ރިޕޯޓް

ރައިއޯލާ: ޕިއްޒާ ޝެފަކުން "ސުޕަ އެޖެންޓް" އަކަށްވި ދަތުރުގައި ނަފުރަތާއި ލޯބި!

މުޙައްމަދު ޝަމްޢޫން

ބަލިވެ އެނދުމަތީގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު ފުޓުބޯޅައިގެ ސުޕަ އެޖެންޓް، މިނޯ ރައިއޯލާ އިއްޔެ ވަނީ މަރުވެފައެވެ. ރައިއޯލާ މަރުވިކަން އާއިލާއިން ވަނީ ޔަގީން ކޮށްދީފައެވެ. އެފަދަ ޔަގީން ކަމަކަށް ސަމާލުކަން ދޭން މި ޖެހުނީ މީގެ ހަފުތާއެއް ކުރިން ރައިއޯލާ މަރުވި ކަމަށް މީޑިއާތަކުން ރިޕޯޓުކުރުމުން، ރައިއޯލާ "ވަރުގަދަ ބަސްތަކަކުން،" އެކަން ދޮގު ކުރުމުންނެވެ.

އެއީ ރައިއޯލާއެވެ. އޭނާއަކީ ކެރޭ، ސީދާ ސީދަލަށް ބުނާ، ހުނަރުވެރިވެސް އެޖެންޓެކެވެ. ހަމަ އެއާއެކު އެއީ އެންމެ ސާފު ސީދާ މީހާއަށް ނުވެދާނެއެވެ. އެންމެން ލޯބިން ފިރުމާ މީހަކަށް ނުވާނެއެވެ. ރައިއޯލާ އެތައް ތަރިންނެއް ތަމްސީލުކުރި އިރު، އޭނާގެ އޮތީ ގަދަ، ވަރުގަދަ ފަޅިއެއްގެ އިތުރުން "ކޮންޓްރަވާޝަލް" ވާހަކަތަކެކެވެ. ހާއްސަކޮށް އެތައް ބައެއްގެ ނުރުހުމާއެކު، ރައިއޯލާގެ ހުނަރަށް މުޅި ފުޓުބޯޅަ އިންޑަސްޓްރީވެސް ޖެހިލުންވެއެވެ. ރައިއޯލާއަކީ ފުޓުބޯޅަ ބަދަލުކޮށްލި، ބޮޑެތި ޓްރާންސްފާތަކެއްގެ މެދުގައި ހުރި "ސުޕަ އެޖެންޓުންގެ ކިންގް" އެވެ.

އުމުރުން 54 އަހަރުގައި ރައިއޯލާ މަރުވި ހަބަރާއެކު އޭނާގެ ކެރިއަރުގެ އުސްއަލިތަކަށް ވަނީ ނަޒަރު ހުއްޓިފައެވެ. އެޖެންޓަކަށް ވުމަށް ކުރި ދަތުރާއި، އޭގެ ކުރީގެ ތާރީހީ ހަނދާންތަކުގެ މައްޗަށެވެ. އެއީ ޝައުގުވެރިވެސް ވާނެ ވާހަކަތަކެކެވެ. އެ ވާހަކަތައް ފެށެނީ ކޯޗުންނާއި ކުޅުންތެރިންގެ ތެރެއިންނެވެ. ޝެފަކުން މަހުޖަހަނަކަށް ރައިއޯލާ ބަދަލުވީ ކިހިނެއްކަން ބަލައިލުން މުހިއްމެވެ.

ޕިއްޒާ ޝެފެއް، އެޖެންޓަކަށް ބަދަލުވީ ކުޑަކުޑަ "މަކަރަކުން"

ރައިއޯލާއަކީ އިޓަލީއަށް އުފަން އެޖެންޓެއް ނަމަވެސް، ޅަ އުމުރުގައި އޭނާ ހޮލެންޑްގެ ހާލެމްއަށް ހިޖުރަކުރިއެވެ. އެއީ އާއިލާއާ އެކުގައެވެ. އާއިލީ ވިޔަފާރިއަކީ ޕިއްޒާ ރެސްޓޯރެންޓެއް ހިންގުން ކަމަށްވީ އިރު، ރައިއޯލާއަކީ އެ ރެސްޓޯރަންޓުގެ ޕިއްޒާ ޝެފެއްވެސް މެއެވެ. ޕިއްޒާ ޝެފެއްގެ މަސައްކަތުގައި އުޅެމުން ފުޓުބޯޅަ ކުޅެން ކޮންމެވެސް ވަރަކަށް މަސައްކަތް ކުރި ނަމަވެސް އުމުރުން 18 އަހަރުގައި ރައިއޯލާ އެކަން ހުއްޓާލިއެވެ.

