ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގައި މަސައްކަތްކުރާ ގުރުއާން ޓީޗަރުންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ކުރި ޓުވީޓެއްގައި ބުނީ، ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ޓީޗަރުންނެކޭ އެއްގޮތަށް ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރަވެސް މިއަދުން ފެށިގެން "ދައުލަތުގެ ޕޭ ފްރޭމް ވާކް" އަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ޓީޗަރުންގެ މުސާރަ ބޮޑުކުރަން ނިންމައި މިދިޔަ އާދީއްތަ ދުވަހު އެކަން އިއުލާންކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެވެ.
މިދިޔަ އާދިއްތަ ދުވަހު ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވެފައިވަނީ، މި ސަރުކާރުން ތައުލީމަށް ހާއްސަ އިސްކަމެއް ދެނީ ވިސްނުންތޫނު އިލްމީ ޖީލެއް ބިނާކުރުމަށް ކަމަށެވެ. އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައި ވައުދުވެވަޑައިގެންނެވި ގޮތަށް، މިއަދުން ފެށިގެން ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވިދާޅުވިއެވެ.
ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.
"ދައުލަތުގެ ޕޭ ފްރޭމް ވާކް" ގެ ދަށުން ޕްރިންސިޕަލުންގެ މުސާރަ 82 ޕަސަންޓަށް ބޮޑުކުރި އިރު، ޓީޗަރުންގެ މުސާރަ ވަނީ 50 ޕަސަންޓަށް ބޮޑުކޮށްފައެވެ. އެ ބަދަލާއެކު ޕްރިންސިޕަލުންނަށް އެންމެ ކުޑަކޮށް 30،000 ރުފިޔާ ލިބޭނެއެވެ. އަދި ޓީޗަރުންނަށް އެވްރެޖުކޮށް 20،000 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ.