ލިވަޕޫލް

ލިވަޕޫލް ސަޕޯޓަރުންނަށް ހިނިތުންވުން، ކްލޮޕުގެ އެއްބަސްވުން 2026 ވަނަ އަހަރާ ހަމައަށް އާކޮށްފި

ކާމިޔާބު ކޯޗު ޔާގަން ކްލޮޕް، ލިވަޕޫލާއެކު ވެފައިވާ އެއްބަސްވުން އިތުރު ދެ އަހަރަށް އާކޮށް، ކްލަބުގައި 2026 ވަނަ އަހަރާ ހަމައަށް މަޑުކުރަން އެއްބަސްވެއްޖެއެވެ.

އުމުރުން 54 އަހަރުގެ ކްލޮޕް 2015 ވަނަ އަހަރު ލިވަޕޫލުގެ ކޯޗުކަމާ ހަވާލުވެ، ހަދާފައިވާ އެއްބަސްވުން ހަމަވާން ކުރިން އޮތީ 2024 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށެވެ. އެހެން ނަމަވެސް އިތުރު ދެ އަހަރަށް އެއްބަސްވުން ދަންމާލުމާއެކު ލިވަޕޫލުގެ ސަޕޯޓަރުންނަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. ކްލޮޕާއެކު އޭނާގެ ކޯޗިން ޓީމު އެއްކޮށް އެއްބަސްވުން އާކޮށްފައިވެއެވެ.

"އެއްބަސްވުން އާކުރެވުމަކީ ލިބުނު ހިތްވަރެއް، އުންމީދެއް، އަދި އުފަލެއް. ވެރިން އެއްބަސްވުން އާކުރަން އައި ހިސާބުން ސުވާލުކޮށްލެވުނު އަދިވެސް ހިތްވަރު އެބަހުރިތޯ މިކަމައިގެން ކުރިއަށް ދާން. އަހަންނަށް އެ ހިތްވަރު ލިބެނީ މި ކްލަބުން. މި ކްލަބުގައި އެކަން ކުރެވޭނެ މާހައުލު އެބައޮތް. މިހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި،" އެއްބަސްވުން އާކޮށް، ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ އެއްބަސްވުން އާކުރަން އާނއެކޭ ބުނަން ނެގީ ކުޑަ ވަގުތުކޮޅެއް ކަމަށާއި، ލިވަޕޫލް ދެކެ އޭނާ ހިތުގެ އަޑިން ލޯބިވާކަން ޔަގީން ކަމަށެވެ.

ކްލޮޕުގެ ކޯޗުކަމުގެ ދަށުން ލިވަޕޫލުން މިހާތަނަށް 373 މެޗު ކުޅެފައިވާ އިރު، މޮޅުވުމުގެ ޕަސެންޓަކީ 61.39 އެވެ. އެއީ ފަހުގެ ތާރީހެއްގައި ލިވަޕޫލް ކޯޗެއްގެ ފަރާތުން ފެނުނު އެންމެ ރަނގަޅު ރެކޯޑެވެ. ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގުވެސް ލިވަޕޫލާއެކު ކްލޮޕް ކާމިޔާބުކޮށްފައިވާ އިރު، ކްލޮޕާއެކު އެ ކްލަބަށް އިނގިރޭސި ލީގު ލިބުނީ 30 އަހަރުގެ ދިގު އިންތިޒާރަކަށް ފަހުއެވެ.

ކްލޮޕާއެކު ލިވަޕޫލުން މި ސީޒަނުގައިވެސް ދަނީ ތާރީހު ލިޔެލަން މަސައްކަތް ކުރަމުންނެވެ. ލީގު ކަޕް ކާމިޔާބުކޮށް އެފްއޭ ކަޕްގެ ފައިނަލަށްވެސް ލިވަޕޫލް ދަތުރުކޮށްފައިވާ އިރު، ލީގު ހޯދުމުގެ ފުރުސަތުވެސް އެބައޮތެވެ. އޭގެ އިތުރުން ލިވަޕޫލް އޮތީ ޗެމްޕިއަންސް ލީގުގެވެސް ސެމީ ފައިނަލުގައެވެ. އެހެންކަމުން އެ ކްލަބަށް މި ސީޒަނުގައި ހަތަރު ތަށި ހޯދުމަށް ފުރުސަތު އެބައޮތެވެ. މީގެ ކުރިން އެއްވެސް އިނގިރޭސި ކްލަބަކަށް އެ ކާމިޔާބީ ހޯދިފައެއް ނުވެއެވެ.