ކ. މާފުށީގައި ތޫނު ހަތިޔާރު ބޭނުންކޮށް މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މާފުށީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުނު މައްސަލައެއް ރޭގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރު ކޮށްފައިވަނީ 20 އަހަރާއި 21 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.

ފުލުހުން ބުނީ މި ދެ މީހުންވެސް ހައްޔަރު ކުރީ މާފުށިން ފުރައިގެން މާލެ އައިތަނުން ކަމަށެވެ.

މި ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިދިޔަ ފިތުރު އީދު ދުވަހުން ފެށިގެން ތޫނު ހަތިޔާރު ބޭނުންކޮށް މާލޭގައިވެސް ވަނީ ސިލްސިލާ މާރާމާރީ ތަކެއް ހިންގައިފައެވެ. އެ މާރާމާރީގެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު މިހާތަނަށް މާރާމާރީތަކާ ގުޅުންހުރި 11 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ މައްސަލަތަކާ ގުޅުންހުރި އިތުރު ހަތް މީހަކު ހޯދުމުގެ މަަސައްކަތްވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.