"އެމްއާރްއައި ހަދަންވިޔަސް އޮޕަރޭޝަނެއް ކުރަން ވިޔަސް، ކޮންމެ ކަމެއް ކުރިޔަސް ޔާން (އަޒްޔަން) ބައިންދަނީ އަޅުގަނޑުގެ އުނގުގަ. ހަތަރު އިންޖެކްޝަން ކޮންމެ ފަހަރަކު ޖަހާނެ. ދެން ހޭނެތިގެން ކޮންމެ ފަހަރަކު ވެއްޓެނީ އަޅުގަނޑުގެ އަތްމައްޗަށް. ކިތަންމެ ފަހަރަކު އެގޮތަށް ކަންތައް ކުރިޔަސް އަޅުގަނޑަށް އެންމެ ފުރަތަމަ ދުވަހު ކުރެވުނު ހިތްދަތި އިހުސާސް މިހާރުވެސް ކުރޭ. ހިތަށް އެހާ އަސަރުކުރޭ."
މިއީ ހދ. ކުޅުދުއްފުށީ ޝަބުނަމީގެ އުމުރުން އެންމެ ފަސް އަހަރުގެ އަޒްޔަން އަބްދުލް ހަމީދުގެ ބަލިހާލަތު، ކިޔައިދެމުން އޭނާގެ މަންމަ އައިޝަތު ސުޒާނާ ރޮމުން ދެއްކި ވާހަކައިގެ ތަންކޮޅެކެވެ.
ޓީވީއެމުން ރޭ ގެނެސްދިން އިހުސާސް ޕްރޮގުރާމުގައި ވާހަކަ ދައްކަމުން ސުޒާނާ ބުނީ ވިހެއި އިރުވެސް ޔާން އަކީ ބަލި ކުއްޖެއް ކަމަށެވެ. ނަަމަވެސް މިހާ ބޮޑު ބައްޔެއް ހުރި ކަމުގެ އިހުސާސް އެއްވެސް ވަރަކަށް ނުކުރެވޭ ކަމަށް އޭނާ ބުންޏެވެ.
"ވިހައިގެން އެންއައިސީޔޫއަށް ލީ. އޭގެ ފަހުން ގެއަށް ދޫކޮށްލީ. އެކަމަކު ހަމަ ރީނދޫ ވަނީ. ފަހުން ޑޮކްޓަރަށް ދައްކައިގެން ރަނގަޅުވީ. އެހެން ކުދިންނާ ވަރަށް ތަފާތު. ރޭގަނޑު ވަރަށް ރޯނެ. ދެން އަބަދުވެސް މަންމަ (ސުޒާނާގެ މަންމަ) ވެސް އުޅޭނީ ގޭގަ. ވާނުވާއެއް ނޭނގެ. ދެން އޭރު ހީކުރި ކުޑަކުއްޖެއްވީމަ ރޯނެޔޭ." ޔާންގެ ހާލަތު ކިޔައިދެމުން ބުންޏެވެ.
ސުޒާނާ ބުނީ އޭނާގެ އާއިލާ މީހަކު ޔާން ގާތަށް އައިސް އުރާލައިގެން އުޅެފައި ޔާން ދެލޮލުން ބަލަނީ ދެތަނަކަށް ކަމަށް ބުނި ނަމަވެސް އެވާހަކަ އޭރު އެއްވެސް ވަރަކަށް ގަބޫލު ކުރަން ބޭނުން ނުވާ ކަމަށެވެ. ހިނގާ އުމުރަށް އެޅުމުން ޔާން ތަންތަނުގައި އަޅައިގެންފައި ވެއްޓޭލެއް ގިނަވެފައި ކުއްޖާގެ އުޅުން ވަރަށް ބޮޑަށް ބަދަލުވުމުން ސުޒާނާ އަށް ހީކުރެވުނީ އެއީ އޯޓިސްޓިކް ކުއްޖެއް ކަމަށެވެ. އަދި އެކަމަށް ޑޮކްޓަރަށް ދައްކަން މާލެ ދާން 2020 ވަނަ އަހަރު ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހަށް އެޕޮއިންޓުމަންޓް ހަމަޖެއްސިކަމަށް އޭނާ ބުންޏެވެ.
"ބަދިގެއަށް ވަނަސް ލޮނު ފުޅިއާއި އެއްޗިހި ބަންޑުން ކޮށްލާނެ. ލޯޝަންވެސް ޝޭމްޕޫފުޅިވެސް ބަންޑުން ކުރާނީ. ދެން ތަންތަނުގަ ޖެހިފަ އަބަދު ވެއްޓޭނީ. އެހެންވެ އެންމެ ފުރަތަމަ ހިތަށް އެރީ އެއީ އޯޓިސްޓިކް ކުއްޖެއް ކަމަށް. އެހާ ހަލަނިކޮށް އުޅޭތީ އަސްލު އެހެން ހީވީ. ދެން ޑޮކްޓަރަށް ދައްކަން މާލެ ދާން އަޅުގަނޑުގެ އެއްބަފާ ކޮއްކޮ ގާތު ބުނެގެން އެޕޮއިންޓުމެންޓެއް ހަމަޖައްސާފަ ޑިސެމްބަރުގަ މާލެދާން އޮތީ. އެކަމަކު އެއަށްވުރެ ކުރިން ޔާން ވަރަށް ބޮޑަށް ބަލިވީ." އޭނާ ބުންޏެވެ.
ޔާންގެ އެ ބަލިހާލަތު ސުޒާނާ އަށް ކިޔައިދެވުނީ ވަރަށް ހިތްވަރުންނެވެ. ސުޒާނާ މިވާހަކަތައް ކިޔައިދިން އިރު އޭނާ ކައިރީގައި އިން ޔާންގެ ބައްޕަ އަބްދުލް ހަމީދުގެ ލޮލުން އެންމެ ހިނދުކޮޅަކަށްވެސް ކަރުނަ ނުހިކެ އެވެ.
ސުޒާނާ ބުނީ އެފަހަރު ޑެންގޫ ހުން ޖެހުނު ކަމަށާއި ނަމަވެސް ބޯހިއްލައިލައިގެން ކޮޅަށް ތެދުވެވޭނެ ވަރެއް ޔާންގެ ގައިގައި ނެތް ކަމަށެވެ. އެކަމާ އެތައް ފަހަރަކު ޑޮކްޓަރަށް ދެއްކުމުންވެސް ދިނީ އެއް ޖަވާބެއް ކަމަށާއި އެއީ ޑެންގޫ ހުން ޖެހުމުން ވެދާނެ ގޮތެއް ކަމަށް ޑޮކްޓަރުން ބުނި ކަމަށެވެ.
"އެއްދުވަހު އަޅުގަނޑު ބަދިގޭގަ ހުއްޓާ ކޮޓަރި ހުޅުވާފަ މި ކުއްޖާ (ޔާން) މިއަންނަނީ ބިމުގަ ދެމެމުން ފިރުކިފަ މަންމާއޭ ކިޔާފަ. އަހަރެންނަކަށް ނޭނގުނު އެވަގުތު ހުރެވުނު ތަނެއްވެސް. ހިތަށް އެރީ އެވަގުތުވެސް އެކުއްޖާ މަންމަ ބޭނުންވި ވަރު. ހަދަ ހިތްދަތިވި ދުވަހެކޭ އެއީ. އޭގެ ފަހުން އަނެއްކާވެސް ޑޮކްޓަރަށް ދައްކަން ދިޔައީ." އޭނާ ބުންޏެވެ.
ސުޒާނާ ބުނީ އެތައް ފަހަރަކު ޑޮކްޓަރަށް ދައްކައިގެންވެސް ވާނުވާއެއް ނޭނގުނު ކަމަށެވެ. ޔާންގެ ލޮލަށް ނިންޖެއް ނާދެ އެވެ. ކަމެއް ބޭނުންވިޔަސް ނުބުނެވެ އެވެ. ވާންވީ ގޮތެއް، ކުރަންވީ ކަމެއް އެ ދެމަފިރިންނަކަށް ނޭނގެ އެވެ. ޑެންގޫ ހުން ޖެހުނު ފަހުން ވާހަކަ ދައްކަންވެސް އުނދަގޫވި އެވެ. ގިނަ ވާހަކަތަކެއް ނުދައްކަ އެވެ. އަބަދު ރޮވެނީ ހަށިގަނޑުގައި އަޅާ ވޭން ބޮޑު ކަމުންކަން ޔަގީންވާ ކަމަށް ސުޒާނާ އަސަރާއެކު ކިޔައިދިނެވެ.
