް ބޭއްވުމަށް ވަނީ ހަމަޖައްސައިފަވެ.
އެމްޓީސީސީން ބުނީ މި ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާ ފަރާތްތަކަށް 12،000 ރުފިޔާއާއި 33،000 ރުފިޔާއާއި ދެމެދުގެ މުސާރައަކާއި އެކު އެ ކުންފުނީގެ ވަޒީފާ ހަމަޖެހޭނެ ކަމަށެވެ.
އައްޑޫ ސިިޓީގައި މިއަދާއި މާދަމާ ކުރިއަށް ގެންދާ އޯޕަންޑޭ ހަރަކާތްތަކުގެ ތެރެއިން މިއަދުގެ ހަރަކާތްތައް ކުރިއަށް ގެންދާނީ ސ. ފޭދޫ އާއި ސ. ހިތަދޫގައެވެ. ފޭދޫގައި ކުރިއަށްގެންދާ ހަރަކާތްތައް މިއަދު 9:00 އިން 12:00 އަށް ފޭދޫ އެމްޓީސީސީ ފެރީ ޓާމިނަލުގައި ކުރިއަށްގެންދާއިރު ހިތަދޫގައި ކުރިއަށްގެންދާ ހަރަކާތްތައް މިއަދު 14:00 އިން 17:00 އަށް އައްޑޫ ސިޓީ ކައުންސިލް ހޯލުގައި ކުރިއަށް ގެންދާނެއެވެ. އަދި ސ. ހުޅުމީދޫގައި ބާއްވާ އޯޕެންޑޭ ހަރަކާތްތަށް ކުރިއަށްގެންދާނީ މާދަމާއެވެ.
އެމްޓީސީސީން ވަނީ ޖޮއިންޓީމްއެމްޓީސީސީ ކެމްޕެއިނުގެ އޯޕަންޑޭ ހަރަކާތްތައް ހދ. ކުޅުދުފުއްޓާއި ހދ. ނޮޅިވަރަންފަރުގައި ކުރިއަށް ގެންގޮސްފައެވެ. އަދި ޏ. ފުވައްމުލައް، ލ. ގަން، ލ. އިސްދޫ، ށ. ފުނަދޫ، ޅ. ހިންނަވަރު އަދި ޅ. ނައިފަރުގައިވެސް މި ކެމްޕެއިނުގެ ހަރަކާތްތައް ކުރިއަށްގެންދަން ވަނީ ރާވައިފައެވެ.
އެމްޓީސީސީން ބުނީ މި ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު ކުންފުނީގެ ސޯޝަލް މީޑިއާގައި ޝާއިއުކުރަމުންގެންދާނެ ކަމަށެވެ. އަދި ކުންފުނީގެ ހޮޓްލައިން 1650 އަށް ފޯނުން ގުޅައިގެންވެސް މައުލޫމާތު ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު