ޚަބަރު

ލީޑިން ޓީޗަރުންގެ އެލަވަންސް 2،000 ރުފިޔާއަށް ބޮޑުކޮށްފި

އިބްރާހިމް ޒަކީ

ލީޑިން ޓީޗަރުންނަށް މުސާރައިގެ އިތުރުން ދޭ އެލަވަންސް، 2،000 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

މިހާތަނަށް ލީޑިން ޓީޗަރުންނަށް އެލަވަންސްގެ ގޮތުގައި ދެމުން އައީ 1،000 ރުފިޔާއެވެ.

ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރަ މިއަދުން ފެށިގެން ބޮޑު ކުރެއްވިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ އިއުލާން ކުރައްވައިފައެވެ.

އެކަމުގެ ތަފުސީލުތައް ހާމަކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މުސާރައިގެ އިތުރުން ބައެއް އެލަވަންސްތައްވެސް މިއަދުން ފެށިގެން ބޮޑު ކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ލީޑީން ޓީޗަރުންގެ އެލަވަންސްގެ ގޮތުގައި ދެމުން އައި 1،000 ރުފިޔާ މިއަދުން ފެށިގެން 2،000 ރުފިޔާއަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

"އެހެންކަމުން މި މެއި މަހުގެ ބޮޑުވި މުސާރައާއެކު އެލަވަންސްވެސް ލިބޭނީ ބޮޑުކޮށް،" މިނިސްޓަރު ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރަ މިއަދުން ފެށިގެން 50 ޕަސެންޓާ ހަމައަށް ބޮޑުކޮށް، އެންމެ ދަށް މުސާރައިގެ ގޮތުގައި ވެސް ގެއަށް ގެންދަން 20،000 ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ޖުމްލަ 6815 ޓީޗަރުން ވަޒީފާ އަދާކުރަމުންދެއެވެ. އެގޮތުން މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު، އެ ޓީޗަރުން ވަނީ ފަސް ރޭންކަކަށް ބަހާލައިފައެވެ.

އެއީ ޑިޕްލޮމާ ފެންވަރުގެ ޓީޗަރުންނާއި ޑިގްރީ ފެންވަރުގެ ޓީޗަރުންނާއި މާސްޓާސް ފެންވަރުގެ ޓީޗަރުންނާއި ރޭންކު ހަތަރެއް އަދި ރޭންކު ފަހެއްގެ ޓީޗަރުންނެވެ. ނަމަވެސް ރޭންކު ހަތަރެއް އަދި ފަހެއްގައި އެއްވެސް ޓީޗަރަކު އަދި ނުހިމެނެއެވެ.

މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ޓީޗަރުންގެ ރޭންކު ހަމަޖެހިފައިވަނީ ތައުލީމު ހާސިލުކޮށްފައިވާ މިންވަރާއި ދާއިރާގައި ހިދުމަތް ކޮށްފައިވާ މިންވަރަށް ބަލައިގެން ކަމަށެވެ. އަދި އެކަމާބެހޭ ތަފުސީލުތައް ގެޒެޓުގައި ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ރޭންކު ހަތަރަކާއި ފަހެއްގައި ހިމެނެންޖެހޭ ފެންވަރުގެ ޓީޗަރުން އަދި ނެތުމުން އެ ރޭންކުތަކަށް ދަތުރުކުރުމުގެ ފުރުސަތު މިހާރު ތިއްބެވި ޓީޗަރުންނަށް އެބަ އޮތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލުތައް: