ޚަބަރު

މީހަކު މެރުމުގައި ބައިވެރިވި މީހެއްގެ ގޮތުގައި މަޝްހޫރުވީ މީޑިއާގެ ސަބަބުން: ލަމްހާ

އިބްރާހިމް ޒަކީ

1

ޝަރީއަތުގެ މަޖިލީހަށް މީޑިއާތަކުން ވަދެ ސޯޝަލް މީޑިއާގައި ފަތުރާ ހަބަރުތަކުގެ ސަަބަބުން، އޭނާގެ މައްޗަށް ތުހުމަތު ކުރާގޮތަށް، މީހަކު މެރުމުގައި ބައިވެރިވި މީހެއްގެ ގޮތުގައި ޖަލުތެރޭގައި އޭނާ މަޝްހޫރު ވެފައިވާ ކަމަށް، އައިޖީއެމްއެޗުގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާކުރާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު، ބުނެފިއެވެ.

އޭނާ މިހެން ބުނީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަމުންނެވެ.

ލަމްހާއަކީ މޭރީ މަރައިލިކަމަށް ތުހުމަތު ކުރާ އޭނާގެ ފިރިމީހާ، މާވިންގެ ލޯބިވެރިޔާއެވެ.

މޭރީގެ މަރުގެ މައްސަލައިގައި، މާވިންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ނަމަވެސް އެ މައްސަލައިގައި ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވެއެެވެ. އޭގެ ތެރޭގައި ހިމެނެނީ، އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު އޮތީ ލަމްހާގެ ބަންދު މުރާޖައާކުރުމާބެހޭ ގޮތުން އޮތް އަޑުއެހުމެވެ.

ކުރީ ދުވަހެކޭ އެއް ފަދައިން މިއަދުގެ އަޑުއެހުމުގައި ވެސް ލަމްހާ އާއި އޭނާގެ ދިފާއީ ވަކީލު ވަނީ އޭނާގެ ބަލި ހާލު ޝަރީއަތަށް ހާމަ ކޮށްދީ އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށް ސާބިތު ކުރުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން، އެންމެފަހުން ބޭއްވި އަޑުއެހުމުގައި، އޭނާއަކީ "ޑިސްކް ޑީޖެނެރޭޓިވް ޑިޒީސް"އަށް ޑައިގްނޯޒްކޮށްފައިވާ މީހެއް ކަމަށްވާތީ، ފެން ބާލިދި އުފުލަން ތަކުލީފަކަށްވާ މައްސަލަ ސަމާލު ކަމަށް ގެނައުމުން، ފެން ބޭނުންކުރަން ހޮޅިގަނޑެއް ހަމަޖައްސާފައިވާތީ، މިއަދު ލަމްހާ ބުނީ އެއީ ދެ ފޫޓު ހަމަވާ ވަރުގެ ހޮޅިއެއް ކަމަށާއި، މަތީގައި ހުންނަ އިސްކުރެއްގައި އެ ހޮޅި ހަރު ކުރުމުން ބާލީދީއަށް ފެން އަޅަން އުނދަގޫވާ ކަމަށެވެ. އަދި ޖަލު ގޮޅީގައި ދެން ތިބި އެހެން މީހުންނަށް އެ ހޮޅީގެ ސަަބަބުން އުނދަގޫވާ ކަމަށް ވެސް ބުންޏެވެ.

އޭނާގެ ބަލި ހާލަތަށް ޖަލުގައި ތިބި މީހުންގެ އެހީތެރިކަންވެސް ނުލިބޭ ކަމަށާއި، އެމީހުންގެ އެހީތެރިކަން ނުލިބެނީ މީޑިއާގެ ސަބަބުން ކަމަށްވެސް ބުންޏެވެ. އެގޮތުން މީޑިއާ އިން ޝަރީއަތުގެ މަޖިލީހަށް ވަދެ ހެދުމުގެ ސަބަބުން، ޖަލުތެރޭގައި އޭނާ މަޝްހޫރުވެފައި ވަނީ، މޭރީ މަރައިލުމުގައި ބައިވެރިވި މީހެއްގެ ގޮތުގައި ކަމަށްވެސް ބުންޏެވެ. އެހެންކަމުން އޭނާއަކީ އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަން ޖެހޭ މީހެއްގެ ގޮތުގައި އެމީހުން ނުދެކޭ ކަމަށްވެސް ބުންޏެވެ.

ލަމްހާގެ ބަންދާ ގުޅޭގޮތުން އޭނާގެ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ، ލަމްހާއަކީ މީގެ ކުރިން ދުވަހަކުވެސް އެފަދަ ތުހުމަތެއް ކޮށްފައިވާ މީހެއް ނޫން ކަމަށާއި، އޭނާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއްވެސް ނޫން ކަމަށެވެ. އޭނާއަކީ ސީރިއަލް ކިލާއެއް ނޫން ކަމަށާއި އެހެންކަމުން އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބެލެވެން ނެތް ކަމަށެވެ.

ހަމައެކަނި މަރުގެ މައްސަލައެއްގައި ދައުވާ ކުރުމަކީ، އެމީހަކު، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ ކަމެއްނޫން ކަމަށާއި، ލަމްހާގެ ފަރާތުން މުޖުތަމައަށް ނުރައްކާވާނެ ކަމުގެ ހަރުދަނާ ސަބަބެއް ދައުލަތަށް ހުށަހެޅިފައި ނުވާތީ، ޝަރުތުތަކާއެކު ލަމްހާ ބަންދުން ދޫކޮށްލުމަށް ވެސް ވަކީލު ހުށަހެޅުއްވިއެވެ.

ލަމްހާގެ ސިއްހީ ހާލާތާބެހޭގޮތުން ވަކީލު ޔާމީން ވިދާޅުވީ، ލަމްހާއަށް ބެޑްރެސްޓް ބޭނުންވާކަމަށް ޑޮކްޓަރުން ލަފާދީފައިވާކަމަށެވެ. އަދި އޭނާގެ ބައްޔަކީ ފުރާނައަށް ނުރައްކާ ވެދާނެ ކަމެއް، މެދުވެރިވެދާނެ ބައްޔެއް ކަމުން 30 ދުވަހަށް ބެޑްރެސްޓް ކުރެވޭފަދަ ގޮތަށް ބަންދަށް ލުޔެއް ދެއްވުމަށްވެސް ވަކީލު އެދިވަޑައިގަތެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ، ބަންދު މުރާޖައާގެ މަޖިލީހަކީ ކަރެކްޝަންސްގެ މަދަނީ ޒިންމާ އަދާކުރާ މިންވަރު ބަލައި، ފަނޑިޔާރުން އެކަމަށް ގޮތް ނިންމަވަން ޖެހޭ މަޖިލީހެއް ނޫންކަމަށެވެ. އަދި ސިއްހީ ކަންކަމާ ގުޅިގެން ކަރެކްޝަންސްއިން އަޅަން ޖެހޭ ފިޔަވަޅު ނޭޅުމަކީ ޝަރީއަތް ނިމެންދެން މީހާ ބަންދު ކުރުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނޫން ކަމަށްވެސް ބުންޏެވެ. މީގެ އިތުރުން، ޑޮކްޓަރުންގެ ލަފާގެމަތިން ލަމްހާއަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ކަރެކްޝަންސްއިން މަސައްކަތްކޮށްފައިވާ ކަމަށްވެސް ދައުލަތުން ބުންޏެވެ.

މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި ލަމްހާގެ ބަންދު މުރާޖައާ ގުޅޭގޮތުން ނިންމަވާ ގޮތެއް އަންގަވާނެ ކަމަށެވެ. އަދި މިވަގުތު ލަމްހާގެ ބަންދު ދެމެހެއްޓެވުމަށް ވެސް ގާޒީ ނިންމެވިއެވެ.