ފުޓުބޯޅަ ހުއްޓާލައކ ގާނޫނީ ދާއިރާއިން ކިޔަވަން ފެށީވެސް ފައިސާ ހޯދަން ރެސްޓޯރަންޓުގައި އުޅެމުންނެވެ. ހޮލެންޑަކީ ކުޅިވަރުގެ، ވަކިން ހާއްސަކޮށް ފުޓުބޯޅައިގެ ތަފާތު ސަގާފަތެއް އޮންނަ ގައުމަކަށް ވެފައިވުމާވެސްއެކު، ލޯ ކިޔަވަން ފަށައި، ރައިއޯލާ ވަނީ އާދައިގެ ކްލަބެއްގެ ތެރޭގައި މަސައްކަތްކުރަން ފަށައިފައެވެ. ފުޓުބޯޅައަށް ހުންނަ ލޯތްބެއްގެ ސަބަބުން ރައިއޯލާ އާދައިގެ ކުޑަ ކްލަބެއްގެ ސްޕޯޓިން ޑިރެކްޓަރުކަން އޭރު ކޮށްފައިވެއެވެ. އެކަންކަމުގެ ތެރެއިން ތަޖުރިބާތައް ހޯދަމުން ގޮސް، ރައިއޯލާ ވަނީ ހަތް ބަހުން ވާހަކަ ދައްކަންވެސް ފަރިތަކޮށްފައެވެ. އެޖެންޓަކަށް ބޮޑު މަންފާއެއް އޮތް ކަމެއް މެއެވެ. ރައިއޯލާއަކީ އިޓާލިއަން، ޕޯޗުގީޒް، ސްޕެނިޝް، ޖާމަންގެ އިތުރުން ފްރެންޗާއި ޑަޗް އަދި އިނގިރޭސިން ރަނގަޅަށް ވާހަކަދައްކަން އެނގޭ އެޖެންޓެކެވެ.

އޭރުވެސް އެޖެންސީއެއް ރާޑަރަށް އެރުމަށް ރައިއޯލާ ދިޔައީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން ރައިއޯލާއަށް ފުރަތަމަ ފުރުސަތެއް ލިބުނީ 1993 ވަނަ އަހަރުއެވެ. އެއީ ހޮލެންޑްގެ އަޔެކްސްއިން، އެ ކްލަބުގެ ތަރި ޑެނިސް ބާކޭމްޕް އިންޓަ މިލާނަށް ބަދަލުވި ޓްނާސްފާގެ ތަރުޖަމާނަކަށް ހަރަކާތްތެރިވުމުގެ ފުރުސަތެވެ. މަސައްކަތް ކުރީ މަޝްހޫރު އެޖެންޓް ރޮބް ޖެންސަންއާ އެކުގައެވެ. އެ ފުރުސަތުންވެސް ރައިއޯލާގެ "ކްލެވާ" ކަން ދައްކާލީ ކުޑަކުޑަ މަކަރަކުންނެވެ. ޓްރާންސްފާގެ ތެރެއިން ރައިއޯލާ ނުކުތީ ހުރިހާ ލިޔެކިޔުންތަކެއްގެ ވަގު ކޮޕީތަކެއް ހިފައިގެންނެވެ. އެއީ އެޖެންޓުންގެ މަސައްކަތް ދަސްކުރުމަށެވެ.

އޭގެ ފަހުން ދުވަސްކޮޅެއް ވަންދެން ޖެންސަންގެ ކުންފުނީގައި ރައިއޯލާ މަސައްކަތް ކުރި ނަމަވެސް، ކުއްލިއަކަށް އަމިއްލަ އެޖެންސީއެއް ހުޅުވައި ޖެންސަންގެ ވާދަވެރިއަކަށް ވިއެވެ. ޖެންސަން އެއަށްފަހު އެންމެ ފަހު ދުވަހާ ޖެހެންދެންވެސް ރައިއޯލާއާ އަނގައިން ބުނެފައެއް ނުވެއެވެ.

ވަގު ކޮޕީތަކެއް ނެގުމަކީ ކުރަން އެންމެ އެކަށޭނެ ކަމެއް ނޫން ނަމަވެސް، އެ ފޮޓޯކޮޕީތަކަކީ "ސުޕަ އެޖެންޓް" ރައިއޯލާއެއް ބިނާކުރުމަށް ނުހަނު ބޭނުންތެރިވި އެއްޗެކެވެ. ޒްލަޓާން އިބްރާހިމޮވިޗާއި ޕައުލް ޕޮގްބާގެ އިތުރުން އާލިން ހާލަންޑް ފަދަ ސުޕަސްޓާ ކުޅުންތެރިންގެ އިތުބާރު ހޯދި ރައިއޯލާ ފެށީ އާދައިގެ ދިރިއުޅުމަކުންނެވެ. މިއަދު "ފެންސީ" ޔޮޓުތަކުގައި ވިޔަފާރި ޑީލްތައް ނިންމައި، ޕޮގްބާއާއެކު ބަހާމާސްއާއި ރާއްޖެ ފަދަ ގައުމުތަކުގައި ޗުއްޓީ ހޭދަކުރާ ރައިއޯލާގެ ކެރިއަރަކީ "ލޯތްބާއި އިތުބާރު، އަދި ކެހިވެރިކަމާއި ދޮގުވެރިކަންވެސް" ހިމެނޭ މަސްހުނި ކެރިއަރެކެވެ.

ކޯޗުންގެ ހަތުރެއް، ފާގަސަން ބުނީ "ތެލާއި ފެނާ" ކަމަށް

ރައިއޯލާއަކީ ވިޔަފާރި ސިކުނޑިއެއްގެ އެޖެންޓެކެވެ. ފުޓުބޯޅަ އާއިލާއެއްގެ އިހުތިރާމަށްވުރެ ބޮޑަށް އޭނާ ބަލަނީ އޭނާގެ ކްލައިންޓް، ކުޅުންތެރިންގެ ފުދުންތެރިކަމާއި، ހިތްހަމަ ޖެހުމަށެވެ. އޭގެ އިތުރުން "މިސްޓާ ތުރީ ހަންޑްރެޑް މިލިއަން" ގެ ނަމުން މަޝްހޫރު ރައިއޯލާއަކީ އިމެއްމިނެއް ނެތި، ޑީލުތަކުން ކޮމިޝަން ނަގާ އެޖެންޓެކެވެ. އެއީ ވިޔަފާރިއެވެ. އެހެން ނަމަވެސް އެކަންކަމަކީ ކޯޗުން އެހާ ގަޔާވި ކަންކަމެއް ނޫނެވެ. އެކަންކަމަކީ ފީފާއާއި ގައުމުތަކުގެ ފުޓުބޯޅަ އިދާރާތަކުގެ ނުރުހުންވެސް އަމާޒުވި ކަންތައްތަކެކެވެ.

ރައިއޯލާއާ ފުރަތަމަ ބައްދަލުވި ދުވަހުވެސް ކުރިން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަން ކުރި ސާ އެލެކްސް ފާގަސަންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ރައިއޯލާ ވަނީ ޕެޕް ގާޑިއޯލާއަށްވެސް ފާޑު ކިޔައި، ޖޯކުވެސް ޖަހައިފައެވެ. އޭގެ އިތުރުން ރޮބާޓޯ މާޓިނޭޒް އެވަޓަންގައި ހުރި އިރު، އޭނާވެސް ވަނީ ރައިއޯލާއަށް ފާޅުގައި ފާޑު ކިޔައިފައެވެ. ކޮންމެއަކަސް އެއީ ރައިއޯލާއެވެ.

