އިންޑިއާ އައުޓް ޖަހާފައި ބެނާތައް ދެމި ގެތަކުގެ ވެރިން ފުލުހަށް ހާޒިރު ކުރަން ފަށައިފިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ޕީޕީއެމް އޮފީސް ހުންނަ އިމާރާތުގެ ވެރިމީހާ މިއަދު 14:30ގައި ފުލުހަށް ހާޒިރު ކޮށްފައިވާ ކަމަށެވެ. އަދި ގ. ހޭޅި ގޭގެ ވެރިފަރާތްވެސް މިއަދު ހަވީރު 5:00 އަށް ފުލުހަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.

މިކަމާ ގުޅޭ މައުލޫމާތު ސާފު ކުރުމަށް ފުލުހަށް ގުޅުމުން ފޯނަށް ޖަވާބުދީފައެއް ނުވެއެވެ.

އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާ ހުރިކަމެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައެޅުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ މަހުގެ 21 ވަނަ ދުވަހު ވަނީ ގަރާރެއް ނެރުއްވައިފައެވެ.

ރައީސްގެ އެ ގަރާރާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ދުވަހު ފުލުހުން ވަނީ މާލޭގެ ގެތަކުގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް" ބެނާތައް ނަގައިފައެވެ. ބެނާ ހަރުކުރި ގެތަކުގެ ތެރޭގައި "އިންޑިއާ އައުޓް" ކެމްޕޭނު ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ހ. ދޫވެހިވެސް ހިމެނެއެވެ.

އޭގެ ފަހުން ސްޕެލިން ބަދަލުކޮށްގެން ބެނާތައް ދިޔައީ މާލޭގެ އެކި ހިސާބުތަކުގެ ގެތަކުގައި ދަމަމުންނެވެ. މި ބެނާތައްވެސް ފުލުހުން ވަނީ ނަގައިފައެވެ.

އެ ގަރާރުގައި ރައީސް ސޯލިހު ވިދާޅުވީ، އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ކަމެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެ ހަރަކާތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމަންއަމާންކަން ނަގާލައި، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި، ރާއްޖޭގެ އިގުތިސާދީ ރައްކާތެރިކަމާއި އިޖުތިމާއި ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެ ގަރާރު ބާތިލުކަމަށް ކަނޑަޅައިދިނުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ސިވިލް ކޯޓަށް ވަނީ ހުށަހަޅައިފައެވެ.