ޚަބަރު

ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ 241 ކޮމިޓީއަށް ހުށަހަޅަނީ

އިބްރާހިމް ޒަކީ

"މޯލްޑިވްސް ޔޫތު ފޯސް" ކިޔާ ބައެއްގެ ނަމުގައި، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމަށް އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، (241 ކޮމިޓީ) އަށް މިއަދު ހުށަހަޅުއްވާނެ ކަމަށް އިދިކޮޅު ޕްރޮގްރެސް ކޯޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އެ ކޯލިޝަނުން މިއަދު ބޭއްވި ނިއުސްކޮންފަރެންސެއްގައި އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަކީ ރައީސްކަމުގެ ފަސް އަހަރުގެ ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއް ކަމަށާއި، ގާނޫނުތައް ބުނާގޮތުން ރައީސް ޔާމީނަށް ހިމާޔަތާއި ސަލާމަތާއި ރައްކާތެރިކަން ދިނުމަކީ ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ލާޒިމު ކުރާ ކަމެއް ކަމަށެވެ.

އެގޮތުން ރައީސް ޔާމީންގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓާނީ ޑިފެންސް މިނިސްޓްރީން ކަމަށާއި، ނަމަވެސް ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލައާ ގުޅިގެން ފުލުހުންވެސް އަދި ޑިފެންސްގެ ފަރާތުންވެސް އެއްޗެއް ބުނެފައިނުވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މައްސަލަ ފުލުހުންނަށް ހުށަހެޅިތާ 48 ގަޑިއިރު ވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ޑިފެންސް މިނިސްޓްރީއަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށަހަޅާފައިވާ ކަމަށާއި، ފުލުހުންގެ ފަރާތުން އެ މައްސަލަ ބަލައިގަތްކަމެއް ނުވަތަ އެކަމާބެހޭ އެހެން ހަބަރެއްވެސް ފުލުހުން ދީފައިނުވާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށްވެސް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެކަމަށް ހިތްވަރު ލިބޭގޮތަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން އެ އިންޒާރަކީ، އިންޑިއާ ސަރުކާރުގެ ރޭވުމުގެ ދަށުން ދިވެހި ސަރުކާރު މަތީގައި އޮވެގެން މާރިޔާ އިސްވެހުންނަވައިގެން ހިންގަވާ ކަމެއް ކަމަށް ބުނުމުގެ ޖާގަ އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި މިދިޔަ އާދިއްތަ ދުވަހު ޓުވިޓާގައި އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، އެޓީމުގެ މެންބަރުން ނުކުންނަނީ ރައީސް ޔާމީން "ސައިޒު" ކުރުމަށް ކަމަށެވެ.