މިދިޔަ ފިތުރު އީދު ދުވަހުން ފެށިގެން ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާލޭގައި ހިންގި، ސިލްސިލާ މާރާމާރީތަކުގެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ތ.ތިމަރަފުށީ ސީނުގެ އަހުމަދު ޝިމްހާޒު އާއި މ. ލޮނުމިދިލިގެ ލޫތު އަހުމަދު އާސިފް ފަސްދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.
އެ ދެމީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހުށަހެޅުމުން، މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް އެމީހުން ބަންދު ކުރުމަށް ކުރި އަމުރުގައި ބުނެފައި ވަނީ، އެ ދެމީހުން ބަންދު ކުރީ ޖަމާއަތް ހަދައިގެން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި މުޖުތަމައުގެ އަމަން ނަގާލުމުގެ މައްސަލައިގައި ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ހިންގި ދެ މާރާމާރީގެ ތެރެއިން ފުރަތަމަ މާރާމާރީއަކީ މާފަންނު ކޯރުކެނޑިމަގު، މާވެޔޮމިސްކިތް ކައިރީގައި ފަތިހު ހިންގި މާރާމާރީއެކެވެ. އެ މާރާމާރީގައި ޒަހަމްކޮށްލައިފައިވަނީ 23 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. ދެވަނަ މާރާމާރީ ހިންގާފައިވަނީ ހެންވޭރު އަސްރަފީ މަގުގައި އެދުވަހުގެ ހެނދުނެވެ. އެ މާރާމާރީގައިވެސް ދެ ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައެވެ.
ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހުގެ ހެނދުނު އަސްރަފީ މަގުގައި ހިންގި މާރާމާރީ މައްސަލައާ ގުޅިގެން 15 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މާރާމާރީގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އެކަކީ ގދ. ވާދޫ އުނިމާގެ ހަސަން ޒިޔާއު އިބްރާހިމް، 18އ އެވެ.
ފުލުހުން ބުނީ ހަސަން ޒިޔާއުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އަދި 15 އަހަރުގެ ކުއްޖާ ޖުވެނައިލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅޭ ހަތް މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެ، އެ ހަތް މީހުންގެ ވަނަވަރުވެސް ފުލުހުން ވަނީ އާއްމުކޮށްފައެވެ.
މިއަދު ބަންދުގެ މުއްދަތު ޖެހި ދެ މީހުންނަކީ، އެ މައްސަލައާ ގުޅިގެން ހޯދުމަށް ފުލުހުން އިއުލާން ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ދެ މީހުންނެވެ.
- ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، މައުސޫމް މުހައްމަދުދީދީ (27އ)
- ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަހުމަދު ރަބީއު (24އ)
- ގއ. ގެމަނަފުށި/ ކެނެރީގެ، އަހުމަދު ނާޒިހު (27އ)
- ސ. ހުޅުދޫ/ ނާދީ، މުނާދު ޖައުފަރު (20އ)
- ސ. މަރަދޫ/ ކޮރަލް، އަހުމަދު ސާތިއު (21އ)
ޚަބަރު
ޚަބަރު
ޚަބަރު