މިމަހުގެ ދެ ވަނަ ދުވަހު ފުވައްމުލަކު ސިޓީގެ ބަނދަރުގެ ނެރު ކައިރިއަށް ޑައިވިން ކުރަނިކޮށް ގެއްލުނު އެރަށު މުހައްމަދު ސައީދު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ހުއްޓާލައިފިއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ، ސައީދު ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަން މިއަދު ހުއްޓާލާފައިވާ ކަމަށެވެ.
ސައީދު ހޯދުމަށް ކޯސްޓު ގާޑުގެ ސިފައިން ހަތް ދުވަހުގެ ތެރޭގައި ވައިގެ މަގުން 2،960 ސްކެއާ މޭލު، ކަނޑުގެ މަގުން 769 ސްކެއާ މޭލު އަދި ކަނޑުގެ އަޑިން 85 މީޓަރު ބަލާފައިވެއެވެ.
މިދިޔަ ބުދު ދުވަހު ސައީދު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވަނީ އޭނާގެ ޑައިވްބެލްޓް ކަމަށް ބެލެވޭ ޑައިވް ބެލްޓެއް ފެނިފައެވެ. އެ ބެލްޓު ފެނިފައިވަނީ 68 މީޓަރު އަޑިންނެވެ.
ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިން ޕޮއިންޓަށް ޑައިވިނަށް ދިޔަ ސައީދު ގެއްލުނުކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިމަހުގެ ދެ ވަނަ ދުވަހު މެންދުރުފަހު 3:36 ހާއިރެވެ. އެއިރުއްސުރެ އޭނާ ހޯދުމުގެ މަސަައްކަތް ވަނީ ފަށައިފައެވެ.
ސައީދު ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުން ދެ ހާބާ ކްރާފްޓް ބޭނުންކުރި އިރު ވައިގެ މަގުން ޑޯނިއާ ފުލައިޓާއި ހެލިކޮޕްޓަރު ވެސް ވަނީ ބޭނުންކޮށްފައެވެ. ކޯސްޓްގާޑުގެ އިތުރުން ސައީދުގެ އެކުވެރިން ވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރިއެވެ.
ސައީދު ޑައިވިންއަށް ފޭބި އިރު، ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިން ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެކެވެ.
ސައީދާއެކު ޑައިވިންއަށް ފޭބި އެރަށު މަހުމޫދު ފާއިޒު ޑީކޯވުމުގެ ސަބަބުން އޭނާ ވަނީ އިތުރުފަރުވާއަށް މާލެ ގެނެސްފައެވެ.