ކޮންމެ މަންމައަކާއި ބައްޕައެއްގެވެސް އެންމެ އުފާވެރި އެއް ހިނދުކޮޅަކީ އުފަންވާ ތުއްތު ދަރިފުޅު އުރާލެވޭ ވަގުތެވެ. މައެއްގެ އެންމެ ކެތްމަދުވެފައިވާ ހިނދުކޮޅަކީ، ބަލިވެ އިނދެ، ބަނޑުގައި ގެންގުޅުނު ތުއްތު ފުރާނަ ދުނިޔެއަށް ގެނައުމަށް ކުރާ ހިތްވަރު ނިމި، އެފުރާނަ ގަޔާލައި، މެއާލައި ބޮނޑިކޮށްލެވޭ ވަގުތެވެ. އެހިނދުކޮޅުގެ މަންޒަރު އޭގެ އަސްލު ކުލައިގައި ހަނދާނުގައި ހަރުލައެވެ. އެހިނދުކޮޅު އައި މެހެފިލެއްގެ އަސްލު ވަހާއެކު ސިކުނޑީގައި އަބަދުގެ އަބަދަށް ރައްކާކުރެވެއެވެ.
އުފާވެރި އަދި ބުނެދޭން ނޭނގޭފަދަ ލޯބިވެތި، ނާޒުކު ހިނދުކޮޅެކެވެ. އެހެންނަމަވެސް މި މަންމައަށްޓަކައި ތަފާތެވެ. ދަރިފުޅު އަމިއްލަ ހަށިގަނޑުގެ ބައެއްގެ ގޮތުގައި ގެންގުޅެ، އެބައި ވަކިވުމުގެ ވަގުތު އައުމުގެ ކުރިން، ހަށިގަނޑުން ވަކިކޮށްލަން ޖެހުނީއެވެ. ދަރިފުޅުގެ ހަށިގަނޑު އަތަށް ލިބެން ޖެހުނު ވަގުތުކޮޅު ވެގެންދިޔައީ އެމަންމަގެ އަރުތެރޭގައި ލަގޮނޑި ތާށިވެ އިނދެ، ހިންދިރުވާލަން ޖެހުނު ހާލަތެއް ދިމާވި ހިނދުކޮޅަކަށެވެ.
ޅ. ނައިފަރު/ ހާލި، ހާމިދު މުހައްމަދާއި ކައިވެނިކޮށްގެން ރ.ކަނދޮޅުދޫ ފެހިހިޔާގޭ އާއިޝަތު އާސިދާއަށް ފުރަތަމަ ދަރިފުޅު ލިބުނު ފަހުން ދެވަނަ ދަރިފުޅަކަށް ބަލިވެ އިނދެ ދުވަސްގުނަމުން ދަނިކޮށް ހާލަތު މުޅިން ބަދަލުވެގެން ދިޔައީއެވެ. ދެވަނަ ދަރިފުޅު، ޔޫސުފު ހާމިދު މުހައްމަދަށް ބަލިވެ އިނދެ 5 މަސްވިތަނާ ފެންދުލި ފަޅައިގެން ދިޔައީއެވެ. އެހެންނަމަވެސް 5 މަހުގައި ދަރިފުޅު ނަގައިގެން ސަލާމަތް ނުކުރެވޭނެތީ ޑޮކްޓަރުންގެ ލަފަޔާއެކު ސިޒޭރިއަން ހެދުމުގެ ވަގުތު ޖެހެން ދެން އާސިދާ ދިޔައީ ހިތްވަރާއެކު ބަނޑުގައި ދަރިފުޅު ރައްކާތެރިކަމާއެކު ގެންގުޅެމުންނެވެ. އެހެންނަމަވެސް 7 ވަނައަށްވީ މަހުގައި ފެންދުލީގައި އެއްވެސް ވަރަކަށް ފެން ނެތި ހުސްވުމާއި ލޭ އަޅަން ޖެހުން ފަދަ ކަންތައް ދިމާވުމުން ސިޒޭރިއަން ހެދުމަށް ރަށުން ފުރައިގެން މާލެ، އައިޖީއެމްއެޗަށް އާސިދާ ގެނެވުނެވެ.
2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު، އައިޖީއެމްއެޗުން ސިޒޭރިއަން ހެދުމުގެ ތެރޭގައި ދަރިފުޅުގެ ބޮލުން ތަނެއް ކަފައިގެން ދިއުމަކީ ދެވަނައަށް ދިމާވި ހިތްދަތިކަމެވެ. އެހިނދުން ފެށިގެން މިއަދާ ހަމައަށް މިދެމަފިރިން އަންނަނީ ކުއްޖާފުޅު ދުނިޔޭގައި ބެހެއްޓުމަށް ﷲގެ ވަޖުހުފުޅުން ވާގި އަދައިގެން، ކުރެވުނު ހުރިހާ މަސައްކަތަކާއި ހޭދައެއް ކުރަމުންނެވެ.
"ސިޒޭރިއަން ހެދުމުގެ ތެރޭގައި ބޮލުން ބައެއް ކަފައިގެން ދިޔައީ. ދުނިޔެއަށް އައި ގޮތަށް ހިތެއް ނުހިނގާ، ފުއްޕާމޭ މަސައްކަތެއް ނުކުރޭ، ޔޫސުފާ މެދު ޑޮކްޓަރުންގެ އެއްވެސް އުއްމީދެއް ނެތް.. ވެންޓިލޭޓަރުގައި ގެންގުޅުނީ.." ޔޫސުފުގެ މަންމަ އާސިދާއަށް މިހެން ބުނެވުނުއިރު އަޑު ބެދި ރޮވިއްޖެއެވެ.
"12 ދުވަސްވީ ފަހުން ބޯ ބޮޑުވާކަން ފާހަގަވި، އޭޑީކޭއަށް ނުގެންދެވުނީ އެވަގުތުވެސް ފައިސާގެ ދަތިކަން ހުރުމުން، 27 ދުވަސްވީފަހުން އޭޑީކޭއަށް ބަދަލު ކުރީ، އެހެންނަމަވެސް ފިޓު ޖެހުމުން އޮޕަރޭޝަން މަޑުޖެއްސީ."
އެއީ ފުރަތަމަ ހެއްދުނު ސާޖަރީއެވެ. ބޮލުގެ އެއް އަރިމައްޗާ ދިމާއަށް ވާގޮތަށް، ހޮޅިކޮޅެއް ބޭރުވާގޮތަށް ކުރެވުނު ކުޑަކުޑަ ސާޖަރީއެކެވެ. އެދިމާލުން ހުންނަނީ މުލިއްސެއްގެ ގޮތުގައި ކަމަށާއި ސިރިންޖަކުން ފެން ނަގަނީކަމަށް އާސިދާ ކިޔައިދިނެވެ. އޭރުއްސުރެވެސް ދެންވެސް ޔޫސުފު ގެންގުޅުނީ ވެންޓިލޭޓަރުގައެވެ. އޭގެ ފަހުން އެއްމަސް ދުވަހު އޭޑީކޭގައި ތިބުމަށްފަހު، މާލޭގައި މަޑުކުރީ ކުއްޔަށް ތަނެއް ހިފައިގެން ކަމަށާއި އެއަށްފަހު ރަށަށް ދިޔައީ މާލޭގައި ތިބުމަކީ މާލީ ހާލަތު ތަންދޭ ކަމަކަށް ނުވުމުން މަޑުނުކުރެވިގެން ކަމަށް އާސިދާ ކިޔައިދިނެވެ.
ރަށަށްދިއުމަށްފަހު 5 މަހަށްފަހު، ޔޫސުފުގެ ހާލު ދެރަވެގެން އަނެއްކާވެސް މާލެ އަންނަން މަޖުބޫރުވެގެން އެތައް ހާލަކުން މާލެ އައީ ކަމަށް އާސިދާ ބުންޏެވެ. ޔޫސުފުގެ ބޮލުގައި ހުރި ހޮޅިކޮޅު، 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު، އާކޮށް ދެވަނަ ސާޖަރީ ކުރެވުނެވެ. މިފަހަރު މިލެއްވި ހޮޅިއަކީ ސީދާ ބޮލުން ފެށިގެން ކަރުތެރެއިން މަގެއް ހަދައި، އެމަގުން ބަނޑާ ހަމައަށް ފެންފޮނުވުމަށް ހެއްދުނު ސާޖަރީއެކެވެ. 2021 ވަނައަހަރުގެ އޭޕްރީލް މަހު އަނބުރާ ރަށަށް ދިއުމަށްފަހު، އަނެއްކާވެސް ޔޫސުފުގެ ހާލު ވަރަށް ދެރަވެ ހޮޑުލާން ފެށުމުން އަވަހަށް ފުރައިގެން އަންނަން ޖެހުނެވެ. ސަބަބަކީ އެގޮތަށް ހޮޑުލާން ފަށައިފިނަމަ، ކުއްޖާގެ ހާލު ދެރަވެ އިތުރަށް ބޯ ބޮޑުވާނެ ކަމަށާއި އެއީ ނުރައްކަލުގެ ސިގްނަލެއްކަމަށް އެނގިފައިވާތީ އަވަހަށް އައީއެވެ. މިއީ ސަރުކާރުގެ އެހީއާއެކު ކުރި ދަތުރެކެވެ.
މާލެ އައިސް ޗެކުކުރިއިރު ލައްވާފައިވާ ހޮޅި ބެދެން ފަށާފައިވުމުން އަވަހަށް ހޮޅި އާކުރަން ޑޮކްޓަރު ނިއާފް ތިންވަނަ އޮޕަރޭޝަން ކުރިއެވެ. އެހެންނަމަވެސް، މިސާޖަރީއަށްފަހު، ދެންވެސް އެތަން ފާރުވެ، ދޮސް ހެދޭތީ އިތުރު ހަތަރު ސާޖަރީ ހަދަންޖެހުނެވެ. ތުއްތު ކުއްޖެއްގެ ބޮލުގައި، ގާތްގާތުގައި، ހަތަރު ސާޖަރީ ހަދާ ވާހަކަ މިހެން ބުނެލާއިރު އަދި މިހެން ލިޔެލާއިރު މިއީ އެއްވެސް ކަމެއް ނޫނެވެ. އެކަމަކު ހިތަށް އެމަންޒަރު ސިފަކުރުމުން ކޮންމެ މީހަކަށްވެސް އަސަރުކުރާނެއެވެ. މިއިރުވެސް އާސިދާ ބޭނުންވަމުން ދިޔައީ ރާއްޖެއިން ބޭރަށް ދެވޭނެ މަގެއް ފަހިވުމަށެވެ. އެހާ ގިނައިން ދަރިފުޅުގެ ބޯ ކަފަކަފާފައި ފަހާތަން ބަލާކަށް އެހިތަކަށް ކީއްކުރަން، އެއްވެސް މައިލަގޮނޑިއަކަށް ކެތެއް ނުވާނެއެވެ. ރާއްޖެއިން ބޭރަށް ކުއްޖާ ގޮވައިގެން ދިއުމަށް ޑޮކްޓަރުންގެ ލިޔުމެއް ބޭނުންވާނެތީ އެވާހަކަ ޑޮކްޓަރާ ހިއްސާ ކުރިކަމަށް އާސިދާ ބުންޏެވެ. ނަމަވެސް އުއްމީދުކޮށްގެން ހުރި ގޮތާ ހިލާފަށް ޑޮކްޓަރު ނިއާފްގެ ފަރާތުން އާސިދާ އުއްމީދުކޮށްގެން ހުރިވަރުގެ އެއްބާރުުލުމެއް ނުލިބުނު ކަމަށް ވެސް އާސިދާ ބުންޏެވެ.
އޭރުވެސް އާސިދާ ދިޔައީ 'ފިސްޓިއުލާ' އެއް ނެގުމުގެ ސަބަބުން، [އިންޑިޔާއިން 'ކްރޯންސް ޑިޒީޒް (އައިބީޑީ) އިންފްލެމެޓަރީ ބޮއުލް ޑިޒީޒް'އަށް ޑައިގްނޯޒް ކުރެވުނު؛] ކުރިން އޮޕަރޭޝަނެއް ކުރެވިފައިވުމާއެކު، އޭގެ ވޭން އުފުލަމުންނެވެ. ދަރިފުޅު ބަލިވެގެން އަބަދު އިށީނދެ އިނުމާއި އަރާމެއް، ލުޔެއް ނެތި ބުރަކޮށް އުޅުމުގެ ތެރޭގައި، އަމިއްލަ ބަލިހާލުގެ މައްޗަށް އަޅައިނުލެވި އުޅުމުގެ ސަބަބުން އާސިދާގެ ހާލު ވަރަށް ބޮޑަށް ދެރަވިއެވެ. އަދި ރާއްޖެއިން ފަރުވާ ކުރެވޭ ވަރަށްވުރެ ހާލު ގޯސްވުމުން، ޑޮކްޓަރ ނިޝާން، އޭ.ޑީ.ކޭ، އާސަންދަ ހަމަޖައްސަވައިދެއްވައި، އާސިދާއަށް އިރުޝާދު ދެއްވީ ވީއެންމެ އަވަހަށް ފުރައިގެން ބޭރަށް ދިއުމަށެވެ.
މިފަދަ ފުރުސަތެއް ލިބުމުން، މިދަތުރުގައި ދަރިފުޅު ޔޫސުފު ގޮވައިގެން ދާއިރު، ދަރިފުޅަށް ރާއްޖެއިން ބޭރުން ފަރުވާ ދެވޭނެ މަގު ފަހިކޮށްދެއްވުން އެދިގެން، ދަރިފުޅުގެ ފަރުވާ ކުރިއަށް ގެންދިއުމުގައި އިސްކޮށް އުޅުއްވި، ޑޮކްޓަރ ނިއާފަށް ދެންނެވިކަމަށް އާސިދާ ކިޔައިދިނެވެ. އެހެންނަމަވެސް އެކަން ހަމަނުޖެހުނު ކަމަށް އާސިދާ ބުންޏެވެ.
"އަޅުގަނޑު ދަންނަވާނީ ކަން ހިނގި ގޮތަށް. ޑޮކްޓަރ ނިއާފް ވަރަށްވެސް ރަނގަޅު. ނަމަވެސް ދަރިފުޅުގެ އެހާ ގިނަ ސަޖަރީ ކުރެވިފައިވުމާއެކު، ދެންވެސް ރަނގަޅު ނުވެ، އެތަން ކުނިވެ، ހަލާކުވާތީ އަޅުގަނޑު ދައްކަން އިންޑިޔާއަށް ދާ ދަތުރުގައި ދަރިފުޅު ގެންދިއުމަށް ބޭނުންވާ ކަމަށް ޑޮކްޓަރަށް ދެންނެވުމުން ޑޮކްޓަރ އެކަމަށް އެއްބާރުލުމެއް ނުދެއްވި. އާސަންދަ ލިޔުމެއް ނުދެއްވައި ޑޮކްޓަރު ވިދާޅުވީ އެކޮޅުގަ ހުއްޓަސް ޔޫސުފަށް މައްސަލައެއް ދިމާވެއްޖެނަމަ އެކޮޅުންވެސް އާސަންދަ ހަމަޖެހޭނެ ކަމަށް،"
ނަސީބު ދިމާކުރި ހެޔޮފާލެކެވެ. އާސިދާ ދެއްކުމަށް އިންޑިޔާއަށް ކުރި މިދަތުރުގައި އާސިދާ ދިޔައީ ދަރިފުޅު ގޮވައިގެންނެވެ. އެކޮޅަށް ދިޔަތާ ދެވަނައަށް ވީ ދުވަހު ޔޫސުފްގެ ހާލު ވަަރަށް ދެރަވިކަމަށާއި ޑޮކްޓަރަށް ދެއްކުމުން އާސަންދަ ހަމަޖެހުނު ކަމަށް އާސިދާ ކިޔައިދިނެވެ. މިގޮތުން ކުރިން ސާޖަރީ ހެދި ތަން ފާރުވެ، ދޮސްއަރައި، ވަރަށްބޮޑަށް ކުނިވަސް ދުވާތީ، ބަލައި ޗެކްކުރިއެވެ. އަދި މާބޮޑު މަސައްކަތެއް ކުރުމަކާ ނުލައި، އިތުރު ސާޖަރީއެއްވެސް ހެދުމަކާ ނުލައި، އަތުން ކުރިމަސައްކަތަކަށްފަހު އެތަން ސާފުކޮށް ރަނގަޅުކޮށްދިނެވެ. އިތުރަށް ބެލިބެލުމުން އެނގުނީ ޔޫސުފުގެ ބޮލުގައި ލައްވާފައި ހުރި ހޮޅިކޮޅުވެސް ބެދެން ފަށާފައިވާ ކަމަށެވެ. އަދި ބޮލުން ފެށިގެން ކަރު ތެރެއިންލާފައި ބަނޑާހަމައަށް ހޮޅިކޮޅު ފޮނުވުމަށް ހަދާފައިވާ މަގަށް މަސްއަރާފައިވާ ކަމަށާއި، ވަރަށް ބޮޑު އަދި ނުރައްކާތެރި ސާޖަރީއެއް ކުރަން ޖެހިފައިވާ ކަމެވެ.
އިންޑިޔާގެ ކޮޗިންގައި، އަމްރިތާ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ޑޮކްޓަރުންގެ އިރުޝާދަކަށްވީ ދެމަސް ދުވަހު ޑޮކްޓަރުންގެ ބެލެހެއްޓުމުގެ ދަށުގައި ހޮސްޕިޓަލުގައި ޔޫސުފު ބޭއްވުމެވެ. އެހެންނަމަވެސް ދެމަސްދުވަސް ވަންދެން ތިބެވޭނެ ތަނަވަސްކަމެއް އާސިދާމެންގެ ނެތެވެ. ދިމާވެގެން އައީ ރޯދަމަސް ކަމަށްވުމާއި އަތްމަތީގައި އެއްވެސް ވަރަކަށް ފައިސާ ނެތުމުން މަޖުބޫރުވެ، ހަދާނެ އެހެން އެއްވެސް ގޮތެއް ނެތިގެން ދަރިފުޅު ގޮވައިގެން އެނބުރި ރާއްޖެއައީއެވެ. ޔޫސުފުގެ ބޮލުގައި އިންޑިޔާއިން ލައްވާފައިވާ ހޮޅިކޮޅުގެ އިތުރުން ޑޮކްޓަރ ނިއާފް، ސާޖަރީކޮށް ލެއްވި ހޮޅިކޮޅުވެސް މިހާރު އެބަހުއްޓެވެ.
މިވަގުތު ރ.ކަނދޮޅުދޫގައި ތިބި އާސިދާމެންގެ ހާލަތު "ވަން" އަށް ކިޔައިދެމުން އާސިދާ ބުނީ މިމަހުގެ 10 ވަނަ ދުވަހަށް ނުވަތަ 12އަށް ޓިކެޓް ހަމަޖެއްސޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ދަރިފުޅުގެ ހާލު މިވަގުތު ރަނގަޅު ނޫންކަމަށާއި ދީލަތި އެހީތަކަށް އެއާއިލާ އޮތީ ބޭނުންޖެހިފައި ކަމަށްވެސް އާސިދާ ކިޔައިދިނެވެ. ޖުމުލަ 7 ސާޖަރީ ހައްދާފައިވާ ތުއްތު ތުއްތު، އެންމެ ދޮޅުއަހަރުގެ ޔޫސުފް ހަނގުރާމަކުރަމުން އެދަނީ ކުޑަކުޑަ ބައްޔަކާ ނޫނެވެ. މި ތުއްތު ތުއްތު ޔޫސުފް ހަނގުރާމަކުރަމުންދާ ސިއްހީ މައްސަލައަކީ "އޮބްސްޓްރަކްޓިވް ހައިޑްރޯސެޕަލްސް"އޭ ކިޔާ ބައްޔެކެވެ.
މިހާރު އިންޑިޔާއަށް ފުރުމަށް ތައްޔާރުވެ، ޓިކެޓް ނެގުމުގެ ކަންތައް ކުރިއަށްދިޔަ ކަމުގައިވިޔަސް މިދެމަފިރިންގެ ކިބަޔަކު ޔޫސުފަށް މިހުރިހާ ބޮޑެތި ފަރުވާއަށް ހަރަދުކުރެވޭނެ ފެންވަރެއް ނެތެވެ. އެހެންކަމުން ޔޫސުފަށް ކިތަންމެ ކުޑަ އެހީއެއް ވިޔަސް، ވެދެވެން ހުރި މީހަކުނަމަ ޔޫސުފުގެ މަންމަ އާސިދާ، ނުވަތަ ބައްޕަ ހާމިދަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ.
"ވަން"ގެ އުއްމީދަކީ ޔޫސުފަށް ފަރުވާކުރުމަށް އެކަށީގެންވާ ވަރަށް އެހީ ލިބި، ޔޫސުފަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމެވެ.
ޑޮލަރު އެކައުންޓް: 7730000390701
ހާމިދު މުހައްމަދު
ބީއެމްއެލް ދިވެހި ރުފިޔާ އެކައުންޓް: 7730000271943
ހާމިދު މުހައްމަދު: 7367630
އައިޝަތު އާސިދާ: 7903173
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް