ތޫނު ހަތިޔާރު ބޭނުންކޮށްގެން ކ. މާފުށީގައި މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިންމީހުން، ހައްޔަރު ކުރީ ކޯޓު އަމުރަކާ ނުލައި ކަމަށްވާތީ، އެ ތިން މީހުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

ކ. މާފުށީ މޫންލައިޓް ރެސްޓޯރެންޓް ކައިރިން ދެމީހަކު ވަޅިއެއް ހިފަިއގެން، މީހެއްގެ ފަހަތުން ދުވެފައިދާ ކަމަށްބުނެ، ހުށަހެޅުނު މައްސަލައަކާ ގުޅިގެން މިމަހު ހަތްވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ހައްޔަރު ކުރި ތިން މީހުންނަކީ، ރ.އަލިފުށި އޭޝިޔާ، އުމުރުން 19 އަހަރުގެ ޝާން ހަމީދު އާއި، ރ.މަޑުއްވަރީ ސޯސަންމާ 21 އަހަރުގެ އާދަމް ލިވާއު އާއި ތ.ދިޔަމިގިލީ ދޫނިހުރާ 26 އަހަރުގެ މުހައްމަދު ރިފާއު އެވެ. އެ ތިން މީހުން ހައްޔަރު ކުރީ މާލެއިންނެވެ.

އެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކުރިމިނަލް ކޯޓުގައި ބޭއްވި މުއްދަތު މަޖިލީހުގައި، އެމީހުން ދޫކޮށްލުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެމީހުން ދޫކޮށްލި ސަބަބެއްގެ ގޮތުގައި، ބަޔާން ކޮށްފައި ވަނީ، ކ.މާފުށީގައި ހިނގައިދިޔަ ހާދިސާއަކާ ގުޅިގެން އެ ތިންމީހުން މާލެއިން ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރަކާ ނުލައި ކަމަށްވާތީއެވެ.

އެމީހުން ދޫކޮށްލުމަށް ކުރި ކޯޓު އަމުރުގައި ބުނެފައި ވަނީ، ކ. މާފުށީގައި ހިނގާފައިވާ ހާދިސާއަކާ ގުޅިގެން މާލޭން، ކާރެއްގެ ތެެރެއިން އެމީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރަކާ ނުލައި ކަމަށެވެ.

މާފުށީ ރެސްޓޯރެންޓެއްގައި ހިންގައިދިޔަ ހާދިސާއަކާ ގުޅިގެން، ހާދިސާ ހިނގިތަނުން، އެމީހުން ހައްޔަރު ކުރާނަމަ ކޯޓު އަމުރެއް އޮންނަން ވާނެ، ކަމަށާއި، ނޫންނަމަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައި އޮންނަންވާނެ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް މިހާދިސާއާ ގުޅިގެން އެމީހުން ހައްޔަރު ކުރިއިރު، އެފަދަ ހާލަތެއް ވުޖޫދު ވެފައިވާކަން ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހެޅި، ލިޔެކިޔުންތަކަށް ބެލުމުން އެނގެން ނެތް ކަމަށްވެސް ބުނެފައިވެއެވެ.

އެ ސަބަބުތަކަށް ޓަކައި އެމީހުން ބަންދުން ދޫކޮށްލުމަށް އަމުރުކުރާ ކަމަށް ގާޒީ ހުސެއިން ފާއިޒު އިއްޔެ ކުރެއްވި އަމުރުގައި ވެއެވެ.