އަދާލާތު ޕާޓީގެ ދަފްތަރުގައި ނަން ހިމަނަން އެދި އެ ޕާޓީއަށް ލިބޭ ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް އަދާލަތުން ބުނެފިއެވެ.

އަދާލަތުން މިިހެން ބުނެފައި މިވަނީ، އޮޅުވާލައިގެން އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ކަމަށްވާ ޕީޕީއެމްގެ އާއިލާއެއް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ވެއްދި ކަމަށްބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނިންމައި އިއްޔެ އެކަން އިއުލާނުކުރުމުންނެވެ.

އެކަމަށް ރައްދުދިނުމަށް އަދާލަތު ޕާޓީން ރޭ ކުރި ޓުވީޓެއްގައި ބުނީ އެ ޕާޓީގެ ދަފްތަރުގައި ނަން ހިމަނަން އެދި އެ ޕާޓީއަށް ލިބޭ ފޯމުތައް އީސީއަށް ހުށަހަޅަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށާއި އެގޮތުން ފުރިހަމަކުރަން ޖެހޭ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަކުރާ ކަމަށެވެ.

"މި ޕާޓީއަށް ލިބޭ ފޯމެއް އެއީ ސައްހަ ނޫން ފޯމެއް ކަން އެނގިއްޖެ ނަމަ ނުވަތަ އެއްވެސް ފަރާތެއްގެ ނަން އުނިކުރުމަށް ހުށަހަޅުއްވައިފިނަމަ އެ ފަރާތެއްގެ ނަން މި ޕާޓީގެ ދަފްތަރުން މިހާރުވެސް އަންނަނީ އުނިކުރަމުން،" އަދާލަތުން ބުންޏެވެ.

ޕީއެންސީގެ ނައިބު ރައީސް، އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހީމް ޝުޖާއު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޮޅުވާލައިގެން ޕީޕީއެމްގެ އާއިލާއެއް އަދާލަތު ޕާޓީއަށް ވެއްދި ފޯމުގައި ޖަހާފައިވާ ފޯނު ނަމްބަރަކީ ވުޖޫދުގައިވެސް ނެތް ނަމްބަރެއް ކަމަށާއި އިނގިލީގެ ނިޝާންވެސް ދިމާނުވާ ކަމަށެވެ. އަދި ހެކިވެރިންނަށް ޖަހާފައިވާ ފަރާތްތަކަށް ގުޅުމުން އެއީ އެ ފަރާތްތައް ނޫން ކަމަށް މައުލޫމާތުދީފައިވާ ކަމަށާއި ނަންބަރަކީ ވެސް ނުބައި ނަމްބަރެއް ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ޝުޖާއު ވިދާޅުވީ، ޕީޕީއެމްގެ ދަފްތަރުގައި ތިބި މީހުން އެހެން ޕާޓީތަކަށް ބަދަލުކުރާ ވާހަކަދައްކަވަނީ ސަބަބުތަކެއް އޮވެގެން ކަމަށާއި މިފަހަރު އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

އިދިކޮޅު ޕީޕީއެމްގެ 5،000 މެމްބަރުން، އޮޅުވާލައިގެން އެހެން ޕާޓީތަކަށް ވަގަށް ވައްދާފައިވާ މައްސަލައެއް އެ ޕާޓީގެ ފަރާތުން ވަނީ މިމަހުގެ 16 ވަނަ ދުވަހު އީސީއަށް ހުށަހަޅައިފައެވެ.

ސިޔާސީ އެހެން ޕާޓީތަކުން ވެސް ވަނީ ޕާޓީގެ ދަފްތަރުގައި ތިބޭ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުކުރާ މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޕާޓީތަކުން ވަގު ފޯމު ހުށަހަޅާ މައްސަލަ ހުއްޓުވުމަށް އީސީން ވަނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބޭ މީހުން ފެންނާނެހެން އެ ކޮމިޝަންގެ ވެބްސައިޓުގައި ދަފްތަރު އާންމުކުރަން ނިންމައިފައެވެ. އަދި ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ތިބި މީހުންނަށް އެ މީހަކު ރަޖިސްޓްރީވެފައިވާ ޕާޓީ އެސްއެމްއެސް އަކުން އަންގަން ވެސް ވަނީ ނިންމައިފައެވެ.