ނ. މިލަދޫގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މައްސަލައިގައި، ނ. މިލަދޫ، ފަތަނގުމާގެ، އުމުރުން 18 އަހަރުގެ ަބްދުﷲ ޝުހާދު އަހުމަދަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ ކޮށްފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، ނ. މިލަދޫ، މާގަސްދޮށުގެ ގޯތި ތެރޭގައި ބަހައްޓާފައި ހުރި ނ. މިލަދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި، ހުސްވި ފެބްރުއަރީ 18 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި އަލިފާން ރޯކޮށްލި މައްސަލައިގައި އަބްދުﷲ ޝުހާދުގެ މައްޗަށް، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 220 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރާ ހަވާލާދީ އެމާއްދާގެ (ރ) ދެވަނަ ނަންބަރުގެ ދަށުން، މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށެވެ.
ހުސްވި އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު، އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ، ނ. މިލަދޫ މެޖިސްޓްރޭޓް ކޯޓުގައި ކަމަށްވެސް ބުނެފައިވެއެވެ.
ނ. މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ޝުހާދު ހިމެނޭގޮތަށް ތިން މީހަކު ފުލުހުން ހައްޔަރުކުރިއެވެ. ނަމަވެސް އެ ތިން މީހުންގެ ތެރެއިން ދެ މީހަކު މިލަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ދޫކޮށްލައިފައެވެ.
ފުލުސް މީހާގެ ސައިކަލުގައި ރޯކޮށްލާ ވީޑިއޯއެއްވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
އެ ވީޑިއޯގައި މޫނު ނިވާކޮށްގެން ހުރި އެކަކު ފުލުސް މީހާ ދިރިއުޅޭ ގޭތެރެއަށް ވަދެ އޭނާގެ ސައިކަލަށް ޕެޓްރޯލް ޖަހާތަން ފެނެއެވެ. އަދި މޫނު ނިވާކޮށްގެން ހުރި އިތުރު މީހަކު އެގޭތެރެއަށް ވަނުމަށްފަހު ސައިކަލުގައި ރޯކޮށްލުމަށްފަހު ފިލައިގެންދާ މަންޒަރުވެސް ފެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު