އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދުކުރެއްވުމަށް ނިންމަވައި، އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އެކަން އިއުލާންކުރައްވައިފިއެވެ.

މިނިސްޓަރު ފައްޔާޒް އިންތިހާބުގައި ވާދަކުރައްވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ. މި އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ފައްޔާޒާ ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.

މީގެ ކުރިން ރައީސް ނަޝީދުގެ ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައި ހުންނެވި ޝައުނާ، ފައްޔާޒަށް ތާއީދުކުރައްވާކަން ހާމަކުރައްވައި މިއަދު ދެއްވި މެސެޖެއްގައި ވިދާޅުވީ، އެމްޑީޕީއަކީ މުޅި ރާއްޖޭގެ ސިޔާސީ ހަޔާތް ބަދަލުކޮށްލި، އަދި ރާއްޖޭގެ ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ހާލަތު ބަދަލުކުރުމަށް މުހިއްމު ސިޔާސަތުތަކެއް ކަނޑައަޅައިގެން މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ.

އެގޮތުން 2008 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި މުހިއްމު ކަންތައްތަކެއް ހާސިލުކުރެވުނު ކަމަށް ވިދާޅުވިއެވެ. އޭގެ ތެެރެއިން ބޭސްފަރުވާއަށް ސަލާމްޖެހުން ނިމުމަކަށް ގެނެސް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރަށް ލާޒިމު ކަމެއްކަމުގައި ހަދައި، ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ޓެކްސްގެ ނިޒާމު ތައާރަފުކުރުމަކީ ފާހަގަކޮށްލެވޭ މުހިއްމު ކަންތައްތަކެއް ކަމަށް ވެސް ވިދާާޅުވިއެވެ.

ޝައުނާ ވިދާޅުވީ، އޭގެ ފަހުން މިހާރު އޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ތަންފީޒުކުރަމުން އަންނަނީ ހަމަ އެ ޒާތުގެ ސިޔާސަތުތަކެއް ކަމަށެވެ.

އެގޮތުން މި ސަރުކާރުން މިހާތަނަށް ތަންފީޒު ކުރި މުހިއްމު ސިޔާސަތުތަކުގެ ތެރޭގައި، 10،000 ޒުވާނުންނަށް ހިލޭ ޑީގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، މިނިމަމް ވޭޖު ތައާރަފުކޮށް، އެތައްހާސް ރިސޯޓު މުވައްޒަފުންނަށް އާމްދަނީގެ ވަސީލަތްތައް އިތުރުކޮށްދިނުން ހިމެނޭ ކަމަަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ، އެމްޑީޕީން ވައުދުވެ، ކުރަންހުރި ކަންކަން އަދިވެސް ވަރަށް ގިނަ ކަމަށެވެ. އަދި ނިމިގެން މިދާ ރިޔާސީ ދައުރާއި، އަންނަ 2023 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުކުރުމަށް ހުރި މަސައްކަތްތައް ވެސް ވަރަށް ގިނަ ކަމަށެވެ. އެ މަސައްކަތްތައް ކުރެވޭނީ އަދި ކުރަންޖެހޭނީ ޕާޓީއާ އެކީގައި ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން، ޖުމުލަކޮށް ބަލާއިރު އެ ހުރިހާ ކަމެއް ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިިންތިހާބުކުރަން އެންމެ މުހިއްމު އަދި އެކަންތައްތައް ކުރެވޭނެ ބޭފުޅަކީ ފައްޔާޒް ކަމަށްވެސް ވިދާޅުވިއެވެ.

"ފައްޔާއާއި އަޅުގަނޑާ އެއްބަސްވާ ކަންތައްތައް ވަރަށް މަދުވާނެ، ގިނަވާނީ ދެބަސްވާ ކަންތައްތައް. އެހެންނަމަވެސް، ދެބަސްވެ ޒުވާބުކޮށް ވާހަކަ ބަދަލުކޮށް، ކަންކަން ނިންމައިދޭ މީހެއްގެ ގޮތުގައި ފައްޔާ ފާހަގަކުރެވެނީ، އަދި ކޮޅެއްގައި ޖައްސާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެެވެނީ،" މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރު ޝައުނާގެ އިތުރުން ރައީސް ނަޝީދާ ވަރަށް ގާތް އަދި އާއިލީ ބޭފުޅެއް ކަމުގައިވާ، ހެލްތު މިނިސްޓަރު އަހުމަދު ނަސީމުވެސް ވަނީ ފައްޔާޒަށް ތާއީދުކުރައްވައިފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބު އޮންނާނީ މިމަހުގެ 14 ގައެވެ.