"ރައިއޯލާއާ ފުރަތަމަ ބައްދަލުވި ދުވަހުވެސް އޭނާއަށް ނަފުރަތުކުރެވުނު. އަހަރެން ގަޔާނުވާ އުޅޭނީވެސް އެންމެ ދެ އެޖެންޓުން، އޭގެ ތެރެއިން އެކަކީ ރައިއޯލާ. ޕޮގްބާ ޒުވާން ދުވަސްވަރު އޭނާ ޔުނައިޓެޑްގައި ހުރީ ތިން އަހަރުގެ އެއްބަސްވުމެއްގައި. އަދި އެއް އަހަރަށް އެއްބަސްވުމަށްވެސް ހުރީ ތައްޔާރަށް. އެކަމަކު ރައިއޯލާ ދިޔަ ހިސާބުން މުޅިން އާދަޔާހިލާފު ކަންތައްތަކަކަށް ޕޮގްބާގެ ޓްރާންސްފާ ކަންކަން ބަދަލުވި،" ފާގަސަން ބުނެފައިވެއެވެ.

ރައިއޯލާ ދެކެ ފާގަސަން އެންމެ ފުރަތަމަ ނުރުހުނު ހިސާބަކީ އުމުރުން 19 އަހަރުގެ ޕޮގްބާ، 2012 ވަނަ އަހަރު ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުން ޔުވެންޓަސްއަށް ގެންދިޔަ ގެންދިޔުމާ ގުޅިގެންނެވެ. ރައިއޯލާ އެ ޑީލް ނިންމަން ޕޮގްބާގެ އާއިލާއަށްވެސް ވަރަށް ބޮޑަށް ޕްރެޝަރު ކޮށްފައިވެއެވެ.

"ރައިއޯލާއާއި އަހްނަނަކީ ފެނާއި ތެލާ. މި އެކެއް ނުވާނެ،" ޕޮގްބާގެ ޓްރާންސްފާ ކަންކަމުގެ ތެރެއިން ފާގަސަން ބުނެފައިވެއެވެ.

އެކަންކަމަށް ރައިއޯލާ ވަނީ ޖަވާބު ދީފައެވެ. އޭނާގެ ނަޒަރުގައި ޕޮގްބާ ޔުވެންޓަސްއަށް ގެންދިޔައީ "ޕޮގްބާގެ ކެރިއަރަށް ވިސްނާފަ"އެވެ.

"ޕޮގްބާގެ ހުރިހާ ކަމަކަށް އެންމެ ފުރިހަމަ ނިންމުން އެއީ. ވެދާނެ ފާގަސަންއަކީ އޭނާއަށް އާދެ ލައްބަ ކިޔާ މީހުންނަށް އެކަނި ގަޔާވާ މީހެއް ކަމަށް،" ރައިއޯލާ ބުނެފައިވެއެވެ.

މުޅިން އާދައިގެ ޓީޝާޓެއްގައި ހުންނަ އެޖެންޓް ރައިއޯލާގެ ނަޒަރުގައި އަބަދުވެސް ރުޅި އަންނާނެ ބަޔަކު އުޅޭނެއެވެ. އެހެންކަމުން އެހެން މީހުންގެ ނަޒަރިއްޔާތަށް، އެހެން މީހުން ރުއްސަން މަސައްކަތް ކުރުމަކީ ބޭކާރު ކަމެކެވެ.

ގަވާއިދާ ހިލާފަށް އެޖެންޓެއްގެ ގޮތުގައި އަމަލުކުރުމުން 2019 ވަނަ އަހަރު ފީފާ އާއި އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ރައިއޯލާ ވަނީ ތިން މަހަށް ސަސްޕެންޑްކޮށްފައެވެ. ރައިއޯލާއަށް އަދަބުދިން އެންމެ ބޮޑު އެއް ސަބަބަކީ ކުޅުންތެރިންގެ ޓްރާންސްފާތަކުގެ ތެރެއިން އޭނާ ނަގާ އެޖެންޓް ފީ ބޮޑުވުމެވެ.

ޅަ އުމުރުގައި ޕޮގްބާ ޔުވެންޓަސްއަށް ގެންގޮސް، އަނބުރާ ޔުނައިޓެޑަށް ގެންދިޔައީވެސް ހަމަ ރައިއޯލާއެވެ. ފަހުން ޕޮޮގްބާ ޔުނައިޓެޑަށް ދިޔައީ ދުނިޔޭގެ ރެކޯޑު 100 މިލިއަން ޕައުންޑްގެ އަގަކަށެވެ. އެ ޓްރާންސްފާއިން އެކަނި ރައިއޯލާއަށް 20 މިލިއަން ޕައުންޑް ލިބުނެވެ. އެއީ ރައިއޯލާގެ ސްޓައިލެވެ. އަގުމަތި ޓްރާންސްފާތަކުން ކްލަބުތަކުގެ ރައީސުންނާއި ކޯޗުން ނުރުހުނަސް ކުޅުންތެރިން އޭނާއަށް ލޯބި ދިނެވެ.

ކުޅުންތެރިންގެ އެކުވެރިއެއް، ލޯތްބާއި އިހުތިރާމް ދިން

ފިލްމީ ކެރެކްޓާ ޖެރީ "ޝޯ މީ ދަ މަނީ" މެގުއާގެ ލެގަސީއަށް ބިނާކޮށް ކުންފުންޏަށް ރައިއޯލާ ކިޔާފައިވާ ނަމަކީ މެގުއާ ޓެކްސް އެންޑް ލީގަލްއެވެ. ކުންފުނީގެ ފުރަތަމަ ބޮޑު ޑީލަކީ 1996 ވަނަ އަހަރު ޔޫރޯއަށް ފަހު ޕައުލް ނެޑްވެޑް ލާޒިއޯއަށް ބަދަލުވި ޓްރާންސްފާއެވެ. އެހެން ނަމަވެސް ރައިއޯލާ، ކުޅުންތެރިންނާއެކު އޮންނަ ގުޅުންތަކަށް ބަދަލު އައީ އޭރު އަޔެކްސްއަށް ކުޅެމުން ދިޔަ އިބްރަހިމޮވިޗާއެކު ބައްދަލުވި ބައްދަލުވުމަކުންނެވެ.

"ވިއާޑް މީހެއް އެއީ،" އެ ބަހަކީ ޒްލަޓާން، ރައިއޯލާ ބަޔާންކޮށްދޭން އެންމެ ފުރަތަމަ ފަހަރު ބުނި ބަހެވެ. އިސްކޮޅުގައި ފަސް ފޫޓު ހަތް އިންޗި ހުންނަ ރައިއޯލާ އިބްރަހިމޮވިޗާ ބައްދަލުވިއިރުވެސް ހުރީ ޕޯލޯ ޓީޝާޓަކާއި އާދައިގެ ޖީންސެއް ގައެވެ. އެހިސާބުން ޒްލަޓާން އުފެއްދި ސުވާލަކީ "އެއީ ހަގީގަތުގައިވެސް އެޖެންޓެއްތޯ؟" އަހައި، އުފެއްދި ސުވާލެވެ.

"އެއީ އެޖެންޓެއްތޯ ސުވާލު އުފެދުނު. ކާން ގެނައީ ފަސް ވަރަކަށް މީހުންނަށް ވާ ވަރަށް. އެކަމަކު ރައިއޯލާ އެކަނި އެ ހުރިހާ އެއްޗެއް ކައި ހުސްކޮށްލި،" ރައިއޯލާއާ ފުރަތަމަ ބައްދަލުވި ބައްދަލުވުމާ ގުޅިގެން ޒްލަޓާން ބުނެފައިވެއެވެ.

ޒްލަޓާންއާއި ރައިއޯލާގެ ގުޅުން އެފަދަ އާދައިގެ ގޮތަކަށް ފެށުނު ނަމަވެސް، އެއީ ލޯތްބާއި އިހުތިރާމްގެ ޒަމާންވީ ގުޅުމަކަށްވިއެވެ. ޒްލަޓާންގެ ކެރިއަރުގައި އަޔެކްސްއިން ގޮސް، އޭސީ މިލާން، ބާސެލޯނާގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީ ފަދަ ބޮޑެތި ކްލަބުތަކަކަށް ކުޅުނު އިރު، އެ ކާމިޔާބީތަކަކީ ރައިއޯލާގެ ސިކުނޑީގެ ކާމިޔާބީތަކެވެ. ޒްލަޓާން ބާސާއަށް ގެންގޮސް އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުން ނުކުރާތީ ގާޑިއޯލާއަށް ރައިއޯލާ ފާޅުގައި ފާޑު ކިޔުމުން ދައްކުވައިދިނީ ކުޅުންތެރިންނަށް ރައިއޯލާ ވާނެ ގުރުބާނީއެވެ. އެއީ ގުޅުމުގެ އަސްލެވެ.

ހަމަ އެ އުސޫލުން އެހެން ގިނަ ކުޅުންތެރިންނެއްގެ ދިރިއުޅުމާވެސް ރައިއޯލާ އޮތީ ގުޅިފައެވެ.

މާރިއޯ ބަލޮޓަލީގެ ކެރިއަރު އެންމެ ޕީކްގައި ރައިއޯލާ ބުނަމުން ދިޔައީ "ބަލޮޓަލީއަކީ އިޓަލީގެ ތާރީހަށް މުހިއްމު ތަރިކައެއް" ކަމަށެވެ. ކެރިއަރު އަޑި އަޅާލި ދުވަހު އަބަދުވެސް ބުނަމުން ގެންދިޔައީ ހަޔާތުގައި އެއްވެސް ކަމަކަށް މާ ބޮޑަށް ލަސް ނުވާނެ ކަމަށެވެ. ބަލޮޓަލީގެ ހިތްވަރަށެވެ. ކުޅުންތެރިންނާއެކު ޗުއްޓީތަކަށް ގޮސް، ރައިއޯލާ މަޖާކޮށް ހަދައެވެ. ބުނަން ޖެހޭ ބަސް ކުޅުންތެރިންނާ ދިމާލަށްވެސް ބުނާނެއެވެ. ގޯލު ނުޖަހާނަމަ ނުވިއްކޭނެ ކަމަށް ޒްލަޓާންއާ ދިމާއަށް ބުނެ، ޒްލަޓާން ފޯމަކަށްވެސް އަޅުވާލީ ހަމަ ރައިއޯލާއެވެ.

މީގެ ދެތިން އަހަރު ކުރީގެ ހިސާބުތަކުންވެސް ރައިއޯލާ ވަނީ އެޖެންޓް ފީގެ ގޮތުގައި 250 މިލިއަން ޕައުންޑް ނަގައިފައެވެ. ލާ ފޭރާމަކަށް ބަދަލެއް ނުގެނެސް، ރައިއޯލާ އުޅުނީ އާދައިގެ ސްޓައިލެއްގައެވެ. އެހެން ނަމަވެސް އޭނާ މަރުވި އިރު، މިލްކިއްޔާތުގައި 500 މިލިއަން ޕައުންޑަށްވުރެ ގިނަ ފައިސާ ހުރި ކަމަށް ބެލެވެއެވެ.

"އަހަންނަކީ މުޅި ދުނިޔެ ހިތްހަމަ ޖައްސަން އުޅޭ މީހެއް ނޫން. އަހަރެން ހުންނާނީ އަހަރެންގެ ކުޅުންތެރިންގެ ހިދުމަތުގައި،" ކުޅުންތެރިންނަށް ދިން ލޯތްބަށް ރައިއޯލާ ބުނެފައިވެއެވެ.

އެންމެ ފަހު ވަގުތާ ހަމައަށް ވެސް އޭނާ ދިޔައީ ޓްރާންސްފާތަކުގެ ވާހަކަ ދައްކަމުންނެވެ. މިދިޔަ ދެ ސީޒަންގައި ތާ އަބަދު ދެއްކީ ޑޯޓުމަންޑްގެ
ހާލަންޑްގެ ވާހަކައެވެ. ދުނިޔޭ ފުޓުބޯޅައިގައި އެންމެ ޑިމާންޑިން ކުޅުންތެރިޔަކަށް ހާލަންޑް ހަދައި، ރައިއޯލާ ވަނީ ކްލަބުތަކަށް ހާލަންޑް ވިއްކަން ދަތުރުތައް އަޅައި މަޝްވަރާވެސް ކޮށްފައެވެ. އެ ޓްރާންސްފާ ނުނިމި އޮއްވައި ރައިއޯލާ މަރުވުންވީ ފުޓުބޯޅައަށް ހިތްދަތި ކަމަކަށެވެ. ޔުނައިޓެޑް ދޫކޮށްލަން ތައްޔާރަށް ހުރި ޕޮގްބާވެސް ވަނީ އެޖެންޓް ރައިއޯލާގެ މަރުގެ ހިތްދަތި ކަމުގައި ބައިވެރިވެފައެވެ. ގެއްލުނީ "އެޖެންޓުންގެ ކިންގް" އެކެވެ. ކުޅުންތެރިންނަށް ލޯބިދިން މިތުރެކެވެ. ކޯޗުންނަށް ކެހިދިންވެސް ޝަހުސިއްޔަތެކެވެ.