ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ، ނޯތު ޕޮލިސް ރީޖަން (ނ، ރ، ބ، ޅ) ގައި ހިމެނޭ ރަށެއްގައި އެ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުކުރެވެނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރި އުމުރުން 40 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ފިރެހެން މީހާ އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.