އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަންގެ ތަށްޓަށް ވާދަކުރަމުން އަންނަ ލިވަޕޫލާއި މެންޗެސްޓާ ސިޓީން މިރޭ ކުޅުނު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.
ލީގުގައި ލިވަޕޫލާއި ސިޓީއަށްވެސް ދެން ބާކީ އޮތީ ހަތަރު މެޗެވެ. ދެޓީމު ތާވަލުގެ އެންމެ ކުރީގައި އޮތީ ޕޮއިންޓެއްގެ ފަރަގުންނެވެ. ލިވަޕޫލުން މިއަދު ކުޅުނު މެޗުގައި ފޯމުގައި އޮތް ނިއުކާސަލްގެ މައްޗަށް ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. ސިޓީން ލީޑްސް ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
ސިޓީން މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 34 މެޗުން 83 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލް ސިޓީ ފުލުގައި ވިއްދާފައި އޮތީ 34 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. މިވަގުތު ލީގު ތާވަލުގެ ތިންވަނައިގައި އޮތީ 33 މެޗުން 66 ޕޮއިންޓާއެކު ޗެލްސީއެވެ.
މިއަދު ހަވީރު ރަށުން ބޭރުގައި ލިވަޕޫލް ކުޅުނު މެޗުގައި ކުރިމަތިލީ ރަނގަޅު ރޫހެއްގައި އޮތް ނިއުކާސަލް ޓީމަކާ ދެކޮޅަށެވެ. މެޗަށް ލިވަޕޫލް ނުކުތީ މުހައްމަދު ސަލާހާއި ފަބީނިއޯގެ އިތުރުން ތިއާގޯ އަލްކަންޓްރާވެސް ފުރަތަމަ 11 ގައި ނުހިމަނައެވެ. އެޓީމުން މުހިއްމު ކުޅުންތެރިންތަކަކަށް ރެސްޓް ދިނީ މި ހަފުތާ ތެރޭގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގު އޮތުމުންނެވެ. ވިލަރެއާލްއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުން ލިވަޕޫލް 2-0 އިން މޮޅުވެފައި އޮތް ނަމަވެސް، ކޯޗު ޔާގަން ކްލޮޕް ވަނީ ދެވަނަ ލެގުގެ މެޗަށް ސަމާލުކަން ދީފައެވެ.
މެޗުގެ ކުރީކޮޅުގައި ނިއުކާސަލްއިން ލިވަޕޫލްގެ ފަހަތަށް ޕްރެސްކޮށް ރަނގަޅަށް ކުޅުނު ނަމަވެސް އިރުކޮޅެއްގެ ތެރޭގައި ލިވަޕޫލުން މެޗުގެ ކޮންޓްރޯލް ހޯދައި ލީޑުވެސް ނެގިއެވެ. ލިވަޕޫލްގެ ގޯލު ޖެހީ ނަބީ ކެއިޓާއެވެ.
ދެވަނަ ހާފުގައިވެސް ލިވަޕޫލުން ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް ހަމަލާތައް އުފައްދައިފައެވެ. ޑިއޭގޯ ޖޮޓާ އާއި ސަޑިއޯ މާނޭގެ ހަމަލާތައް ފާހަގަކުރެވުނު އިރު، ނިއުކާސަލް ކީޕަރު މާޓިން ޑެބްރުވާކާ ވަނީ ރަނގަޅު ސޭވްތަކެއްވެސް ކޮށްފައެވެ.
ސިޓީން ރަށުން ބޭރުގައި މިރޭ ކުޅުނު މެޗުގައި 4-0 އިން ލީޑްސް ބަލިކޮށްފައިވާ އިރު، އެޓީމުން ވަނީ މުޅި މެޗު އެއްކޮށް ޑޮމިނޭޓްކޮށް ކުޅެފައެވެ. ފުރަތަމަ ހާފުގައި ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅައަކުން ސިޓީއަށް ލީޑު ނަގައިދިނީ ރޮޑްރީއެވެ.
އެ ފޯމުގައި ސިޓީން ދެވަނަ ހާފުގައިވެސް ކުޅުނީ ރަނގަޅު ޓެމްޕޯއެއްގައެވެ. އެޓީމުން ފުލުފުލުގައި ހަމަލާތައް އުފައްދަމުން ގޮސް ދެވަނަ ހާފުގައި އިތުރު ގޯލުތައްވެސް ޖެހިއެވެ. ސިޓީގެ ދެވަނަ ގޯލު ނެތަން އަކޭ ޖެހި އިރު، ތިންވަނަ ގޯލެއް ޖަހައި ލީޑު ފުޅާކުރީ ގެބްރިއަލް ޖެސޫސްއެވެ. އަދި ނިމިނިމި އޮއްވައި ސިޓީގެ ކެޕްޓަން ފެނާންޑީނިއޯ ވަނީ އެޓީމުގެ ހަތަރުވަނަ ގޯލުވެސް ޖަހައިފައެވެ. ސިޓީގެ މެޗުގައި ސިޓީގެ ޒުވާން ތަރި ފިލް ފޮޑެން ވަނީ ދެ އެސިސްޓް ހަދައިފައެވެ.
ސިޓީން މި ހަފުތާ ތެރޭގައި ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ދެވަނަ ލެގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނަ އިރު، ފުރަތަމަ ލެގުގައި އޮތީ ރެއާލްގެ މައްޗަށް ކުރި ހޯދައިފައެވެ. ދެވަނަ ލެގަށް ކުޅުންތެރިންނަށް ރެސްޓް ދިނުމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މިރޭގެ މެޗް ކުޅެފައިވަނީ ކެވިން ޑިބްރޭނާ އާއި ރިޔާދު މަހަރޭޒް ނާރުވައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު