ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް "ސައިޒު" ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
"މޯލްޑިވްސް ޔޫތު ފޯސް"ގެ ނަމުގައި މިދިޔަ އާދިއްތަ ދުވަހު ރައީސް ޔާމީނަށް އިންޒާރުދޭ ވީޑިއޯއެއް ވަނީ އާއްމުކޮށްފައެވެ. ޓުވިޓާގައި އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، އެޓީމުގެ މެންބަރުން ނުކުންނަނީ ރައީސް ޔާމީން "ސައިޒު" ކުރުމަށް ކަމަށެވެ.
މީގެ އިތުރުން މިދިޔަ އަންގާރަ ދުވަހުގެ ހަވީރު އެ ގްރޫޕުން ވަނީ ރައީސް ޔާމީންގެ ގެކޮޅު ކުރިމައްޗަށް އެއްވެ، އެ މަނިކުފާނު އަނބުރާ ޖަލަށް ގެންދަން އަޑުއުފުލައި، މުޒާހަރާކޮށްފައެވެ.
ފުލުހުން މިއަދު ބުނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ރައީސް ޔާމީނަށް އިންޒާރު ދީފައިވާ ކަމަށް ބުނާ މައްސަލައެއް ބަލައިދިނުމަށް މިދިޔަ ހޯމަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލައެއްވެސް ބަލައިދިނުމަށް އެދި މިދިޔަ އަންގާރަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
މި ސިޓީތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މި އިންޒާރުތަކާ ގުޅިގެން އެ މައްސަލަ ޑިފެންސް މިނިސްޓްރީއަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށަހަޅާފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، (241 ކޮމިޓީ) އަށްވެސް ހުށަހަޅުއްވާނެ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު