މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވާ ނަޙުލާ އަލީ އާއި އޭނާގެ މަންމަ އާމިނަތު ލީލާގެ ސުލޫކީ މައްސަލައެއް ޕީޕީއެމުން ބަލަން ފަށައިފިއެވެ.
ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރޭގެ ވަގުތެއްގައި ނަހުލާ، އޭނާގެ ފޭސްބުކް އެކައުންޓްގައި އެ ޕާޓީ އާއި އެ ޕާޓީގެ ލީޑާޝިޕް ބަދުނާމުކޮށް ދައްކާފައިވަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.
ޕީޕީއެމްއިން ބުނީ ނަހުލާ އެގޮތަށް ވާހަކަދައްކާފައިވަނީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ޕީޕީއެމްއިން ނެރުނު ކެންޑިޑޭޓާ ދެކޮޅަށް އެންޓި ކެމްޕޭންކޮށް އިދިކޮޅު ކެންޑިޑޭޓަށް ތާއިދު ހޯދަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ޕާޓީއަށް ލިބުނުފަހުން ކަމަށެވެ. އަދި ޕާޓީން އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ފެށުމުން ނަހުލާ އޭނާގެ ސޯޝަލް މީޑިއާގައި ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.
"މިޕާޓީގެ ރައީސްގެ ނަންފުޅު ބޭނުންކޮށް، ދޮގު ވާހަކަތައް ދައްކައި މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ފިތުނަ އުފެދޭ ވާހަކަތައް ދައްކަމުން ގެންދާކަން ވެސް ފާހަގަ ކުރަން. އަދި މިކަންކަން ކުރުމުގައި ނަހުލާ އަލީއާ އެކު އޭނާއަށް ވާގިވެރި ވުމުގައި، އޭނާގެ މަންމަ އާމިނަތު ލީލާ އާއި ސުލޫކީ ކޮމިޓީއަށް މައްސަލައެއް ހުށަހެޅި އެމައްސަލަ ބަލަން ފެށުމާއެކު، ދޮގު ވާހަކަތަކެއް ދެއްކުމަށްފަހު ޕާޓީން ވަކިވެފައިވާ އޭނާގެ ކޮއްކޮ މަރްޔަމް ނަފްހާ އަލީވެސް ހިމެނޭ ވާހަކަ ދަންނަވަން." ޕީޕީއެމުން ބުންޏެވެ.
ނަހުލާ އަލީގެ އިތުރުން އާމިނަތު ލީލާގެ ވެސް ސުލޫކީ މައްސަލައެއް ބަލަމުން ގެންދާ ކަމަށާއި ނަހުލާ އަދި ލީލާއާ ގުޅޭ މައްސަލަ ކުރިއަށް ގެންދިއުމުގައި އެ ދެބޭފުޅުންގެ އެއްބާރުލުން ނުލިބޭ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
ނަހުލާ ޕީޕީއެމުން ވަކި ކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގު ކުރަމުން ރޭ ނަހުލާ ފޭސްބުކް ކުރި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އޭނާ އަދި ޕީޕީއެމުން ވަކި ނުކުރާ ކަމަށެވެ. ނަމަވެސް ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު، އޭނާ ޕީޕީއެމުން ވަކި ކުރާނެ ކަމަށް ވިދާޅުވެ ބިރުދައްކައި އިންޒާރު ދެމުންދާ ކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު