ޔޫރަޕުގެ ދެވަނައަށް އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޔޫރޮޕާ ލީގު އަދި އޭގެ ދަށުން މި ސީޒަނުގައި އަލަށް ތައާރަފުކުރި ޔޫއެފާ ކޮންފަރެންސް ލީގުގެ ފައިނަލަށް ދަތުރުކުރި ޓީމުތައް ޔަގީންވެއްޖެއެވެ.
ޔޫރޮޕާ ލީގާއި ކޮންފަރެންސް ލީގުގެ ސެމީ ފައިނަލް މެޗުތަކުގެ ދެވަނަ ލެގުގެ މެޗުތައް ރޭ ކުޅެފައިވާ އިރު، ޔޫރޮޕާ ލީގުގެ ފައިނަލް ކަށަވަރުކުރީ ޖަރުމަނުގެ އެއިންޓްރެޗްޓް ފްރޭންކްފާޓާއި ސްކޮޓިޝް ކްލަބު ރޭންޖާސްއިންނެވެ. އަނެއްކޮޅުން ކޮންފަރެންސް ލީގުގެ ފައިނަލް ޔަގީންކުރީ އިޓަލީގެ ރޯމާއާއި ފޭނޫޑެވެ.
ރޭންޖާސްއިން ފައިނަލުން ޖާގަ ހޯދީ ރޭ އަމިއްލަ ދަނޑުގައި ކުޅުނު ސެމީ ފައިނަލް ދެވަނަ ލެގުގައި 3-1އިން އާރްބީ ލެއިޕްޒިގް ބަލިކޮށްގެންނެވެ. ފުރަތަމަ ލެގުގެ މެޗު އާރްބީ ލެއިޕްޒިގުން 1-0 އިން ކާމިޔާބު ކޮށްފައި އޮތް ނަމަވެސް، ރޭގެ މެޗުގެ ކުރީކޮޅުގައި ޖޭމްސް ޓަވާނިއާ ވަނީ ރޭންޖާސްއިން އެގްރިގޭޓް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ފުރަތަމަ ހާފުގައި ރޭންޖާސްއިން އިތުރު ގޯލެއް ޖަހައި އެގްރިގޭޓް ނަތީޖާއިން ލީޑު ނެގީ ގްލެން ކަމާރާގެ ގޯލުންނެވެ. މެޗުގެ 71 ވަނަ މިނެޓުގައި ކްރިސްޓޮފާ އެންކޫކޫ ވަނީ ގޯލެއް ޖަހައި ލެއިޕްޒިގަށް ކުޑަ އުންމީދެއް ހޯދައިދީފައެވެ. ނަމަވެސް މެޗުގެ 81 ވަނަ މިނެޓުގައި ޖޯން ލަންޑްސްޓްރާމް ވަނީ ރޭންޖާސްއަށް ފައިނަލް ޔަގީންކޮށްދީފައެވެ.
ވެސްޓްހަމް ކަޓުވާލައި، ފްރެންކްފާޓް ފައިނަލަށް ދިޔައީ އެގްރިގޭޓް ނަތީޖާ 3-1 އިންނެވެ. ރޭ ޖަރުމަނުގައި ކުޅުނު މެޗަށް ނުކުތް އިރު، ހޯމް މެޗުގައި ވެސްޓްހަމް 2-1 އިން ބަލިވެފައި އޮތް އިރު، ރޭގެ މެޗުވެސް ކާމިޔާބުކުރީ ފްރެންކްފާޓުންނެވެ. މެޗުގެ ކުރީކޮޅުގައި އާރޮން ކްރެސްވެލް އަތް ރަތް ކާޑު ދެއްކުމުން ވެސްޓްހަމްއަށް އުނދަގޫތަކާ ކުރިމަތިވި އިރު، ފްރެންކްފާޓްގެ ގޯލު ޖެހީ ރަފޭލް ސަންޓޯސް ބޯރޭއެވެ. މެޗުގެ ދެވަނަ ހާފުގައި ވެސްޓްހަމް ކޯޗު ޑޭވިޑް މޮޔެސްއަށް ވަނީ ރަތް ކާޑު ދައްކާ ބެންޗުން ފޮނުވާލާފައެވެ.
ކޮންފަރެންސް ލީގުގެ ފައިނަލް ޖާގަ ފޭނޫޑުން ހޯދީ ރޭ މާސޭއާ ދެކޮޅަށް ފްރާންސްގައި ކުޅުނު މެޗު 0-0 އިން އެއްވަރުކޮށް، އެގްރިގޭޓް 3-2ގެ ނަތީޖާއަކުން ސެމީ ފައިނަލް ކާމިޔާބު ކޮށްގެންނެވެ.
ރޯމާއިން 1991 ވަނަ އަހަރަށްފަހު ޔޫރޮޕްގެ ފައިނަލަކަށް ފުރަތަމަ ފަހަރު ރޭ ދަތުރުކުރީ އިނގިރޭސި ކްލަބު ލެސްޓާ ސިޓީ ކަޓުވާލައިފައެވެ. އެގްރިގޭޓް 2-1 އިން ރޯމާ މޮޅުވި އިރު، ރޭ ރޯމްގައި ކުޅުނު ތާރީހީ މެޗުން މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ ޓެމީ އަބްރަހަމްއެވެ.
މެޗަށްފަހު ރޯމާގެ ކޯޗު ޖޯސޭ މޮރީނިއޯއަށް ވަނީ އުފަލުން ރޮވިފައެވެ. ސަޕޯޓަރުންވެސް އުފަލުން ރޮވިފައި ތިބިތަން ފެނިފައިވާ އިރު، މެޗަށްފަހު މޮރީނިއޯ ބުނީ "ރޭގެ މެޗު ވަރަށް ބޮޑަށް ޖަޒުބާތީވި،" ކަމަށެވެ.
"މިއީ ޖަޒުބާތީ މެޗެއް. މިއީ ރޯމާއަށް ޗެމްޕިއަންސް ލީގު. ރޯމާގައި މަސައްކަތްކުރާ އިރު، ސިޓީގެ ހުރިހާ އެންމެންނަށް ކްލަބު މުހިއްމުވާކަމުގެ އިހުސާސް ކުރެވޭނެ. އަހަރެން ކެރިއަރުގައި މިއަށްވުރެ ބޮޑެތި ކާމިޔާބީތައް ހާސިލުކުރެވިފައި ހުރި ނަމަވެސް، މި ކާމިޔާބީ ހާއްސަ ވަނީ ރޯމާގެ ރައްޔިތުންނަށް،" މޮރީނިއޯ ބުންޏެވެ.
ޔޫރޮޕާ ލީގުގެ ފައިނަލް އޮންނާނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭގައެވެ. ކޮންފަރެންސް ލީގުގެ ފައިނަލް އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭގައެވެ. ކޮންފަރެންސް ލީގު ފައިނަލް އޮންނާނީ އަލްބޭނިއާގައެވެ. ޔޫރޮޕާ ލީގު ފައިނަލް އޮންނާނީ ސްޕެއިންގެ ސެވިއްޔާގައެވެ.
ހޯސޭ މޮރީނިއޯ
ހޯސޭ މޮރީނިއޯ
ހޯސޭ މޮރީނިއޯ