"އެންމެ ފަހުން ޑޮކްޓަރަށް ދައްކާފަ ވާނުވާ ބަލަން ބުނީމަ އެމްއާރްއައިއެއް ހެއްދީ. އޭގެ ރިޕޯޓު ލިބުނީމަ އެ ދައްކަން ހޮސްޕިޓަލަށް ދިޔައީ. ޔާންވެސް ގޭގަ ބަހައްޓާފަ. ޑޮކްޓަރު އަހަނީ އެކަނި ހެއްޔޭ ތި އައީ. ބުނީމަ އަޅުގަނޑު ބުނިން އާނއެކޭ. ދެން ތަރުޖަމާ ކުރާ ކުއްޖާވެސް ހުރީ ވަރަށް ހާސްވެފަ. ބުނީ ގޭ މީހުންނަށް ގުޅާށޭ. ދެން އަޅުގަނޑު ބުނިން ކިހިނެއްވީހޭ. ބުނީމަ ބުނީ ޔާންގެ ބޮލުގަ ވަރަށް ބޮޑު ޓިއުމަރެއް އެބަ އިނޭ. 10 ސެންޓި މީޓަރު އެބައިނޭ އެ ޓިއުމަރުގަ. ދެން އަޅުގަނޑަކަށް ނޭނގުނު ވީ ގޮތެއްވެސް. ވަރަށް ރޮވުނު. ގޭ މީހުންނަށް ގުޅައިގެން ޔާންވެސް ގެނެސް ވަގުތުން އެޑްމިޓު ކޮށްފަ އަނެއް ދުވަހު މާލެ ފޮނުވާލީ." ޔާންގެ ބަލި ދެނެގަނެވުނު ގޮތް ހިއްސާ ކުރަމުން އޭނާ ބުންޏެވެ.
ސުޒާނާ ބުނިގޮތުގައި މާލެއަށް އޭރު ޔާން ގޮވައިގެން އައީ އެކަންޏެވެ. ނަރުހަކާއެކު ޔާން މާލެ ފޮނުވާލި އިރު މާލޭގައި ސުޒާނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ސިރާނީ ހުއްޓެވެ. އިތުރު ދެ ކުދިން ރަށުގައި ތިބުމުންނާއި ޔާންގެ ބައްޕަ ވަޒީފާގައި އުޅޭތީ އެފަހަރު ޔާންގެ ބައްޕައަކަށް މާލެ ނާދެވުނެވެ.
މާޅެ ގެނައި ގޮތަށް އެންމެ ފުރަތަމަ އައިޖީއެމްއެޗަށް ގެންދެވުނު ނަމަވެސް އެތަނުން ފަރުވާދެވެން ނެތުމުން ވަގުތުން އޭޑީކޭއަށް ބަދަލު ކުރި ކަމަށް ސުޒާނާ ބުންޏެވެ.
"އޭޑީކޭގަ ނާރުގެ ޑޮކްޓަރުން މިތިބެނީ. ދެން ޑރ. ނިޔާފް ހަވާލުވީ ޔާން އާ. ނިޔާފް ވިދާޅުވީ އިމަޖެންސީގަ ކުޑަ އޮޕަރޭޝަނެއް ކުރަން އެބަޖެހެޔޭ ސިކުނޑީގެ އިން ނާރަކަށް އެއްޗެއް ލައްވާލަން. މާ ބޮޑު އޮޕަރޭޝަނެއް ނޫނޭ އެއީ. ދެން އެތަނުން އެ އޮޕަރޭޝަން ކޮށްފަ ފަރުވާއަށް ފަހު ގެއަށް ދޫކޮށްލީ. ޔާން އެތާ އޮތް އިރު ހިތަށް އެރީ ކާކުހޭ ބިލް ދައްކާނީ. ކިހިނެއް ހެއްޔޭ. އެވަރަކަށް އަތަކު ފައިސާއެއް ނެތޭ. ބޯގޮވާފަ ހުއްޓާ ސިރާނީ ވަރަށް މަސައްކަތް ކޮށްގެން އާސަންދަ އިން ބިލް ދެއްކުނީ. ދެން އެހިސާބުން ހިތަށް ފިނިކަމެއް ލިބުނު." އޭނާ ކިޔައިދިނެވެ.
ޔާން ގެއަށް ދޫކޮށްލުމަށްފަހު ބޮލުގެ ނަރު ކޮށަން ގެންދިޔަ ދުވަހު ނަރު ކޮށަން ފެށުމާއެކު ހެޔަށް ގޮތްވި ކަމަށް ސުޒާނާ ބުންޏެވެ. އަދި އެވަގުތު އެތަނުގެ އެނދެއްގައި ބާއްވާފައި ސިރާނީ އެތެރެއަށް ވައްދައި ޔާންގެ ބޮލުން ރޮދި ކޮށި އެވެ.
"އެ ގަޑީގަ އަޅުގަނޑު ހޭވެރިކަންވެގެން އައިސް ބެލީމަ ސިރާނީ ބުނީ ދޮންތާ އޭ، ދޮންތަ އަދި ވަރަށް ހިތްވަރު ކުރަންޖެހޭނެޔޭ. ޔާންގެ ބޮލުން ކަފާފަ މިހުރީ ވަރަށް ކުޑަ ތަންކޮޅެކޭ އަދި ބޮޑަށް ކަފާލައިގެން ސާޖަރީކުރަން ޖެހިދާނެޔޭ. ދޮންތަ ވަރަށް ހިތްވަރު ކުރާށޭ. އެހިސާބުން އެ ލިބުނީ އާދަޔާ ހިލާފު ހިތްވަރެއް. އެއީ ލިބުނު އެންމެ ބޮޑު ހިތްވަރު." އޭނާ ކިޔައިދިނެވެ.
ޑޮކްޓަރުންގެ ލަފަޔާއެކު ޔާން ގޮވައިގެން ރާއްޖެއިން ބޭރަށް ދާން އެދެމަފިރިން ކިތަންމެހާވެސް ބޭނުންވި އެވެ. އެކަމަކު ތަނަވަސް އާއިލާއަކަށް ނުވުމުންނާއި އިންޑިއާއަށް ގޮސް ތިބޭނެ ތަނެއް ނެތުމާއި މިހުރިހާ ކަންކަމަށް ވިސްނާފައި މި ދެމަފިރިން ތިބީ ގޮތް ހުސްވެފަ އެވެ.
"ދާނެ ގޮތަކާ މެދު ވަރަށް ވިސްނިން. ދެވުނަސް އިންޑިއާއަށް ގޮސް ތިބޭނީ ކޮންތާކުތޯ ވިސްނިން. އެހެން ތިއްބާ ސިރާނީ ބުނީ ހިނގާށޭ އެހީގެ ޕޯސްޓެއް ޖަހަން. ކިޔާފަ ޖެހިތާ 24 ގަޑި އިރު ނުވަނީސް ވަރަށް ގިނަ އާންމު ރައްޔިތުން އެހީވި. އެކޮޅަށް ދެވޭ ވަރަށް ފައިސާ ލިބުނު. އެކަމަކު ގޮސްފަ ހުންނާނެ ތަނެއް ނުލިބުނު. އެހެން ހުއްޓާ އެފްބީން ދިމާވި މީހެއް. އެމީހާ ދިން ނަމްބަރަކަށް ގުޅީމަ އިންޑިއާ ކޮޅުން ހުރިހާ ކަމެއް ހަމަޖެހި ދަތުރަށް ފުރީ. އެއީ ލިބުނު ވަރަށް ރަނގަޅު ރައްޓެއްސެއް." ޔާންގެ ފަރުވާއަށް އެންމެ ފުރަތަމަ ދަތުރަށް ފެށިގޮތް ހިއްސާކުރަމުން އޭނާ ބުންޏެވެ.
ސުޒާނާ ބުނީ އިންޑިއާއިން އެމީހުންނަށް އެހީވީ ދިވެހި އަންހެނެއް ކަމަށެވެ. ޑޮކްޓަރަށް ދައްކަން ދިޔުމާއި ކެއުމާއި ހުރުމާއި ހުރިހާ ކަމެއް ހަމަޖެއްސީވެސް އޭނާ ކަމަށެވެ. ޔާންގެ ބައްޕަ ހަމީދަށް އިންޑިއާ އަށް ދެވޭކަށް ނެތެވެ. ސިރާނީ އަކަށްވެސް ނުދެވުނެވެ. އެހެންވެ ސުޒާނާ ދިޔައީ އޭނާގެ ދޮންބެއާ އެކުގައެވެ.
"ދެކުދިން ރަށުގަ ތިބީ. ސްކޫލަށް ދާ ދެކުދިން. އަނެއްކޮޅުން ފިރިމީހާގެ ވަޒިފާވެސް މިހާލަތުގަ މުހިންމު، ފައިސާއެއް ލިބެން އޮތީ އެގޮތަށް ވީމަ. ދެން ބައްޕަ ބުނީ ދޮންބެއާއެކު ދާށޭ. ދެން ދިޔައީ ދޮންބެއާއެކު. އިންޑިއާއަށް ގޮސްފަ ޔާން ޑޮކްޓަރަށް ދެއްކީމަ ޑޮކްޓަރު ބުނީ ޓިއުމަރު ހުރި ބައިވަރު މީހުންނާއި ކުޑަކުދިންނާވެސް ދިމާވެޔޭ. އެކަމަކު މިކަހަލަ ކޭހެއް ނުދެކެމޭ. އޭގެ ފަހުން 10 ގަޑި އިރުގެ އޮޕރޭޝަނެއް ކުރީ. ކޮށްފަ އައސީޔޫ އަށް ލީ. ދެން ބޮލުން ނެގި އެތިކޮޅު ޓެސްޓު ކުރީމަ ކެންސަރު ޖެހިފަ ހުރިކަން އެނގުނީ. އިތުރު ހަ މަސްދުވަހު އެކޮޅުގަ މަޑުކުރަން ޑޮކްޓަރު އެންގީ." ޔާން އިތުރު ބައްޔަކަށް ޑައިގްނޯސްވިކަން އެނގުނު ހިސާބުން ފައި ދަށުން ބިންގަނޑު ކަހާލައިގެން ދިޔަހެން ހީވި ކަމަށްބުނެ ސުޒާނާ ރޮމުން ބުންޏެވެ.
ސުޒާނާ ބުނީ އެހާ ގިނަ ދުވަހު ދޮންބެއަށް މަޑު ކުރެވެން ނެތިގެން ޔާން ހޮސްޕިޓަލުން ދޫކޮށްލުމުން ދޮންބެ އެނބުރި ރަށަށް ދިޔަ ކަމަށެވެ. އަދި އޭރު ރަށުގައި ހުރި ޔާންގެ ބައްޕަގެ ހާލުވެސް ވަރަށް ދެރަ ކަމަށް ސުޒާނާ ބުންޏެވެ.
"އޭރު ކީމޯވެސް ދޭ. ޔާން ވަރަށް ހޮޑުލާނެ. ދެން އަނެއްކާ އަނެެއް އޮޕަރޭޝަން ކުރަން ޖެހުނު. ޑޮކްޓަރު ބުނީ 50/50 ގެ އޮޕަރޭޝަނެކޭ މިކުރަނީ. ލޮލަށްވެސް ނުފެނިދާނޭއޭ. ނުހިނގިދާނެޔޭ. އެކަމަކު މި އޮޕަރޭޝަން ކުރަން ޖެހެޔޭ. ވާނެ އިރެއްވެސް ބުނާކަށް ނޭނގެޔޭ. އޮޕަރޭޝަނަށްފަހު ޔާން އައިސީޔޫ އަށް ބަދަލު ކުރި. ދެން އަހަރެމެން ގާތު ބުނީ އައިސީޔޫ ކައިރިޔަށް އަންނާށޭ. ބުނީމަ ދިޔައިރު ޔާންގެ ހުރިހާ ތަނަކުން ލޭ އާދޭ. އަނގައިންނާއި ނޭފަތުންނާ ކަންފަތުންނާ ލޭ އާދޭ. އަހަންނަށް ހަމަ ބާރަށް ރޮއެގަނެވުނީ. އޮޕަރޭޝަން ކުރިއިރުވެސް ވަރަށް ބައިވަރު ލޭ އެޅި." ދެވަނަ އޮޕަރޭޝަނަށްފަހު ޔާންގެ ހާލަތު އަސަރާއެކު އެއްއަތުން ކަރުނަ ފޮހެމުން ސުޒާނާ ކިޔައިދިނެވެ.
ސުޒާނާ ބުނީ އިންޑިއާގައި އެހުރި ގޭ އަންހެން މީހާގެ ފަރާތުން ވަރަށް ބޮޑު ހިތްވަރެއް ލިބުނު ކަމަށެވެ. އަދި ގިނަ ގިނައިން ދުއާ ކުރަން އޭނާ ވަރަށް ހިތްވަރުދިން ކަމަށެވެ.
ޔާންގެ ބޮލުން ބޮޑު ތަނެއް، ކޮންމެ އޮޕަރޭޝަނަކަށް ކަފާލާއިރު ސުޒާނާ ބުނީ އެތަންތަނުގައި ހުންނަ ރޮދި ތަކާއި ޖަހާފައި ހުންނަ ހީރަސް ނައްޓަނީ އޭނާގެ އުނގުގައި ޔާން ބައިދައިގެން ކަމަށެވެ. ހިތަށް ކިތަންމެ އަސަރެއް ކުރި ނަމަވެސް ހިތްވަރު ލިބެނީ ސިރާނީ ބުނި ބަސްތައް ހަނދާންވުމުން ކަމަށެވެ. އެމްއާރްއައި ހަދަން ޖެހުނަސް ކިތަންމެ ކުޑަ ކަމެއް ކުރަން ޖެހުނަސް ޔާން ހޭނައްތާ ކަމަށް ސުޒާނާ ބުންޏެވެ. އެ ހޭނައްތާ ކޮންމެ ފަހަރަކު ސުޒާނާގެ އުނގުގައި ޔާން ބައިންދާފައި ހަތަރު އިންޖެކްޝަން ޖަހާ ކަމަށް އޭނާ ބުންޏެވެ.
" އެ ހަތަރު އިންޖެކްޝަން ޖެހީމަ އެ ކުއްޖާ މި ވެއްޓެނީ އަހަރެންގެ އަތްދަނޑި މައްޗަށް ހޭނެތިގެން. ވަރަށް އަސަރުކުރޭ އެގަޑިގަ. ވަރަށް ހިތްދަތިވޭ. އެކަމަކުވެސް ޔާންގެ ހިތްވަރަށް ހަމަ ސާބަސްދެން. އެ ކުއްޖާއަށްޓަކާ ކޮންމެ ފަދަ ގުރުބާނީއެއްވެސް ވާނަން." އޭނާ ބުންޏެވެ.
ތިން ވަނަ އޮޕަރޭޝަނެއް ކުރަންޖެހޭކަމަށް ޑޮކްޓަރުން އަނެއްކާވެސް ބުންޏެވެ. އެކަމަކު އޭގެ ކުރިން ކޮވިޑުގެ ސަބަބުން ރާއްޖެ އަންނަން ޖެހުނެވެ. ގަވާއިދުން ކީމޯ ދޭން ޖެހޭތީ ހުޅުމާލެއިން ތަނެއް ކުއްޔަށް ނަގައިގެން އެތާނގައި ދިރިއުޅެން ފެށި އެވެ. އެކަމަކު އަތްމަތި ހުސްވީ ތަނުގެ ކުލި ދައްކަން ޖެހި ފައިސާ ލިބޭނެ ގޮތެއް ނެތުމުންނެވެ. އެކަމަކު ރަށުގެ ޒުވާނުންނާއި އެކި އުމުރުފުރައިގެ މީހުންނާއި ނުވެސް ދަންނަ ފަރާތްތަކުގެ އެހީ ލިބޭތީ ތަނަށް ކުލި ދައްކައިގެން އުޅެވުނު ކަމަށް އޭނާ ފާހަގަކުރި އެވެ. އެމީހުންގެ ނަން އެއްވެސް މީހަކު ހާމަކުރަން ބޭނުން ނުވާތީ ސުޒާނާ ވަނީ އެއިން އެއްވެސް މީހެއްގެ ނަން ހާމަކުރަން އުޒުރުވެރިވެފަ އެވެ. ނަމަވެސް ހިތުގެ އެންމެ ފުންމިނުން އެ ހުރިހާ މީހުންނަށް އެ ދެމަފިރިން ޝުކުރު އަދާކުރެ އެވެ.
އާންމުންގެ ދީލަތީ އެހީއާއެކު ޔާންގެ އިތުރު އޮޕަރޭޝަނަކަށް އިންޑިއާއަށް ދިޔަ އެވެ. އެފަހަރުވެސް އެ އޮޕަރޭޝަން ކުރުމުން ވާނެ ގޮތާއި ހުރިހާ ކަމެއް ޑޮކްޓަރު ވަރަށް ރަނގަޅަށް ކިޔައިދިނެވެ. މީގެ ކުރިން ޔާންގެ ބޮލުން ނެގި ޓިއުމަރު ކޮބާހޭ ސުޒާނާ ޑޮކްޓަރާ ސުވާލުކުރުމުން ބުނީ އެ ޓިއުމަރު އެއްކޮށް ނުނެގޭ ކަމަށެވެ.
"އަޅުގަނޑު އެހީ ކޮބާހޭ ޓިއުމަރު. ޓިއުމަރުގެ 25 ޕަސެންޓު އަދިވެސް ހުރި ވާހަކަ ކުރިންވެސް ބުނި. އެ ހިސާބުން ޑޮކްޓަރު ބުނީ ޓިއުމަރު އެއްކޮށް ނުނެގެނީ ޓިއުމަރު އުފެދިފަ ހުރީ ޔާންގެ ލޯ ތެރެއިންނޭ. އެކަމަކު ބޮޑުވެފަ ހުންނަނީ ބޮލަށޭ. އެހެންވެ ދެ ލޮލުން ބަލަނީ ދެތަނަށޭ. އެހިސާބުން މި އެނގުނީ އޭރު އެ ދައްތަ ދެއްކީވެސް ރަނގަޅު ވާހަކައެއްކަން. ދެން ޑޮކްޓަރު ބުނީ ލޮލަށް ފެންނާނެ ކަމުގެ އުއްމީދެއް ނެތޭ. ކުރިންވެސް ދެއްކި ވާހަކަ. ދެން ބުނީ ޓިއުމަރު ހަމަ ކަހާށޭ ޖެހޭނީ. އެ އޮޕަރޭޝަންވެސް ކުރީދެން. ކީމޯ ވެސް ގަވާއިދުން ދެމުން ދިޔައީ." އޭނާ ކިޔައިދިނެވެ.
ސުޒާނާ ބުނީ މި އޮޕަރޭޝަނަށްފަހު ޔާން އަނެއްކާވެސް އައިސީޔޫއަށް ބަދަލު ކުރި ކަމަށާއި އޭރުވެސް ވެންޓިލޭޓަރާއި އެހެނިހެން ބައިވަރު މެޝިންތައް ގުޅާފައި ހުރި ކަމަށެވެ. ހޭއަރައިގެން ޔާން ވަރަށް ގަދަޔަށް ރޮއެ ހަދާ ކަމަށާއި ނަރުހުން ގާތަށްވެސް ނުދާކަން އޭނާ ފާހަގަކުރި އެވެ.
"އެތަނަށް ދެން އަހަރެން ވެއްދީ. އެތަން ވަރަށް ފިނި. ހީކަރުވައިގެން ތުރުތުރު އަޅާ. އެހެން ގަޑި ދެގަޑި އިރު އިނދެފަ ނިކުންނަނީ. ދެން ޔާން ކުރިން ބާއްވާފަ އޮތް ރޫމްވެސް ދޫކޮށްލަން ޖެހުނީ. ވަރަށް ހާލުގަ ވަރަށް ހިތްދަތިކޮށް އުޅުނީ. ރޯދަމަސްވީމަޔާއެއްކޮށް މި ތިބެނީ ރޯދަ ވީއްލާއިރު ކާއެއްޗެއް ކައިގެން އަނެއް ދުވަހު ރޯދަޔަށްވެސް. އެއްގޮނޑި ބަރި މަތިން އަނެއް ގޮނޑިބަރި މަތިން. ވަރަށް ހާލުގަ އުޅުނީ. އެކަމަކުވެސް ބޭނުންވީ ދަރިފުޅު." އޭނާ ކިޔައިދިނެވެ.
ސުޒާނާ ބުނީ މި އޮޕަރޭޝަނަށްފަހު ފުރަތަމަ ޔާން ދައްކާލުމުން ދުޅަވެފަ އޮތްވަރުން އެއީ ކާކު ކަންވެސް ނޭނގުނު ކަމަށެވެ. އަދި އެއްލޯ ވަރަށް ބޮޑަށް ދުޅަވެފައި ތަތްވެފައި ހުރި ނަމަވެސް އަނެއް ލޯ ހުޅުވައިގެން ޔާން އޮންނަ ކަމަށެވެ. އެކަމަކު އެ ލޮލުން ނުފެންނަ ކަން އެނގުނީ ޔާން ކުޅެން ގެންގުޅޭ ޓެބްލެޓު އޭނާ އަތަށް ދިނުމުން މި ޗާޖު ހުސްވެފަދޯއޭ ބުނެ ސުވާލު ކުރުމުން ކަމަށް އޭނާ ބުންޏެވެ.
"އެވަގުތު ވަލިއްތަ (އިންޑިއާގަ ހުންނަ ގޭ އަންހެންމީހާ) އަށް ގުޅާފަ ބުނިން ވަލިއްތަ އޭ ޔާން އަކަށް ނުފެނެޔޭ ޑޮކްޓަރަށް ގުޅާށޭ. ބުނީމަ ވަލިއްތަ ބުނީ ރުއިން ހުއްޓާލާފަ ހިތްވަރު ކުރާށޭ. އެހެން ބުނެފަ ފޯނު ބޭއްވިތާ އިރުކޮޅެއް ނުވެ ޑޮކްޓަރު އަތުވެއްޖެ. ދެން ބުނީ އަނެއް ލޯ ހުޅުވުނީމަ ފެންނާނެޔޭ. އެހެން ބުނީމަ އުއްމީދު ކުރެވުނީ ފެންނާނެ ކަމަށެވެ. ދެން ދުޅަތިރިވެފަ ލޯ ހުޅުވުނީމަ އެ ލޮލަށް ފެނޭ. އެހެންވެ ޑޮކްޓަރު ބުނީ ޓިއުމަރު އިނީ އަނެއް ލޮލުގައޭ. އެހެންވެޔޭ އެހާ ބޮޑަށް އަސަރު ކުރަނީ. ލޮލުގެ ޑޮކްޓަރަކަށް ދައްކާށޭ. ބުނީމަ އަޅުގަނޑުމެން އަމިއްލަ ހަރަދުގަ މަދޫރާއީއަށް ގޮސް ދެއްކީ. އެކަމަކު އެތާ ޑޮކްޓަރުން ބުނީ ޔާންގެ ލޮލުގެ ނާރުތައް ހުރީ ބުރިބުރި ވެފައޭ. އައިނެއް އެޅިޔަސް ނުފެންނާނެޔޭ." ސުޒާނާ ކިޔައިދިނެވެ.
މި ޝޯގެ ޕްރެޒެންޓަރު ކުރި ސުވާލަށް ޖަވާބު ދޭނެ ހިތްވަރެއް ހަމީދު ގައިގައި ނެތެވެ. ޔާންގެ ނަން ބުނެފައި ރޮވެން ފެށި އެވެ. ސުޒާނާ އެވާހަކަތައް ހިއްސާ ކުރަމުން ދިޔައިރުވެސް ހަމީދު އިރު އިރުކޮޅުން ބަޑިފަޅައިގެންދާތަން ފެނެ އެވެ. ހަމީދަށް ހަމަ އެކަނި ޖަވާބު ދެވުނީ އޭނާ ވަޒީފާ އަދާކުރާ ތަނާ ގުޅޭ ގޮތުން ކުރި ސުވާލަށެވެ. އެގޮތުން ހަމީދު މަސައްކަތް ކުރާ ފެނަކަ ކުންފުނިނ އެއް އަހަރު ވަންދެން ހަމީދު ދަރިފުޅުގެ ބަލި ހާލައިގެން ވަޒީފާއަށް ނުނިކުމެ ހުރި އިރުވެސް އެއްވެސް ރުފިޔާއެއް ކަނޑައިނުލައި ވަޒީފާއިންވެސް ވަކިނުކޮށް ބަރާބަރަށް މުސާރަ ދިން ކަން އޭނާ ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފަ އެވެ.
ޔާންގެ މޫނުމަތިން ފެނުނީ ހިނިތުންވުމެވެ. އެކަމަކު އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައި ހުރި އެތައް ވޭނެއް އެ ތުއްތު ކުއްޖާ ދިޔައީ ފޮރުވަމުންނެވެ.
ޔާންގެ ބަލި ހާލަތާ ގުޅެ ގޮތުން ސުޒާނާ ހިތްވަރުކޮށްފައި ވާހަކަ ދެއްކި ނަމަވެސް ހަމީދަށް އެ ހިތްވަރެއް ނުލިބުނެވެ. އެއީ ކެތްތެރިކަމުގެ ލާމަސީލު ނަމޫނާ ދެމަފިރިންނެވެ. ދަރިން ދެކެ އިންތިހާއަށް ލޯބިވާ ދެމަފިރިންކަން އާއިލާގެ މީހުންގެ ވާހަކަތަކުން އެނގެ އެވެ.
ޔާންގެ ހާލަތު އިތުރަށް ގޯސްވެ ހާލު ސީރިއަސްވެ މިމަހުގެ 23 ވަނަ ދުވަހު އައިސީޔޫއަށް ލިިއެވެ. ހާލު ސީރިއަސްވުމުން މިހާރު ވަނީ ރާއްޖެއިން ބޭރަށް ފޮނުވައިފަ އެވެ. ޔާންގެ ހާލު ކުރިއަށްވުރެ ރަނގަޅު ނަމަވެސް އާއިލާއިން ބޭނުންވަނީ ހެޔޮ ދުއާއެވެ. ދީލަތި އެހީ އެވެ.
ތުއްތު ޔާން އަށް އަވަސް ޝިފާއެއް މެދުވެރި ކުރައްވާތޯ "ވަން"ގެ ފަރާތުން ޔާންއަށް ހެޔޮ ދުއާ ކުރަމެވެ.
ޔާން އަށް އެހީތެރިވާން ބޭނުންވާ މީހުން ޔާންގެ މަންމަ ސުޒާނާގެ އެކައުންޓް ނަންބަރު ( 7706462415101) ރުފިޔާ އެކައުންޓު ނުވަތަ ސުޒާނާގެ ޑޮލަރު އެކައުންޓު ( 77300000004639 އަށް ޖަމާކުރުމަށް އާއިލާއިން ވަނީ އެދިފަ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް