ޚަބަރު

ފޮރިން ސެކްރެޓަރީއަކަށް ލަތީފް ހަމަޖައްސައިފި

މުހައްމަދު އިޝާން

ފޮރިން ސެކްރެޓަރީގެ މަގާމަށް ޖަރުމަނުގައި މިހާތަނަށް ހުންނެވި ދިވެހި ސަފީރު އަހުމަދު ލަތީފް (ސީވީޑް ލަތީފް) ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ފޮރިން މިނިސްޓްރީގެ ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނެވި މއ. އަތަމާވިލާ، އަބްދުލްއަފޫރު މުހައްމަދު އެ މަގާމުން ވަކި ކުރެއްވުމަށްފަހު ރައީސް، އެމަގާމަށް އަހުމަދު ލަތީފު އައްޔަންކުރައްވާފައިވާ ކަމަށެވެ. އަދި ޣަފޫރު ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް މިއަދުން ފެށިގެން ބަދަލުކުރައްވައިފައެވެ

ލަތީފަކީ 2007 ވަނަ އަހަރު ޗައިނާއަށް ރާއްޖެއިން ކަނޑައެޅުއްވި ފުރަތަމަ ސަފީރުވެސް މެއެވެ.

އެ ބަދަލުތައް ގެނައި ވަކި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއްނުވެއެވެ.

ރާއްޖޭގެ ފަރާތުން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް ގ. ޕެންޒީމާގެ އައިޝަތު ޝާން ޝާކިރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް ސޯލިހު ވަނީ ހުށަހަޅުއްވައިފައެވެ.

ޝާން މިވަގުތު ހުންނެވީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައެވެ. މިނިސްޓަރުގެ ނައިބުގެ ފެންވަރުގެ އެ މަގާމަށް އޭނާ އައްޔަން ކުރައްވާފައި ވަނީ ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައި ހުންނަވަނިކޮށް، 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.