ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއަކީ ރާއްޖޭގެ އަމާންކަމާމެދު ސުވާލު އުފެދުނު ހަމަލާއެއް ކަމަށާއި އެހަމަލާގެ ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ ކަމަށް އެމްޑީޕީން ބުނެފިއެވެ.
ނަޝީދު އަށް އަމާޒުކޮށް، މިދިޔަ އަހަރުގެ މެއި މަހުގައި ދިން ބޮމުގެ ހަމަލާއަށް އަހަރެއްވުމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ނަޝީދަށް ދިން ހަމަލާއަކީ ދުރާލާ ރާވައިގެން ބަޔަކަ ހިންގި އަމަލެއް ކަމަށާއި އެ އަމަލުގެ ފަހަތުގައި ތިބެގެން އެކަމަށް ހަރަދުކުރި ބަޔަކު މިއަދާހަމައަށްވެސް ހޯދިފައި ނުވާ ކަމަށެވެ. އަދި އެއީ އެޕާޓީން ކަންބޮޑުވާ ކަމެއް ކަމަށްވެސް ބުންޏެވެ.
އެ ހަމަލާއިން ރާއްޖޭގެ އަމާންކަމާމެދު ސުވާލު އުފެދޭ ކަމަށާއި އެހަމަލާގެ ފުރިހަމަ ތަހުގީގަކުން ނޫނީ އެފަދަ އިތުރު ހަމަލާތައް ނުހުއްޓުވޭނެ ކަމަށެވެ. އަދި އެފަދަ ހަމަލާއެއް މިގައުމުގައި ތަކުރާރުވުމަކީ އެޕާޓީ އާއި ގައުމީ ލޯބި ހުރި އެއްވެސް ދިވެއްސަކު އެދޭނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ހަމަލާދިނީ ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއްކަމުގައި ސިފަކޮށް، ހައްދުފަހަނަ އެޅި ދީނީ ހަރުކަށި ފަރާތްތަކަކުންކަން މިހާތަނަށް ހިންގި ތަހުގީގުން އެނގޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގައި ހަރުކަށި ފިކުރު މޫލާފައިވާ މިންވަރު ހާމަކޮށްދޭ ކަމަށާއި ހަރުކަށި ވިސްނުން ނައްތާލުމަށްޓަކައި ދައުލަތުގެ އެންމެހާ އިދާރާތަކުން ހާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.
"ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއަށް އެއް އަހަރު ފުރުނުއިރު، އެމައްސަލައާ ގުޅިގެން ކުރަމުން ގެންދާ ތަހުގީގު އަވަހަށް ފުރިހަމަކުރުމަށާއި މިހާތަނަށް ދައުވާ އުފުލިފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން. އަދި މި ހަމަލާއަކީ އިންޒާރުގެ ރަނގަބީލެއްކަމުގައި ދެކި، އެފަދަ ކަމެއް ތަކުރާރު ނުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް ގޮވާލަން،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުންވެސް އެހަމަލާ ދިނުމަށް ބަޔަކު ހަރަދުކޮށްފައިވާނަމަ ހަރަދުކުރި މީހުންނާއި އެހަމަލާގެ ކުރިންނާއި ފަހުން އެކަމަށް ވާގިވެރިވެ، ހިތްވަރު ދިން މީހުންނާ ހަމައަށް ތަހުގީގު ފުޅާކޮށް، އަވަސް ނަތީޖާއެއް ނެރެވޭނެ ގޮތަށް އިންތިޒާމުތައް ރޭވުމަށް އެމްޑީޕީން ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު